03 ނޮވެމްބަރ 2024
އެއީ މީގެ 36 އަހަރު ކުރި އެވެ. އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެ ރޭ އަވަހާރަފުޅު ލައްޕަވަން އުޅުއްވި ވަގުތު މާލެ އަށް ވަރަށް ގަދައަށް ގުގުރަ އެވެ. އެ ރޭ ދަންވަރު އެކެއް ޖަހައި ބޮޑުވެފައި ވަނިކޮށް، އަވަހާރަފުޅު ލެއްޕެވި އިރު ވެސް ގުގުރަ އެވެ. ފަތިހު 4:30 ހާއިރު ހޭފުޅު ލެއްވުމުން ވެސް އެ މަނިކުފާނަށް އިހުސާސްވީ ގުގުރަނީ ކަމަށެވެ. އެކަމަކު، އެއީ ހަގީގަތުގައި ބަޑީގެ ހަމަލާތަކެއްގެ އަޑުކަން ކުއްލިއަކަށް އެނގިވަޑައިގެން ވަގުތުން އެލާޓްވި އެވެ.
އެއީ މީގެ 36 އަހަރު ކުރި އެވެ. އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެ ރޭ އަވަހާރަފުޅު ލައްޕަވަން އުޅުއްވި ވަގުތު މާލެ އަށް ވަރަށް ގަދައަށް ގުގުރަ އެވެ. އެ ރޭ ދަންވަރު އެކެއް ޖަހައި ބޮޑުވެފައި ވަނިކޮށް، އަވަހާރަފުޅު ލެއްޕެވި އިރު ވެސް ގުގުރަ އެވެ. ފަތިހު 4:30 ހާއިރު ހޭފުޅު ލެއްވުމުން ވެސް އެ މަނިކުފާނަށް އިހުސާސްވީ ގުގުރަނީ ކަމަށެވެ. އެކަމަކު، އެއީ ހަގީގަތުގައި ބަޑީގެ ހަމަލާތަކެއްގެ އަޑުކަން ކުއްލިއަކަށް އެނގިވަޑައިގެން ވަގުތުން އެލާޓްވި އެވެ.
ނޮވެމްބަރު 3، 1988 ގެ ނުރައްކާތެރި ހަމަލާ ފެށުނީ އެވެ.
ރިޔާސީ ގަނޑުވަރު ތީމުގޭގެ ބަލަހައްޓަން ތިބި ސިފައިންނާއި ޑިފެންސް މިނިސްޓަރުގެ ނައިބު އިލްޔާސް އިބްރާހިމަށް ވަގުތުން ގުޅުއްވި އެވެ. އޭރު އިލްޔާސް ހުންނެވި ގެކޮޅު މއ. ކިނބިިގަސްދޮށުގެ އަށް ދުޝްމަނުން އަތުވެއްޖެ ކަމުގެ ޚަބަރު އިލްޔާސް ދެއްވި އެވެ.
ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސ. ހިތަދޫ ޕެރިސްހޮލިޑޭ އަހުމަދު ނާސިރު އިސްވެ، ތަމަޅައިންގެ 80 ވަރަކަށް މީހުން ގޮވައިގެން ހަތިޔާރާ އެކު މާލެ އަރައި ވެރިކަން ބަދަލުކުރުމުގެ އުދުވާނީ ހަމަލާގައި އެންމެ ބޮޑަށް އަމާޒުކުރާނީ މައުމޫން ހުންނެވި ތަނެއް ހޯދަން ކަން އެ މަނިކުފާނަށް އެނގިވަޑައިގަނެ އެވެ. އެހެންވެ، ޑިފެންސް މިނިސްޓަރުގެ ނައިބު އަދި މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ބޭބޭ އަށް ކުރެއްވި ކޯލަށް ފަހު އެންމެ ބޮޑު އިސްކަމެއް ދެއްވީ ރިޔާސީ ގަނޑުވަރު ތީމުގެ ދޫކުރައްވައި އެހެން ތަނަކަށް ވަޑައިގަތުމަށެވެ.
"ފުރަތަމަ ވިދާޅުވީ ކާރުކޮޅު ގެންނަން. އަޅުގަނޑަށް ހީވަނީ [މައުމޫންގެ] ހިތްޕުޅުގައި އޮތީ ސިފައިންގެ އަށް ވަޑައިގަންނަވަން ކަން ނޭނގޭ ފުރަތަމަ. ދެން އާދަމް ނައީމް [ތީމުގޭގެ] ވަލުދޮރާށިން ވަންނަވާފައި ވިދާޅުވެއްޖެ މިތާނގައި ވެސް އެބައުޅެއޭ މި ހިސާބުގައި ވެސް އެބައުޅެއޭ [ދުޝްމަނުން]. އެހެންވީމާ ކަމަކު ނުދާނެއޭ. [ތީމުގެ އިން] ހަމަ ނުކުމެވަޑައިގަންނަވަން ޖެހޭނެއޭ،" ނަސްރީނާ ވިދާޅުވި އެވެ.
މާން އެ ގެއަށް [ގުލިސްތާނުގެއަށް] ވަދެވަޑައިގެން ނަމާދު ކުރައްވައިގެން އެ އިށީންނެވި ގޮތަށް އެ އިންނެވީ ތެދުވެވަޑައިނުގެން. އެ މީހުން [އިންޑިއާ ސިފައިން] އަންނަންދެން އެންމެ ފަހަރަކު ކަން ނޭނގޭ ހިންދަމާލައްވަން ނުވާނެ 15 މިނިޓު ވެސް،"--- ނަސްރީނާ
ލުތުފީމެން މާލެ އަރައި ހަމަލަދިން އިރު، މައުމޫންގެ ބޭފުޅުންގެ ތެރެއިން މާލޭގައި ހުންނެވީ މިހާރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އެކަންޏެވެ. އެހެން ބޭފުޅުން ކަމަށްވާ ދުންޔާ މައުމޫނާއި ޔުމްނާ މައުމޫން އަދި ފާރިސް މައުމޫން އުޅުއްވީ ރާއްޖެ އިން ބޭރުގައި ކިޔަވާ ވިދާޅުވާށެވެ. އެހެންވެ، ތީމުގެ އިން މައުމޫނާއި ނަސްރީނާ އާއި އޭރު އެންމެ 8 އަހަރުގެ ޣައްސާން އަދި ނަސްރީނާ ބަލަހައްޓަވާ އަންހެން ކުއްޖަކު ގޮވައިގެން ތީމުގޭގެ ވަލުދޮރާށިން ހިންގަވާފައި ގިނިކަންޏާ ނުކުމެވަޑައިގަތެވެ. އެ ބޭފުޅުންނާ އެކު ހުރީ އެންމެ ބޮޑީގާޑެކެވެ.
މައުމޫންގެ ހަގު ދަރިކަލުން އަދި މިހާރުގެ ޑިފެންސް މިނިސްޓަރު ޣައްސާން: ނޮވެމްބަރު 3، 1988 ގެ ޓެރަރިސްޓް ހަމަލާ ދިން އިރު މައުމޫނާ އެކު ހުންނެވި ހަމައެކަނި ހުންނެވި ދަރިކަލަކީ އޭރު އުމުރުން 8 އަހަރުގެ ޣައްސާން އެކަނި.
"ޣައްސާން ހުރީ އެންމެ ކުރީގައި،" ނޮވެމްބަރު ތިނެއްގެ ޓެރަރިސްޓް ހަމަލައަށް 36 އަހަރު ފުރުމާ ދިމާކޮށް ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދެއްވި އިންޓަވިއުގައި މައުމޫން ވިދާޅުވި އެވެ.
ފުރަތަމަ ވަދެވަޑައިގަންނަވަން އުޅުއްވީ ތީމުގޭގެ ކައިރީގައި ހުންނަ އަސުރުމާގެއަށެވެ. އެކަމަކު، އަސުރުމާގޭގެ ވަލުދޮރާށި ތަޅުލާފައި ހުރުމުން ދެން ވަޑައިގަތީ ކައިރީގައި ހުރި ގުލިސްތާނުގެ އަށެވެ.
އަސަރުމާގެއަކީ އޭރު ވެސް އަދި މައުމޫންގެ ވެރިކަން ނިމެންދެން ވެސް ތީމުގޭގައި އެންމެ އަރިސްކޮށް އުޅުއްވި އާދަމް ނައީމްގެ ގެ އެވެ. ގުލިސްތާނުގެއަކީ ވެސް މައުމޫނާއި ނަސްރީނާގެ އާއިލާއާ ވަރަށް ގާތްބޭފުޅުން އުޅުއްވި ގެއެކެވެ.
ނޮވެމްބަރު ތިނަކާ ގުޅުވައިގެން މައުމޫނާއި ނަސްރީނާ އެކުގައި ތިއްބަވައިގެން ދެއްވި ފުރަތަމަ އިންޓަވިއުގައި އެކަމަނާ ވިދާޅުވީ، އޭރު އެ ބޭފުޅުންގެ ބޮޑީގާޑަކަށް ހުރި ސިފައިންގެ މީހާ ފިސްތޯލަ ނަގައިގެން އެންމެންނަށް ފެންނަ ގޮތަށް ހުރުމުން އެ ފިސްތޯލަ ފޮރުވަން ވެސް މައުމޫން އެެދިވަޑައިގަތް ކަމަށެވެ. އެއީ މައުމޫނާއި އާއިލާގެ ބޭފުޅުން ދުޝްމަނުންނަށް އެނގިދާނެތީ އެންގެވި އެންގެވުމެއް ކަމަށް ބެލެވެ އެވެ. އޭރު ވެސް ތީމުގެ ސަރަހައްދުގައި ތަމަޅައިން ބަޑި ހިފައިގެން އުޅޭ ކަން އާދަމް ނައީމްގެ ފަރާތުން މައުމޫނަށް އޮތީ އެނގިވަޑައިގެންފަ އެވެ.
ކުރީގެ ރައީސް މައުމޫން ޕީއެސްއެމަށް އިންޓަވިއު ދެއްވަނީ.
ގުލިސްތާނުގެ އަށް އެންމެ ހެނދުނާ ވަދެވަޑައިގެންނެވި ގޮތަށް އެ ގޭގެ ފެންޑާގެ އަނދަރާދަ ގޮނޑިއެއްގައި އިށީނދެވަޑައިގެންނެވި ގޮތަށް އެ މަނިކުފާނު ކޮޅަށް ތެދުވެވަޑައެއް ނުގެންނެވި އެވެ. ތިން ފޯނުން ހުއްޓުމެއް ނެތި މައުމޫން ގެންދެވީ އެކި ފަރާތްތަކަށް ގުޅުއްވަމުން ކަމަށް ނަސްރީނާ ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ، ސިފައިންގެ އިސްވެރިންނާއި ވަޒީރުންނާއި އެހެން ބޭފުޅުންނަށް ހިތްވަރު ދެއްވައި އަމަލު ކުރަންވީ ގޮތް އޭރު ވެސް ވިދާޅުވެދެއްވަމުން ގެންދެވި ކަމަށެވެ.
މި އިންޓަވިއުގައި ވެސް ނަސްރީނާ ފާހަގަކުރެއްވި އެންމެ ބޮޑު އެއް ވާހަކައަކީ އެއީ އެވެ. މައުމޫންގެ ކެރުމާއި ކަންކަމާ ކުރިމަތިލެއްވުމުގެ ގާބިލްކަމެވެ.
"މާން އެ ގެއަށް [ގުލިސްތާނުގެއަށް] ވަދެވަޑައިގެން ނަމާދު ކުރައްވައިގެން އެ އިށީންނެވި ގޮތަށް އެ އިންނެވީ ތެދުވެވަޑައިނުގެން. އެ މީހުން [އިންޑިއާ ސިފައިން] އަންނަންދެން އެންމެ ފަހަރަކު ކަން ނޭނގޭ ހިންދަމާލައްވަން ނުވާނެ 15 މިނިޓު ވެސް،" ނޮވެމްބަރު 3 ވަނަ ދުވަހު މައުމޫން ކުރެއްވި މަސައްކަތްޕުޅުގެ ހަނދާން އާކުރައްވަމުން ނަސްރީނާ ވިދާޅުވި އެވެ.
އެ ކަމަނާ ވިދާޅުވިގޮތުގައި ގުލިސްތާނުގޭގައި ތިބީ މުޅިން ވެސް އަންހެނުންނާއި ކުޑަކުދިންނެވެ.
"އަޅުގަނޑުމެން ތިބީމާ ބިރު ވެސް ގަންނަން ޖެހޭނެ ދެއްތޯ. އެކަމަކު އެހެނެއް ވެސް ނޫން. އިންޓަވަލް އަށް ފުރާޅުމައްޗަށް އަރައި އެ ގޭގައި ހުންނަ ކުރުނބާ ރުކުން ކުރުނބާ އަޅައިގެން އަޅުގަނޑުމެންނަށް ގެނެސްދީ ހެދި. އެހެންވީމާ ހުރިހާ ފަރާތަކުން ވެސް ފެނުނީ ހިތްވަރުގަދަކަން،"
ހަމަލާތަކުގެ ތެރޭގައި ތާށިވެފައި ތިބި ވަގުތު ބޭރުގެ މީޑިއާތަކުން ތަފާތު ދޮގު ވާހަކަތައް ވެސް ފަތުރަމުން ދިޔަ އެވެ. މައުމޫން އަވަހާރަކޮށްލައިފި ވާހަކަ އާއި އެ މަނިކުފާނު ބިޑި އަޅުވައިގެން ގެންދިޔަ ތަން ފެނުނު ވާހަކަތައް ބައިނަލްއަގްވާމީ އެކި މީޑިއާތަކުން ދިޔައީ ފަތުރަމުންނެވެ.
އެހެންވެ، ނަސްރީނާ އަވަސްވެގަތީ އެއީ "މަރަށް ތައްޔާރުވާން" ޖެހޭ ވަގުތެއް ކަމަށް ބައްލަވައި، އޭރު ރާއްޖެ އިން ބޭރުގައި ތިއްބެވި ދުންޔާ އާއި ޔުމްނާ އާއި ފާރިސް އަށް ހާއްސަ ސިޓީތަކެއް ލިޔުއްވާށެވެ. އޭރު ވެސް ހުންނެވީ ގުލިސްތާނުގޭގައި ތާށިވެފަ އެވެ. ބޭރަށް ނުކުމެވަޑައިގެންނެވޭނެ ގޮތެއް ނެތެވެ.
ކުރީގެ ފަސްޓް ލޭޑީ ނަސްރީނާ ޕީއެސްއެމަށް އިންޓަވިއު ދެއްވަނީ.
"އެ މީހުންގެ ފަރާތުން އަޅުގަނޑުމެންނަށް އުފާވެރިކަން ނޫނިއްޔާ ލިބިފައެއް ނެތޭ. ވަރަށް ރަނގަޅު ކުދިން އެއީ،" އެ ސިޓީތަކުގައި ލިޔުއްވި އިބާރާތަށް އިޝާރާތް ކުރައްވައި ނަސްރީނާ ވިދާޅުވި އެވެ.
ޣައްސާން ފިޔަވައި އަނެއް ތިން ބޭފުޅުން އޭރު ތިއްބެވީ އިނގިރޭސި ވިލާތުގައި ކަމަށް ވެފައި ގޯސްކޮށް ލިބޭ ޚަބަރުތަކުން ދެން ވާނެ ގޮތެއް އޭރު އެނގިވަޑައިނުގަންނަވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް މަސައްކަތް ކުރިން އޭރުގެ ފޮރިން މިނިސްޓްރީ އާއި ލަންޑަންގައި ހުންނެވި އަޅުގަނޑުމެންގެ އާދަމް ހަސަން މެދުވެރިކޮށް އެ ކުދިންނަށް އެންގޭތޯ އަޅުގަނޑުމެން ތިބީ ގަދަވެ ސަލާމަތުން ހެޔޮ ހާލުގައި ކަން. ކަންބޮޑު ނުވާށޭ. ކަލޭމެން ވެސް ހިތްވަރު ކުރާށޭ. އެ މެސެޖު ދެވޭތޯ އަޅުގަނޑު ވަރަށް މަސައްކަތް ކުރިން،" މައުމޫން ވިދާޅުވި އެވެ.
ގުލިސްތާނުގެއިން ނުނިކުންނެވި މައުމޫނާއި ނަސްރީނާ އަދި ޣައްސާން ތިއްބެވިއިރު ވެސް ޓެރަރިސްޓުންގެ ހަމަލާތަކުގައި ދިވެހި ޝަހީދުވެ މަގުމައްޗަށް ވެއްޓިފައިވާ ވާހަކަތައް އަޑުއިވިވަޑައިގަތެވެ. އެކަމަކު ހަގީގަތެއް ސާފެއް ނުވެ އެވެ. ޝަހީދުވެފައި ނުވަތަ ނިޔާވީ ކޮން ބައެއް ކަން އެނގިވަޑައިގަތީ އިންޑިއާ ސިފައިން ރާއްޖެ އައިސް ނޮވެމްބަރު ހަތަރުވަނަ ދުވަހު ހެނދުނު ސިފައިންގެ މައި މަރުކަޒަށް އެ ބޭފުޅުން ވަޑައިގަތުމުންނެވެ.
މައުމޫނާއި ނަސްރީނާ
މައުމޫންގެ އާއިލާއާ ވަރަށް ގާތްކޮށް އުޅުނު އަދި ވަރަށް ޒުވާން ސިފައިންގެ މީހުން ޝަހީދުވިކަން އެނގިވަޑައިގަތުމުން ނަސްރީނާ އަށް ވަރަށް އަސަރުކުރި އެވެ. މައުމޫންގެ އާއިލާ އަށް ކޮންމެ ކަމެއް ވިޔަސް އެންމެ ފުރަތަމަ ނުކުންނާނެ ކަމަށް ކުރިން ބުނެފައިވާ ސިފައިން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
"އެ ދުވަހު އަޅުގަނޑު ހަމަ ރުއީ. ތިން ހަތަރު ދުވަސް ވަންދެން އަޅުގަނޑު ރުއީ،" ވަރަށް އަސަރާ އެކު ނަސްރީނާ ވިދާޅުވި އެވެ.
"ކުއްލި ނުރައްކަލަށް ދިވެހިން ތިބެން ޖެހޭނީ ހޭލާ"
ނަސްރީނާގެ ތަގުރީރު: ދަރިންނާ ދިމާނުވާނެ ކަމަށް ހީވި!
ނޮވެމްބަރު ތިނެއް، ނަޝީދުގެ ތައުރީފު ސިފައިންނަށް
ނަޝީދާ އެކު އުޅެން މައުމޫން ލަދު ގަންނަން ޖެހޭ:ނިހާން
ނޮވެމްބަރު 3ގެ އަނެއް ފަރާތް: އޮޕަރޭޝަން ކެކްޓަސް 1
މި ފަހަރުގެ ނަސްރުގެ ދުވަސް ތާރީހުން ޖާގަ ހޯދައިފި
ޖަލީލްގެ ޑައިރީން: ދުޝްމަނުންގެ ކުރިމައްޗަށް އެރި ގޮތް
ނަސްރުގެ ދުވަހުގެ މައުރަޒު ހުޅުވައިފި
އުމާ މަހޭޝްވަރަން، ލުތުފީއަށް އެހީވީ ކީއްވެ؟
"ނަސްރުގެ ދުވަސް ފާހަގަކުރުން ލާޒިމުކުރަން ޖެހޭ"