12 ނޮވެމްބަރ 2024
ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އަށް އެތެރެވުން މަނާކުރަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ މެދު ގޮތެއް ނިންމުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގައި ނުނިންމޭނެ ކަމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މިއަދު ކަނޑައަޅައިފި އެވެ.
ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އަށް އެތެރެވުން މަނާކުރަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ މެދު ގޮތެއް ނިންމުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގައި ނުނިންމޭނެ ކަމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މިއަދު ކަނޑައަޅައިފި އެވެ.
އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނު ބަދަލުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މިދިޔަ މޭ 29 ވަނަ ދުވަހު ހުށަހެޅި ބިލް ބަލައިގަނެ ކޮމިޓީ އަށް ފޮނުވި ފަހުން، އެ ބިލް އަދިވެސް އޮތީ ކޮމިޓީ މަރުހަލާގަ އެވެ.
ފަސް މަސް ދުވަހަށް ފަހު 241 ކޮމިޓީ އަށް މި މައްސަލަ މިއަދު އެޖެންޑާކޮށް، ކޮމިޓީ ބޭއްވީ ބިލުގެ މަސައްކަތް ނިންމުމަށް ސުންގަޑިއެއް ކަނޑައެޅުމަށެވެ.
އެ ކޮމިޓީގައި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން ވިދާޅުވީ، އެ އިސްލާހު ގެނައުމަކީ ވަރަށް ހައްސާސީ ކަމެއް ކަމަށާއި އެހެންކަމުން މި ކަމުގައި މަޝްވަރާ ކުރަންޖެހޭ ގިނަ ބަޔަކު ތިބި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ކުރިއަށް އޮތީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތަށް ވެފައި، ޑިސެންބަރު މަހު މަޖިލިސް ޗުއްޓީ އަށް ދާނެތީ މި ބިލް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ނިންމުމަށް ހަންނާން ހުށަަހެޅުއްވި އެވެ.
އެ ހުށަހެޅުމަށް ތާއީދު ކުރައްވައި މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ، އިގްތިސާދީ ގޮތުން މިފަދަ ދަތި ދަނޑިވަޅެއްގައި މިފަދަ ކަމެއް ކުރުމަކީ ވިސްނާލަން ޖެހޭ ކަމެއް ކަމަށާއި އެހެންކަމުން އިތުރު ގިނަ ބައެއްގެ ލަފާ ހޯދާން ޖެހޭ ކަމަށެވެ.
އޭނާ މި ބިލް ސިފަ ކުރެއްވީ ސިޔާސީ މަންފާއެއް ހާސިލް ކުރުމުގެ ބޭނުމުގައި ހުށަހަޅާފައި އޮތް ބިލެއްގެ ގޮތުގަ އެވެ.
"މި ކަމަކީ ސިޔާސީ ނުފޫޒެއްގެ ތެރެއިން ބަޔަކު އަޅުގަނޑުމެންނަށް ބާރުވެރިކަމާއި ނުފޫޒު ހިންގުމަށްޓަކައި، ހާއްސަކޮށް ސަރުކާރަށް، ރައްޔިތުންގެ ކުރިމަތީގައި ސަރުކާރު ނިކަމެތި ކުރުމަށް ހުށަހެޅިފައި އޮތް އެއްޗެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން،" އެމްއެންޕީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނާޒިމް ވިދާޅުވި އެވެ.
ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ، ސިޔާސީ ނަޒަރަކުން އެކަނި ބަލައިގެން މި ކަން ކުރިއަށް ގެންދެވެން ނެތް ކަމަށާއި މިއީ ރާއްޖޭގެ އިގްތިސާދާއި މިނިވަންކަމާ ގުޅިފައިވާ މައްސަލައެއް ކަމަށެވެ.
އެހެންކަމުން މި މައްސަލަ ކުއްލިއަކަށް ނިންމުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި ސިޔާސީ ގޮތުން ފާޑުކިޔުން އައި ނަމަވެސް، މި ކަން ކުރަން ޖެހޭނީ ވިސްނުންތެރިކަމާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އިންވެސްޓަރުންނާއި ސިޔާސީ ޕާޓީތަކުގެ އިތުރުން އާންމުން ބޭނުންވާ ގޮތް ވެސް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ބިލް ފާސްކުރަން ކަނޑައެޅީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
އިމިގްރޭޝަން ގާނޫނަށް ހުށަހެޅި އިސްލާހުގެ މަސައްކަތް ހުއްޓިފައި ވަނިކޮށް، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މީގެ ކުރިން ވިދާޅުވެފައި ވަނީ މީކާއިލް ހުށަހެޅުއްވި ބިލު އޮތް ގޮތަށް ފާސްކޮށްފި ނަމަ ރާއްޖެ އަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށެވެ.
އެ ބިލުގައި މިހާރު އޮތީ އިޒްރޭލް ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލް ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ މީހުންނަށް ވެސް ރާއްޖެ އައުން މަނާވާ ގޮތަށެވެ.
ނަމަވެސް އިޒްރޭލްގެ ޕާސްޕޯޓު އޮންނަ އެންމެންނަށް ރާއްޖެ އަށް ނުވަދެވޭ ގޮތަށް އޮތް އޮތުން ބަދަލު ކުރަން ޖެހޭ ކަމަށް އުޝާމް ވިދާޅުވެފައިވެ އެވެ. އޭގެ އެއް ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލްގެ ޕާސްޕޯޓުގައި ފަލަސްތީންގެ ވަރަށް ގިނަ ރައްޔިތުން ވެސް ގައުމުތަކަށް ދަތުރު ކުރުމެވެ.
އިޒްރޭލްގެ ޕާސްޕޯޓު މަނާކުރާ ބިލްގެ މަސައްކަތް ފަށަނީ
އިޒްރޭލްޕާސްޕޯޓު މަނާކުރާ ބިލް "ތާށިވި" ސަބަބު ހޯދަނީ
ޕާސްޕޯޓް މަނާކުރުމަށް މީކާއިލް ހުށަހެޅުއްވި ބިލް މާދަމާ
އިޒްރޭލު ޕާސްޕޯޓު މަނާކުރަން މަޖިލީހަށް ޕްރެޝަރު ކުރަނީ
އިޒްރޭލަށް ހަތިޔާރު ދެމުން ސުލްހައަށް ގޮވައެއް ނުލެވޭނެ
އިޒްރޭލުގެ މީހުން ރާއްޖެ އިން ފޭބުމަށް އަންގައިފި
އިޒްރޭލު ޕާސްޕޯޓް މަނާކުރަން ބިލެއް ހުށަހަޅައިފި
ރަފާއަށް އެރުން ހުއްޓުވަން މަސައްކަތް ކުރަން ގޮވާލައިފި
އިޒްރޭލު ޕާސްޕޯޓު މަނާކުރުން ލަސްވާތީ ޒަމީރު ކޮމިޓީއަށް ގެންދަނީ
އިޒްރޭލު މީހުން އެތެރެވުން މަނާކުރާ ޕެޓިޝަން ފާސްކޮށްފި