Roadha Mihaaru
ފިހާރަ ފަޅާލައިގެން ނެގި ތަކެތީގެ އަގު ލައްކައަކަށް

ފިހާރަ ފަޅާލައިގެން ނެގި މުދަލުގެ އަގު ލައްކައަކަށް ވުރެ މަތި، ބަންދަށް 20 ދުވަސް

06 ނޮވެމްބަރ 2024

މަޖީދީމަގުގައި ހުންނަ ޒިއޯން މޯބައިލްސްގެ މައި ދޮރުގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ، އަގުބޮޑު މުދާތައް ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް 20 ދުވަސް ޖަހައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މަޖީދީމަގުގައި ހުންނަ ޒިއޯން މޯބައިލްސްގެ މައި ދޮރުގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ، އަގުބޮޑު މުދާތައް ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް 20 ދުވަސް ޖަހައިފި އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ހާޒިރުކުރުމަށް އިއްޔެ ކޯޓަށް ހާޒިރުކޮށްފައި ވާއިރު، ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވާ ގޮތުގައި މީނާއަކީ މިފަދަ ކުށްތަކުގެ ބަންދު ރިކޯޑު އޮތް މީހެކެވެ.

އޭނާ ހައްޔަރު ކުރިއިރު، އެ ފިހާރައިން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފޯނު އޭނާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފަ އެވެ.

ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި މީނާ ވަގަށް ނެގި ތަކެތީގެ އަގު އެއް ލައްކައަށް ވުރެ މަތިވެ އެވެ. އެހެންކަމުން މީނާއަށް ކުރެވެނީ ޖިނާއީ ބޮޑު ކުށެއް ކަމަށް ބަންދު އަމުގައި ފާހަގަކޮށްފައިވެ އެވެ.

ފިހާރައިގެ ސީސީޓީވީ ފޫޓޭޖުން ފެންނަ ގޮތުގައި އެ ފިހާރައިގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލަނީ ފިހާރަ ކައިރިން ހިނގާފައި ދިޔަ މީހެކެވެ. ބޮލުގައި ތޮއްޕެއް އަޅައިގެން އަދި ރޮނގު ދެމި ޓީޝާޓެއް ލައިގެން ހުރި އެ މީހާ ބިއްލޫރިގަނޑު ތަޅާލުމަށް ފަހު ދަނީ އެތަނަށް ނުވަދެ އެވެ.

އެކަމަކު ފަހުން އެތަނަށް އެހެން މީހަކު ވަދެ ފިހާރައިގެ ކަބަޑުތައް ހާވައި ބެލުމަށްފަހު ނުކުމެގެން ދަނީ އަގުބޮޑު ފޯނު ފަދަ ތަކެތި ހުރި އެ ފިހާރައިން ގިނަ އަދަދެއްގެ ސާމާނު ނަގައިގެން، ހައެއްކަ ކޮތަޅަށް އަޅައިގެންނެވެ. ސީސީޓީވީ ފުޓޭޖުގެ ގަޑިން ދައްކާ ގޮތުގައި އޭރު ގަޑިން 5:40 ވެއްޖެ އެވެ.

އެ މީހާ އެތަނުން ނިކުމެގެން ދިޔަ ވަގުތަކީ ގިނަ ބަޔަކު މަގުމަތީގައި އުޅޭ ވަގުތެކެވެ. އަދި އެއިން މީހަކު އޭނާ ނުހުއްޓުވިޔަސް، ފުލުހުންނަށް އެ މައްސަލަ ރިޕޯޓުކުރި އެވެ.