އަންނަ އަހަަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޖަލްސާ މާދަމާއަށް ތާވަލުކޮށްފި އެވެ.
29 އޮކްޓޯބަރ 2025
އަންނަ އަހަަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޖަލްސާ މާދަމާއަށް ތާވަލުކޮށްފި އެވެ.
މާދަމާ އެ ޖަލްސާ ބާއްވާނެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން އިއުލާނުކުރައްވައިފަ އެވެ.
މިއަހަރަށް ލަފާކޮށް މަޖިލީހުން މިދިޔަ އަހަރު ފާސްކޮށްފައިވަނީ 56.6 ބިލިޔަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ ބަޖެޓަށް ވުރެ 1.6 ބިލިއަން އިތުރު އަދަދެކެވެ. މިދިޔަ އަހަރު ސަޕްލިމެންޓްރީ ބަޖެޓާ އެކު ބަޖެޓުގެ ޖުމްލަ އަދަދު 55 ބިލިއަން ރުފިޔާ އިތުރުވި އެވެ.
ބަޖެޓުގައި މި އަހަރު އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ ތެރެއިން 2.6 ބިލިއަން ރުފިޔާއަކީ ހިލޭ އެހީ އެވެ.
އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި ހިމަނާނެ ބައެއް ކަންކަމާ ބެހޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބައެއް ޖަލްސާތަކުގައި ވާހަކަ ދައްކަވައިފަ އެވެ.
ށ. އަތޮޅަށް ކުރެއްވި ދަތުފުުޅުގައި އެ އަތޮޅު ފުނަދޫ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި އާ މަޝްރޫއުތަކަށް ތިން ބިލިއަން ރުފިޔާ ހިމަނާނެ ކަމަށާއި އޭގެ ތެރެއިން ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ތައުލީމާއި ސިއްހީ ދާއިރާއަށް ކަމަށެވެ.
އަންނަ އަހަރު ތައުލީމީ ދާއިރާއިން، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު އުނގަންނައިދިނުމުގެ ބޮޑު މަޝްރޫއެއް ފަށަން ނިންމާފައިވާކަން ވެސް އެމަނިކުފާނު އެ ޖަލްސާގައި އިއުލާނުކުރެއްވި އެވެ.
އެ މަޝްރޫއުގައި އެ ކުދިންނަށް ތައުލީމް ހާސިލްކުރެވޭނެ ގޮތާއި ހާއްސަ ކްލާސްރޫމްތައް ހެދުން ވެސް ހިމެނޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިއްހީ ދާއިރާ ކުރިއަރުވަން ކުރާ މަސައްކަތުގައި، ރާއްޖެއިން ނުހެދޭ ޓެސްޓުތައް ހެދުމަށާއި އޮޕަރޭޝަންތަކާއި ޑޮކްޓަރަށް ދައްކަން ބޭރަށް ދިއުން މަދުކުރަން ރާއްޖޭގައި އާ އޮޕަރޭޝަންތަކާއި ޓެސްޓުތައް ހެދޭނެ އިންތިޒާމުތައް ހޮސްޕިޓަލުތަކުގައި ގާއިމްކުރުމުގެ މަސައްކަތް ވެސް ކުރަން ނިންމާފައިވާ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެން ގާތްގަނޑަކަށް ތިން ބިލިއަން، 3،000 މިލިއަން ރުފިޔާ އާ މަޝްރޫއުތަކަށް މި އަންނަ އަހަރު އެބަ ކަނޑައަޅަން. އޭގެ ތެރެއިން މަދުވެގެން 500 މިލިއަން ރުފިޔާ އަޅުގަނޑުމެން އަލަށް ފަށާ މިދެންނެވި ތައުލީމީ ދާއިރާގެ މަޝްރޫއުތަކަށާއި، މަދުވެގެން 500 މިލިއަން ރުފިޔާ އަލަށް ފަށާ ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް ކަނޑައަޅާނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
އަންނަ އަހަރުގެ އާމްދަނީގެ ސިޔާސަތަށް ބަދަލެއް ނެތް
"ބަޖެޓު ފައިނޭންސިންއަށް 26.3 ބިލިއަން ހޯދަންޖެހޭ"
އަންނަ އަހަރަށް 64.2 ބިިލިއަންގެ ބަޖެޓެއް
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
އަންނަ އަހަރުގެ ބަޖެޓް ކުދި ބަދަލުތަކާ އެކު ފާސްކޮށްފި
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ފޮނުވައިފި
ސަރުކާރުގެ ހުށަހެޅުމާ މެދު ބަލާނީ އާ ބަޖެޓެއް ގޮތަށް
ބޮޑު 9 މަޝްރޫއެއް:4 އެއާޕޯޓު، 20 ފަޅެއް ހިއްްކަނީ
އަންނަ އަހަރު އިގްތިސާދު 4.4 ޕަސެންޓުގައި ކުރިއަރާނެ
ބަޖެޓުން މަޖިލީސް މެންބަރުންނަށް 111 މިލިއަން