Roadha Mihaaru
400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ނަގައިފި

ރިޒާވް ރަނގަޅު ކުރަން 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ނަގައިފި

12 ނޮވެމްބަރ 2024

ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމަށް އިންޑިއާގެ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީ ނަގައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމަށް އިންޑިއާގެ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީ ނަގައިފި އެވެ.

މިދިޔަ މަހުގެ ކުރީ ކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އިންޑިއާ އިން ރާއްޖެއަށް 750 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ކަނޑައަޅައި، އެކަމުގެ ރަސްމީ ލިޔުންތައް ބަދަލުކޮށްފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ 400 މިލިއަން ޑޮލަރުގެ ސްވޮޕް ފެސިލިޓީ އަކާއި 30 ބިލިއަން ރުޕީސްގެ ސްވޮޕް ފެސިލިޓީ އެކެވެ.

އެމްއެމްއޭ އިން ބުނީ، އެކަމާ ގުޅޭ މުއާމަލާތްތައް ހިންގީ މިދިޔަ މަހުގެ 22 ގައި ކަމަށެވެ.

އާންމުކޮށް ސްވޮޕް ފެސިލިޓީން ލިބޭ ފައިސާ ބޭރުގެ ބޭންކްތަކުގައި އިންވެސްޓް ކުރި ނަމަވެސް، އެމްއެމްއޭ އިން ބުނި ގޮތުގައި، މި ފަހަރު ސްވޮޕްގެ ތެރެއިން ލިބުނު 120 މިލިއަން ޑޮލަރު އިންވެސްޓް ކުރީ ރާއްޖޭގެ ބޭންކްތަކުގައި ކަމަށެވެ.

އެގޮތަށް ނިންމީ ރާއްޖެއިން ލިބޭ އިންވެސްޓްމެންޓް ރިޓާނު ބޮޑުވުމާއި މާލީ ދާއިރާގެ ކުރިއެރުމާއި ހަމަޖެހުމަށް މަގުފަހި ކުރުމަށްޓަކައި ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.

ކަރެންސީ ސްވޮޕް ފެސިލިޓީއާ އެކު ރަސްމީ ރިޒާވް ވަނީ 615 މިލިއަން ޑޮލަރަށް އަރާފަ އެވެ. އެއީ އޭގެ ކުރީ މަހަށް ވުރެ 244 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ. ސެޕްޓެމްބަރު މަހުގެ ރަސްމީ ރިޒާވްގައި ހުރީ 371 މިލިއަން ޑޮލަރެވެ.

ރަސްމީ ރިޒާވް އިތުރުވިޔަސް، ބޭނުންކުރެވޭ ރިޒާވް ވަނީ އޭގެ ކުރީ މަހަށް ވުރެ 17 މިލިއަން ޑޮލަރު ދަށްވެފަ އެވެ. މިދިޔަ މަހު ބޭނުންކުރެވޭ ރިޒާވްގައި ހުރީ 32 މިލިއަން ޑޮލަރެވެ. މިއީ މި ދިޔަ ތިން އަހަރުގެ ތެރޭގައި ޔޫޒަބަލް ރިޒާވް އެންމެ ބޮޑަށް ދަށަށް ދިޔަ މަހެވެ. މިދިޔަ އޮގަސްޓް މަހު ޔޫޒަބަލް ރިޒާވް ވަނީ 45 މިލިއަން ޑޮލަރަށް ދަށަށް ގޮސްފަ އެވެ.

ރިޒާވް އެހާ ބޮޑަށް ދަށަށް ދަނީ، ބޭރުގެ ދަރަނި އަދާކުރުމާއި އެ ނޫން ހަރަދުތައް ކުރުމަށް ޑޮލަރު ހޭދަކުރަން ޖެހޭ އަދަދު އިތުރުވުމުންނެވެ.