17 އޮކްޓޯބަރ 2024
މެޑިކަލް ޑޮކްޓަރުކަން ކިޔަވަން ހޭދަކުރި ބުރަ އަށް އަހަރަށް ފަހު، ސިކުނޑި ހަމަޖައްސާލައި އުފާވެރި ދުވަސްތަކެއް ހޭދަކޮށްލުމުގެ އުންމީދުގައި ޝީ އޭނާގެ ލޯބިވެރިޔާ ޝިއުއާ އެކު ރާއްޖެ އައީ ކުރިމަގަށް ކުރާ ގިނަ އުއްމީދުތަކަކާ އެކު އެވެ. އެކަމަކު ހުރިހާ ކަމެއް ބަދަލުވީ ދިމާ އިދިކޮޅަށެވެ.
މެޑިކަލް ޑޮކްޓަރުކަން ކިޔަވަން ހޭދަކުރި ބުރަ އަށް އަހަރަށް ފަހު، ސިކުނޑި ހަމަޖައްސާލައި އުފާވެރި ދުވަސްތަކެއް ހޭދަކޮށްލުމުގެ އުންމީދުގައި ޝީ އޭނާގެ ލޯބިވެރިޔާ ޝިއުއާ އެކު ރާއްޖެ އައީ ކުރިމަގަށް ކުރާ ގިނަ އުއްމީދުތަކަކާ އެކު އެވެ. އެކަމަކު ހުރިހާ ކަމެއް ބަދަލުވީ ދިމާ އިދިކޮޅަށެވެ.
ޝިއު އާއި އޭނާގެ ލޯބިވެރިޔާ ޝީ، 27، ރާއްޖެ އައީ މި މަހުގެ 10 ވަނަ ދުވަހު އއ. ރަސްދޫގެ ގެސްޓް ހައުސްގައި ޗުއްޓީ ހޭދަކުރާށެވެ. އެއީ ޗައިނާގެ ދެމަފިރިއަކު ހިންގާ ގިނަ އަދަދަކަށް ޗައިނާ ޓޫރިސްޓުން އަންނަ ތަނެކެވެ. ގެސްޓް ހައުސްގެ އިތުރުން އެކްސްކާޝަން ސެންޓަރެއް ވެސް އެ ދެމަފިރިންގެ ބެލުމުގެ ދަށުން ރަސްދޫގައި ހިންގަ އެވެ.
މިދިޔަ އާދިއްތަ ދުވަހު ޝީ އާއި ޝިއު އެކްސްކާޝަން ދަތުރެއްގައި ދާން ނިންމީ، ގެސްޓް ހައުސް ހިންގާ ދެމަފިރިން ދިން ބޮޑު ޔަގީންކަމަކާ އެކު އެވެ. އެ މީހުންނަކީ ރަސްދޫގައި އެންމެ ޕްރޮފެޝަނަލްކޮށް އެންމެ ރަނގަޅު ހިދުމަތެއްދޭ ތަން ކަމުގެ ޔަގީންކަން ދިނެވެ. ޝީ އާއި ޝިއު އަކީ އަލަށް ޗައިނާ އިން ބޭރަށް ދަތުރުކުރާ އަދި ފަތަން ވެސް ދަންނަ ބައެއް ނޫނެވެ.
"އަހަރެމެން އާދިއްތަ ދުވަހުގެ ހެނދުނު 10 ޖަހާއިރު އެކްސްކާޝަނަށް ފުރީ 11 ޓޫރިސްޓުންނާ އެކު. އޭގެ ތެރޭގައި ދުވަސްވީ މީހުން ވެސް ތިބި. ދެން ތިބީ ގެސްޓް ހައުސްގެ ބޮސް އާއި ޗައިނާ މުވައްޒަފެއް އަދި ދިވެހި މުވައްޒަފެއް. އަހަރެންނަށް ފަހުން އެނގުނީ އެ ތިން މީހުންގެ ވެސް މިކަމަށް ބޭނުންވާ ލައިސެންސާއި ގާބިލްކަން ނެތްކަން،" ޝިއު ބުންޏެވެ.
އެކްސްކާޝަން ދަތުރުގައި ދިޔައީ ރަސްދޫ ކައިރީގައި އޮތް މިޔަރު ޕޮއިންޓަކަށެވެ. އެތަނަށް ދެވުމާ އެކު، ސްނޯކްލިންއަށް ދިޔުމަށް ބޭނުންވާ ސާމާނު އަމިއްލަައަށް އެޅުމަށް އިރުޝާދު ދިން ކަމަށާއި ނަމަވެސް، އެ އަޅަންވީ ގޮތް ސާފުކޮށް ނުދޭ ކަމަށް ޝިއު ބުންޏެވެ. އެ މީހަކަށް އެނގުނު ގޮތަކަށް، އެ މީހުން އަޅާ ގޮތް ބަލައިގެން އެކަން ކުރީ ކަމަށް އޭނާ ބުންޏެވެ.
އެތަނަށް ގޮސް ސްޕީޑްބޯޓް މަޑުކޮށްލުމާ އެކު ޝިއުއަށް އެތަނުގެ އޮއިވަރު ވަރަށް ގަދަކަން ފާހަގަވެ، މޫދަށް ފުންމާލުމަށް އޭނާ އިންކާރުކުރި އެވެ. އެކަމަކު، ގެސްޓް ހައުސްގެ ވެރިޔާ އޭނާ މޫދަށް ކޮށްޕާލަން އުޅޭތީ އެހެން މީހެއްގެ އަތުގައި ހިފައިގެން މޫދަށް ފޭބީ ކަމަށާއި އެއާ އެކު ހާސްވެ މޫދުން ނެގުމަށް ތަކުރާރުކޮށް އޭނާ އެދެމުންދިޔަ ކަމަށް ބުންޏެވެ.
ރަސްދޫގެ މަގެއް: ޝީގެ މަރަށް އިންސާފު ހޯދަން ޝިއު ދަނީ މަސައްކަތް ކުރަމުން
"މޫދަށް އެރުމުގެ ކުރިން ލައިފްޖެކެޓެއް ދޭން އަހަރެން އެދުނިން. އެކަމަކު އެކަމަށް ސަމާލުކަމެއް ނުދިން. ބުނަމުން ދިޔައީ އަމިއްލަ ނަފުސަށް އިތުބާރުކޮށް މޫދަށް ފުންމާލާށޭ. އަހަރެންނަށް ސާފު ނުވާ ކަމަކީ ލައިފްޖެކެޓް އެންމެންނަށް ވާ މިންވަރަށް ބޯޓްގައި ހުރި ނަމަ، އަހަރެން އެދުމުގެ މަތިން އެ ލައިފްޖެކެޓް ނުދޭންވީ ކީއްވެހޭ،" ޝިއު ބުންޏެވެ.
ދިހަ ވަރަކަށް މިނެޓް ސްނޯކްލިން ކުރުމަށް ފަހު ޝިއު، އޭނާގެ ލޯބިވެރިޔާ ހޯދަން ފެށި އެވެ. ނަމަވެސް، އެއްވެސް ދިމާއަކުން އޭނާ ފެންނާކަށް ނެތެވެ.
"ދެން އަހަރެންނަށް އިހުސާސްވެއްޖެ ކަމެއް ގޯސްވެއްޖެ ކަން. އަހަރެން އަވަހަށް ބޯޓަށް ނެގުމުން އާދޭސް ކުރަން ފެށިން. އެއާ އެކު އަހަރެން ބޯޓަށް ނަގައިފި،""މިހާރު" އަށް ޝިއު ކިޔައިދިނެވެ
"ދެން ހޯދުމުން ވެސް ޝީ ފެންނާކަށް ނެތް. ލޮލު ކޮޅަށް ވެސް ފެންނަން ނެތް. އަހަރެން އޭނާ ހޯދައިދޭން އާދޭސް ކުރަން ފެށިން. އެއާ އެކު އެންމެން ޝީ ފެނޭތޯ ބަލަން ފެށި."
އެ ތަނުން ޝީ ނުފެނުމުން ގެސްޓް ހައުސްގެ ވެރިޔާ ނިންމީ އޮއިވަރު އޮތް ކޮޅަށް ދުއްވަން ކަމަށާއި އޭނާއަށް ލަފާ ކުރެވޭ ގޮތުން ގާތްގަނޑަކަށް 15 ވަރަކަށް މިނެޓް ދުއްވި ފަހުން މޫދުގައި ބަނޑުން އޮވެ ޝީ އޮޔާދަނިކޮށް ފެނުނު ކަމަށް ޝިއު ބުންޏެވެ.
އެ މަންޒަރު ފެނުމާ އެކު، ރެސްކިއު އަދި ފަސްޓްއެއިޑް ދިނުމުގެ ލައިސެންސް އޮތް ޝިއު މަސައްކަތް ފެށީ، ޝީއަށް އަވަސް ފަރުވާދޭށެވެ.
"ލޯންޗުގެ ޑެކް މަތީ ހުރި ފިންްސްތަކާއި ފައިވާންތައް އެއް ފަރާތްކުރިން. ޝީ ބޯޓަށް ނެގުމާ އެކު އޭނާގެ ގައިގާ ހުރިހާ އެއްޗެއް ނައްޓައި، ހުސް ގަޔަށް ހެދުމަށް ފަހު ސީޕީއާރް ދޭން ފެށިން. އެކަން ކުރީ އަހަރެން، އެ ތަނުގެ ތިބި މުވައްޒަފުން އެކަމެއް ނުކުރި. ޗައިނާ މުވައްޒަފު ސީޕީއާރް ދޭން ވެސް އުޅުނު. އެކަމަކު އެކަން ކުރަން އޭނާއަކަށް ނޭނގޭ. އަވަސް ފަރުވާ ދޭނެ ވަސީލަތެއް ވެސް ނެތް،" ޝިއު ބުންޏެވެ.
"ހުއްޓުމެއް ނެތި ސީޕީއާރް އަހަރެން ދެމުންދިޔައީ. ސީޕީއާރް އެ ވަގުތު ހުއްޓާލުމަކީ އަހަރެންނަށް ލިބިފައިވާ އިލްމުން ކޮށްގެންވާނެ ކަމެއް ނޫން."
ސީޕީއާރް ދޭން އުޅުމުގެ ތެރޭގައި ޝިއުއަށް ލިބިފައިވާ އަނިޔާ --
އިރުކޮޅެއް ތެރޭ ލޯންޗު އެންމެ ކައިރީގައި އޮތް އއ. މަތިވެރިއާ އަރާ ހަމަވިއިރު، ޝީ ސިއްހީ މަރުކަޒަށް ގެންދަން ބަނދަރަށް ކައިރިކޮށްފައި އޮތީ ރަށު ޕިކަޕެކެވެ. އެއީ ޝިއުއަށް ސިހުން ލިބުނު ކަމެކެވެ. އެ ޕިކަޕަށް ޝީގެ ހަށިގަނޑު އުފުއްލާލަން އުޅުމުން ސީޕީއާރް ދިނުން ހުއްޓާލައިގެން ނުވާނެ ކަމަށް އޭނާ ބުނި ނަމަވެސް، އެކަމަށް އެކަމުގައި އުޅުނު މީހުން ސާމާލުކަން ނުދިން ކަމަށް އޭނާ ބުންޏެވެ.
"އެމީހާ ބުނީ އަހަރެމެންނަކީ ޕްރޮފެޝަނަލުންނޭ. އެހެން ކިޔާފައި ޝީ ރަށު ޕިކަޕަށް އަރުވައިގެން ގެންދިޔައީ. ސީޕީއާރެއް ނުދޭ. އަހަރެން ރަށު ޕިކަޕް ފަހަތުން ދުވެފައި ގޮސް އެއަށް އެރިން،" ޝިއު ބުންޏެވެ. ޝީ ގެއްލިގެން މައިވެރި ކައުންސިލަށް ރިޕޯޓް ކޮށްފައި އޮތް ނަމަވެސް، އޭނާ ގެނބިގެން މަރުކަޒަށް ފަރުވާއަށް ގެންދަން ސިއްހީ މަރުކަޒަށް އަންގާފައެއް ނުވެ އެވެ. އެމްބިއުލާންސްއަށް ވެސް ގުޅާފައެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި ޝީ އުފުލި ރަށު ޕިކަޕަކީ އެ ވަގުތު ބަނދަރު މަތީ އޮތް ޕިކަޕެކެވެ. މަތިވެރި ސިއްހީ މަރުކަޒު ހުންނަނީ ވެސް ބަނދަރާ ވަރަށް ކައިރީގަ އެވެ. "މަރުކަޒުގެ ކޮޓަރިއަކަށް ވައްދައި ޝީއަށް ފަރުވާދޭން ފެށި ކަމަށް ބުނި. އަހަރެންގެ ލައިސެންސް އޮތް ކަމަށް ބުނެ އެދުނިން ސީޕީއާރް ދޭން އަހަރެން އެ ތަނަށް ވައްދަން. އެކަމަކު އެ ފުރުސަތެއް ނުލިބޭ،" ޝިއު ބުންޏެވެ.
އެ ވަގުތު އެތަނަށް މަތިވެރި ޕޮލިސް ސްޓޭޝަންގެ ފުލުހަކު އައިސް އޭނާއަށް ތައާރަފުވި ކަމަށާއި އެކަމަކު، ކަން ހިނގި ގޮތާ ގުޅޭ ގޮތުން އެއްވެސް ސުވާލެއް ނުކުރާ ކަމަށް ޝިއު ބުންޏެވެ. އެތަނަށް ދިޔަ އެހެން ޓޫރިސްޓަކާ ވެސް ސުވާލު ނުކުރާ ކަމަށާއި ފުލުހުން ސުވާލުކުރީ ގެސްޓްހައުސްގެ ވެރިމީހާއާ އެކަނި ކަމަށް ބުނެ، ޝިއު ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
އިރުކޮޅެއް ފަހުން ނަރުހަކު އީސީޖީ މެޝިން ކޮޓަރިއަށް ވައްދާ މަންޒަރު ފެނުނު ކަމަށާއި އެ ހިސާބުން ޝީ މަރުވެއްޖެކަން އިއުލާން ކުރަން އުޅޭ ކަން އޭނާއަށް އެނގުނު ކަމަށް ޝިއު ބުންޏެވެ.
"ޝީގެ މަރު އިއުލާން ކުރުމަށް ފަހު، އޭނާގެ ހަށިގަނޑު މާލެ ފޮނުވަން ތައްޔާރުވި. އަހަރެންނަށް ދެން ފެނުނީ ހަށިގަނޑު ބަލައި އެމްބިއުލާންސް އައި ތަން. އެއީ އަހަރެންނަށް ވަރަށް ހައިރާންކަމެއް ލިބުނު ކަމެއް. އަހަރެންގެ ލޯބިވެރިޔާ މަރާ ހަނގުރާމަ ކުރަމުންދިޔައިރު އެމްބިއުލާންސްއެއް ނައި، އެކަމަކު ހަށިގަނޑު ބަލައި އެމްބިއުލާންސް ގެނެސްފި،" ޝިއު ބުންޏެވެ.
މަތިވެރިން ޝީ ހަށިގަނޑާ އެކު މާލެ އައިސް ޝިއު މިހާރު ހުރީ ހުޅުމާލޭގަ އެވެ. އޭނާ ވަނީ އެ މައްސަލައިގެ ތަހުގީގު މާލޭގެ ފުލުހުން ކޮށްދީ، މައްސަލަ އަވަހަށް ނިންމައިދޭން އެދިފަ އެވެ. އަދި އޭނާ ވަނީ ޓޫރިޒަމް މިނިސްޓްރީގެ އިސް ބޭފުޅުންނާ ހަމައަށް ވެސް ކަންބޮޑުވުންތައް ގެންގޮސްފަ އެވެ.
"އަހަރެން އިންސާފު ބޭނުންވޭ. އަހަރެން ބޭނުން ވަނީ ފައިސާތަކެއް ނޫން. އެމީހުންނަށް މިކަމުގައި ފިޔަވަޅު އެޅުން އަދި މިފަދަ ކަމެއް ދެން އިތުރަށް ތަކުރާރު ނުވުން. މިކަންކަން ރަނގަޅަށް ރެގިއުލޭޓް ކުރަން ސަރުކާރުން މަސައްކަތް ކުރުން،" ޝިއު ބުންޏެވެ.
ރާއްޖޭގެ ވަކީލުންގެ ޓީމަކާ ބައްދަލުކޮށް، ޝިއު ގެންދަނީ ގާނޫނީ ގޮތުން ކުރިއަށް ދާނެ ގޮތްތައް ވެސް ހޯދަމުންނެވެ. އޭނާގެ އަޒުމަކީ، ޝީއަށް އިންސާފު ހޯދައިދިނުމަށް ފަހު ނޫނީ ހުއްޓާނުލުމެވެ.
"ޝީ އަކީ އޭނާގެ މައިންބަފައިންގެ ހުރި ހަމައެކަނި ދަރިފުޅު. ތޫނުފިލި ކިޔަމަންތެރި ދަރިއެއް. އޯގާތެރި ބައިވެރިއެއް. އަހަރެން ދެ މީހުން ގަސްދުކޮށްގެން ޗުއްޓީ ހޭދަކޮށްލާފައި އިތުރަށް ކިޔަވަން ޔޫރަޕަށް ދާން. އެކަމަކު އެކަމެއް ދެނެއް ނުވާނެ،" ޝިއު ބުންޏެވެ.
"އަހަރެން ވެސް އެކަން މަޑުޖައްސާލާނަން. އަހަރެންގެ ހުރިހާ ވަގުތެއް ޝީއަށް އިންސާފު ހޯދައިދޭން ހުސްކުރާނަން. އޭނާގެ މަރަކީ އިހުމާލުތަކެއްގެ ނަތީޖާ."
ރިސޯޓެއްގައި ޗައިނާގެ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ
ޗައިނާގެ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ
ހަނީމޫނަށް މަރުގެ ނިމުމެއް، ދެއްކީ ހުސް އިހުމާލު!
ރަސްދޫގައި ޗުއްޓީ ހޭދަކުރަމުންއައި ޓޫރިސްޓަކު މަރުވެއްޖެ
ހަނީމޫނަށް ރާއްޖެއަށް ކުރި ދަތުރުގައި ގެނބިގެން މަރު
ފުވައްމުލަކުގައި ޑައިވިންއަށް ދިޔަ ޓޫރިސްޓަކު މަރުވެއްޖެ
ޓޫރިސްޓަކު މަރުވެފައި އޮއްވައި ދިއްފުށީ ފަޅުން ފެނިއްޖެ
ޗައިނާގެ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ
ޗައިނާގެ ޓޫރިސްޓަކު މަރުވެފައި އޮއްވާ ފެނިއްޖެ
ޗައިނާ ޓޫރިސްޓުންގެ އަދަދު ދެ ލައްކަ ހުރަސްކޮށްފި