ގައުމަށްޓަކައި ގުރުބާން ވާން ތިބި ބަޔަކު އުފެއްދުމަކީ މުހިއްމު ކަމެއް ކަމަށާއި އެއީ ހަމައެކަނި ސިފައިންނާއި ފުލުހުންގެ ޔުނިފޯމު އަޅައިގެން ތިބެ ކުރެވޭ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
03 ނޮވެމްބަރ 2025
ގައުމަށްޓަކައި ގުރުބާން ވާން ތިބި ބަޔަކު އުފެއްދުމަކީ މުހިއްމު ކަމެއް ކަމަށާއި އެއީ ހަމައެކަނި ސިފައިންނާއި ފުލުހުންގެ ޔުނިފޯމު އަޅައިގެން ތިބެ ކުރެވޭ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް ސެންޓަރުގައި ބޭއްވި މި އަހަރުގެ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ކުރީގައި ގައުމުގެ މިނިވަންކަން ނަގާލުމަށް ހަތިޔާރާ އެކު ގައުމުތަކަށް އެރިޔަސް މިހާރު އެކަން ބަދަލުވެފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ނޭނގި ތިއްބާ ޓެކްނޮލޮޖީގެ މި ޒަމާނުގައި މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަމަށެވެ.
"ގައުމަށްޓަކައި ގުރުބާންވުމަކީ ހަމައެކަނި ސިފައިންގެ ނުވަތަ ފުލުހުންގެ ޔުނިފޯމް އަޅައިގެން އެކަނި ކުރެވެން އޮތް ކަމެއް ނޫނޭ. އަޅުގަނޑުމެންގެ މިއަދުގެ ދުނިޔެއަކީ ބަވަނަވެފައިވާ ދުނިޔެއެއް. ކުރީގައި މިނިވަންކަން ގެއްލުވުމާލުމަށް އަޅުވެތި ކުރަން އަންނަނީ ހަތިޔާރު ހިފައިގެނެއް ނޫން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ދިވެހިންނަކީ އެހެން ގައުމުތަކުގައި ނެތް ހާއްސަ ސިފަތަކެއް ލިބިފައިވާ ބައެކެވެ. ރާއްޖެއަކީ އިސްލާމުދީނުގެ މަތީގައި ތިބި، ދިވެހިވަންތަ ބައެއް ކަމަށް ވިދާޅުވި އެވެ. އެހެންވެ، އެކަމާ މެދު ނުވިސްނާ ތިބެއްޖެ ނަމަ އެ ހުރިހާ ކަމެއް ނެތި ހިނގައިދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަން މިއަދު ބޭއްވި ރަސްމީ ޖަލްސާގައި، ޝަހީދުވި މީހުންގެ އާއިލާއަށް ރައީސް ޑރ. މުއިއްޒު އެރުވި އައްޑަނައާއެކު، ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ރައީސް އޮފީސް
"...އަޅުގަނޑުމެންނަކީ އެއް ބަހަކުން ވާހަކަ ދައްކާ ބައެއްކަން. އެއް ނަސްލަކަށް ނިސްބަތްވާ ބައެއްކަން. މި އެއްބައިވަންތަކަން ނައްތާލުމަކީ މިހާރު ކަނޑި އާއި ބަޑި ހިފައިގެން ކުރާނެ ކަމެއް ނޫން. އަޅުގަނޑުމެންގެ މި އިގްތިސާދު އިސާހިތަކު ނައްތާލައި ބޮޑު އަނދަވަޅަކަށް ވައްޓާލައި އަޅުގަނޑުމެންގެ އަތްމަތީގައި މި އޮތް މިނިވަންކަން ހުރިހާ ނަޒަރިއްޔާތަކުން ވެސް އަތުން ނިގުޅައިގަތުމަކީ ދާދި ފަސޭހަކަމެއް އެކަމާ މެދު ނުވިސްނާ ތިބެއްޖެ ނަމަ،" ރައީސް ވިދާޅުވި އެވެ.
އެހެންވެ، ގައުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް ފަހުރެެއް ނުވަތަ ޒިންމާއެއް ކަަމަށް ދުށުމަށް ރައީސް އެދިވަޑައިގަތެވެ.
އެ މަނިކުފާނު ވިދާޅުވީ ކޮންމެ މީހަކު ތަމްރީނުކޮށް ހަތިޔާރު ދީފައި ނުބެހެއްޓޭނެ ކަމަށެވެ. އެކަމަކު އެކަން ނުކުރެވުނަސް ކޮންމެ މީހެއްގެ ވިސްނުމަކީ ވެސް ބާރުގަދަ އެއްޗެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ މީހެއްގެ ވިސްނުން ގައުމާ އެއްކޮޅަށް ބޭނުންކުރުމުގެ އަޒުމު ވަރުގަދަކޮށް، އެގޮތުގައި ބޭނުންކޮށްފި ނަމަ މި ގައުމާ މެދު ކަންބޮޑުވާން ނުޖެހޭނެ ކަމަށެވެ.
"ތިމަންނަގެ ފަރާތުން ވެސް ސިޔާދަތާއި އިސްތިގްލާލު ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ހިމާޔަތްކޮށް ފޯރުކޮށްދިނުމުގެ ޒިންމާއެއް އޮތް ކަމާއި އެކަން ކުރެވޭނެ ކަމާއި ކުރަން ޖެހޭނެކަން. ކޮންމެ މީހަކަށް ތަމްރީނު ދީގެން ހަތިޔާރެއް ނުދެވޭނެ."
ނަސްރުގެ ދުވަސް ފާހަގަކުރަން މިއަދު ބޭއްވި ރަސްމީ ޖަލްސާގައި، ރައީސް ޑރ. މުއިއްޒުގެ ދެކަނބަލުންނާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް
އެ މަނިކުފާނު ވިދާޅުވީ އޭރު ވެސް ގައުމުގެ މިނިވަންކަން ނަގާލީ ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާ ގުޅިގެން ކަމަށެވެ. މިހާރު ބަވަނަވެފައިވާ ދުނިޔޭގައި ވެސް އެކަން ކުރަމުންދަނީ އެގޮތަށް ކަމަށާއި އެކަމަކު ކޮންމެ މީހެއްގެ ވެސް ވިސްނުން ގައުމާ އެއްކޮޅަށް ބޭނުންކުރާ ނަމަ އެކަން ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގައުމާ ދެކޮޅާ ހިންގާ ކަންކަމާ ގުޅިގެން ސޯޝަލް މީޑިއާގައި މަސައްކަތް ކުރުމަކީ ވެސް އެފަދަ ހަމަލާތައް ނައްތާލެވޭނެ ކަމެއް ކަމަށެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަނީ ނޮވެމްބަރު 3، 1988 ގައި ދިވެހީންގެ ބަޔަކާ ގުޅިގެން ސްރީ ލަންކާގެ ތަމަޅައިންގެ ގްރޫޕަކުން ރާއްޖެ އަރައި ދިން ހަމަލާގެ ނާކާމިޔާބުވެ ދިވެހިންނަށް ލިބުނު ނަސްރުގެ ހަނދާން އާ ކުރުމަށެވެ.
އެ ޓެރަރިސްޓް ހަމަލާގައި 19 ދިވެހިން ޝަހީދުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ސިފައިންގެ 8 މީހަކާއި އާންމުންގެ 11 މީހެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމަށް ނަސްރުގެ ދުވަހު ހާއްސަ ޝަރަފުގެ އައްޑަނައެއް އަރުވައިފަ އެވެ. އަދި ޝަހީދުވި ސިފައިންނާއި އާންމުންގެ އާއިލާތަކަށް ވެސް އައްޑަނަ ހަވާލުކުރި އެވެ. އައްޑަނަ ހަވާލު ކޮށްދެއްވީ ރައީސް މުއިއްޒެވެ.
އާ އުޅަނދުތަކާ އެކު ސިފައިންގެ ގާބިލްކަން ދައްކާލައިފި
ނަސްރުގެ ދުވަހުގެ ހާއްސަ ޝަރަފުގެ އައްޑަނަ މައުމޫނަށް
ނަސްރުގެ ދުވަސް ފާހަގަކުރަން ގިނަ ހަރަކާތްތަކެއް
މި ފަހަރުގެ ނަސްރުގެ ދުވަސް ތާރީހުން ޖާގަ ހޯދައިފި
ނަތީޖާ ދަށް ދަރިވަރުން ޕޮލިހާއި ސިފައިންގެއަށް ވައްދަނީ
މޫސާ އަލީ ޖަލީލަށް އަސްކަރީ އިއްޒަތް އަރުވައިފި
ނަސްރުގެ ދުވަހުގެ މައުރަޒު ހުޅުވައިފި
ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް މޫސާ އަލީ ޖަލީލަށް
ނޮވެމްބަރު ތިނެއް، ނަޝީދުގެ ތައުރީފު ސިފައިންނަށް
ސިފައިންގެ އިތުބާރާ ގުޅިފައި ވަނީ އަޚުލާގާ: ރައީސް