Roadha Mihaaru
ރަސްދޫގައި ޗުއްޓީ ހޭދަކުރަމުންއައި ޓޫރިސްޓަކު މަރުވެއްޖެ

ރަސްދޫގައި ޗުއްޓީ ހޭދަކުރަމުން އައި ޓޫރިސްޓަކު މަރުވެއްޖެ

14 އޮކްޓޯބަރ 2024

އއ. ރަސްދޫގެ ބޭރުގައި ސްނޯކަލިން އަށް ގޮސް އުޅުނު ޗައިނާގެ ޓޫރިސްޓަކު އިއްޔެ މަރުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އއ. ރަސްދޫގެ ބޭރުގައި ސްނޯކަލިން އަށް ގޮސް އުޅުނު ޗައިނާގެ ޓޫރިސްޓަކު އިއްޔެ މަރުވެއްޖެ އެވެ.

އެއީ އެ ރަށުގެ ގެސްޓް ހައުސްއެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އުމުރުން 27 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ އެއީ ރަސްދޫ ކައިރީ އޮންނަ ގަންގެހި ރިސޯޓު ބޭރުގައި ސްނޯކެލިން އަށް ގޮސް އުޅުނު މީހެއް ކަމަށެވެ.

ރަސްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ، އޭނާ މަރުވި ކަމުގެ ރިޕޯޓު ލިބުނީ އިއްޔެ ހެނދުނު 11:22 ގައި ކަމަށެވެ. އެ ރަށު ހެލްތު ސެންޓަރަށް އޭނާ ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޗައިނާ ޓޫރިސްޓަކު މަރުވިއިރު މި މަހުގެ ހަތް ވަނަ ދުވަހު ވެސް ވަނީ ކ. މާފުށީގައި ސްނޯކެލިން އަށް ގޮސް އުޅެނިކޮށް އެ ގައުމުގެ ފިރިހެނަަކު މަރުވެފަ އެވެ. އެއީ އަނބިމީހާއާ އެކު ހަނީމޫނަށް އައި މީހެކެވެ.

އެ މައްސަލަ ބަލައި ފިޔަވަޅު އަޅައިދޭން އާއިލާގެ ފަރާތުން ފުލުހަށް ހުށަހަޅައިފައިވެ އެވެ.

އެ ހާދިސާއާ ގުޅޭ ގޮތުން "މިހާރު" އަށް އެނގިފައިވާ ގޮތުގައި ދެމަފިރިން ސްނޯކެލިން އަށް ދިޔައީ މޫސުން ގޯސް ދުވަހެއްގައި، ވޯޓަ ސްޕޯޓްސްގެ ހިދުމަތްދޭ ބައެއްގެ ހަވާލުގަ އެވެ. އެ މީހުން ގޮސް ތިބި ގެސްޓް ހައުސް އިން އެ ދުވަހު މޫސުން ގޯސްކަމުން އޮތީ ސްނޯކެލިން ކެންސަލްކޮށްފަ އެވެ.

އެކަމަކު މުޅިން އަލަށް ރާއްޖެ އައި ދެމަފިރިންނަށް، އެހެން ބަޔަކު ސްނޯކެލިންއަށް ދާ ތަން ފެނުމުން އެ މީހުންނާ އެކު ދިޔައީ އޭރު މޫސުން ރަނގަޅު ކަމަށް، އެ މީހުން ގޮވައިގެން ދިޔަ ވޯޓަ ސްޕޯޓްސް ހިދުމަތް ދޭ ތަނުން ބުނުމުން ކަމަށްވެ އެވެ.

ލައިފް ޖެކެޓާ އެކު އެމީހުން މޫދަށް އެރުވިޔަސް ފިރިހެން މީހާ ގެއްލިގެން ހޯދިއިރު އޮތީ ރަށުގެ ގޮނޑުދޮށަށް ލައްވެފައި އެވެ.