Roadha Mihaaru

ފަލަސްތީނަށްޓަކައި ރައީސް ކުރައްވާ މަސައްކަތްތަކަށް ކުރީގެ ރައީސް ވަހީދުގެ ތައުރީފު

އިޒްރޭލުން، ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމު ހުއްޓުވުމަށް ގޮވާލައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވަނީ މިހާތަނަށް ރާއްޖޭގެ ވެރިއަކު ކުރައްވާ އެންމެ ވަރުގަދަ އަދި ސާބިތު މަސައްކަތްޕުޅު ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަލަސްތީނަށްޓަކައި ރައީސް ކުރެއްވި މަސައްކަތަށް ތައުރީފު
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

20 ނޮވެމްބަރ 2024

އިޒްރޭލުން، ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމު ހުއްޓުވުމަށް ގޮވާލައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވަނީ މިހާތަނަށް ރާއްޖޭގެ ވެރިއަކު ކުރައްވާ އެންމެ ވަރުގަދަ އަދި ސާބިތު މަސައްކަތްޕުޅު ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރަށް އަހަރެއް ވުމާ ގުޅިގެން ދެއްވި ސްޓޭޓްމަންޓެއްގައި ވަހީދު ވިދާޅުވީ މި ސަރުކާރުގެ މަސައްކަތްތަކުގެ ތެރެއިން އެންމެ އުފާފުޅު ކުރައްވަނީ ފަލަސްތީނުގައި ހިނގަމުންދާ ގަތުލުއާންމު ހުއްޓުވުމަށް ކުރަމުން އަންނަ ކަންކަން ކަމަށެވެ.

ދާދި ފަހުން ބޭއްވި އޯއައިސީގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ދެއްވި ތަގުރީރަކީ ގައުމެއްގެ ވެރިޔަކު ދެއްވި އެންމެ ވަރުގަދަ އަދި ސާބިތު ތަގުރީރު ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް ވަހީދު--- ފޮޓޯ:މިހާރު

ކުރީގެ ރައީސް ވަހީދު--- ފޮޓޯ:މިހާރު

"އިޒްރޭލާ ދެކޮޅަށް ސައުތު އެފްރިކާގެ ފަރާތުން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އަށް ހުށައަޅާފައިވާ މައްސަލައަށް ތާއިދުކުރައްވައި ރާއްޖޭގެ ފަރާތުން ވަރަށް ވަރުގަދަ ވަކީލުންގެ ޓީމެއް ފޮނުއްވިކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން،" ވަހީދު ވިދާޅުވި އެވެ.

"ހުޅަނގުގެ އެހީއާއެކު އިޒްރޭލުން ފަލަސްތީނުގައި ހިންގާ ނާތަހުޒީބު އަނިޔާވެރި އަދި ލަދެއް ނެތް އަމަލުތަކަކީ މި ވޭތުވެދިޔަ 100 އަހަރުގެ ތެރޭގައި ވެސް ހިންގާފައިވާ އެންމެ ބޮޑު ޖަރީމާ. ދިވެހި ރައްޔިތުންގެ ހިތްތަކުގައި އުފެދެމުންދާ އުދާސްތަކާއި ވޭނާއި ހިތްދަތިކަމުގެ އަސަރު ރައީސް މުއިއްޒު އިހްސާސް ކުރައްވައި އެމަނިކުފާނު ދައްކަވާ ކޮންމެ ވާހަކަފުޅެއްގައި ވެސް ސާބިތުކަމާ އެކު ފާޅުކުރައްވަމުން ގެންދަވާ ކަމަށްޓަކައި އަޅުގަނޑު އެ މަނިކުފާނަށް ޝުކުރު ދަންނަވަން."

ވަހީދު ވިދާޅުވީ، މިދިޔަ އަހަރު ވެރިކަން ބަދަލުވިއިރު، ރާއްޖެ އަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކެއް ހުރި ކަމަށެވެ. އޭގެ ތެރޭގައި ހާރިޖީ އަދި ދާހިލީ އަދި އިގްތިސާދީ ގޮތުން ގޮންޖެހުންތަކެއް ހުރި ކަމަށް ވިދާޅުވި އެވެ.

އެގޮތުން ދައުރު ބަދަލުވިއިރު ބައެއް ގައުމުތަކާ މެދު ދިވެހިންގެ ހިތްހަމަނުޖެހުން ތަކެއް ހުރި ކަމަށާއި އޭރު އިންޑިއާއެކު އޮތް ޒަމަންވީ ގުޅުމާ މެދު ވެސް ސުވާލުތަކެއް އުފެދިފައި ހުރި ކަމަށް ވަހީދު ވިދާޅުވި އެވެ.

އިންޑިއާގެ އިތުރުން ޗައިނާ އާއި ރާއްޖޭގެ ގުޅުމަށް ވެސް އެ ދުވަސްވަރު ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށާއި އެކަމަކު ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ މާގިނަ ދުވަހެއް ނުވެ، އެ ގުޅުންތައް ބަދަހިކުރަން ގިނަ މަސައްކަތްތްޕުޅުތަކެއް ކުރެވި ކަމަށް ވަހީދު ވިދާޅުވި އެވެ.

ނަތީޖާއަކަށްވީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިވެ، ބައިނަލްއަގްވާމީ ގޮތުން ގިނަގުނަ ފައިދާތަކެއް ކުރުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ގެންދަވަނީ އަމިއްލަފުޅު ގޮތުން އަދި މަގާމުގެ ހައިސިއްޔަތުން ވެސް ފަލަސްތީނުގެ ދިފާއުގައި އެކިއެކި ފޯރަމްތަކުގައި އަޑު އުފުއްލަވައި އަދި އަމަލީ ގޮތުން ކަންކަން ކުރައްވަމުންނެވެ.