Roadha Mihaaru

އިންފޮމޭޝަން ކޮމިޝަނަރުގެ އަޑުއެހުމަކަށް ހާޒިރުނުވުމުން ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށްފި

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން އާންމުކޮށް ހުޅުވާލައިގެން ތާވަލުކުރި އަޑުއެހުމަކަށް ހާޒިރުވެފައި ނުވާތީ ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ ޖޫރިމަނާކޮށްފި އެވެ.

އައިކޮމްގެ އަޑުއެހުމަކަށް ނުދިއުމުން ޖޫރިމަނާކޮށްފި
ނާޒިމް ހަސަން
ނާޒިމް ހަސަން

21 ނޮވެމްބަރ 2024

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން އާންމުކޮށް ހުޅުވާލައިގެން ތާވަލުކުރި އަޑުއެހުމަކަށް ހާޒިރުވެފައި ނުވާތީ ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ ޖޫރިމަނާކޮށްފި އެވެ.

އެ ކޮމިޝަނުން ބުނިގޮތުގައި ހައުސިން މިނިސްޓްރީ ޖޫރިމަނާ ކުރީ 350ރ. އިންނެވެ. މިއީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކޮމިޝަންގެ ނިންމުމަކަށް އަމަލު ނުކޮށްގެން ރައީސް އޮފީހުގެ މައްސަލައެއް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ހުށަހަޅާފައިވެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ ހައުސިން މިނިސްޓްރީ އަށް ހުށަހަޅާފައިވާ ހުށަހެޅުމަކަށް އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށް ބުނެ އައިކޮމް އަށް ހުށަހަޅާފައިވާ ޝަކުވާއެއް ބެލުމަށްޓަކައި އެ މިނިސްޓްރީއާ އެކު މި މަހުގެ ހަތްވަނަ ދުވަހު ބައްދަލުވުމެއް ތާވަލުކުރި ކަމަށެވެ.

އެ ބައްދަލުވުމަށް ހާޒިރުވުމަށް އަންގާ އެންގުމަށް މަގުބޫލު ސަބަބެއް މެދުވެރިވެގެން ހާޒިރުވެވެން ނެތް ނަމަ ބައްދަލުވުން ފެށުމަށް ކަނޑައަޅާފައިވާ ގަޑީގެ މަދުވެގެން އެއް ގަޑިއިރުގެ ކުރިން އެކަން އަންގަން ވާނެ ކަމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދުގައި އޮވެ އެވެ.

ހައުސިން މިނިސްޓްރީ ޖޫރިމަނާ ކުރީ އެ ގަވައިދާ އެއްގޮތަށް އަމަލުކޮށްފައި ނުވާތީ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އަޑުއެހުންތައް ރައީސް އޮފީހުން ހާޒިރުނުވާ މައްސަލަ ވެސް މީގެކުރިން ފެންމަތިވެފައިވެ އެވެ. އެ މައްސަލާގައި ރައީސް އޮފީހަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް އިންފޮމޭޝަން ކޮމިޝަނަރު ކުރިން ދެއްވި އެވެ.