އެޗްޑީސީ އަށް އެކި ކުންފުނިތަކުން ލިބެން ޖެހޭ 1.2 ބިލިއަން ރުފިޔާ ނުލިބި އެބަހުރިކަން ހާމަވެއްޖެ އެވެ.
25 ނޮވެމްބަރ 2024
އެޗްޑީސީ އަށް އެކި ކުންފުނިތަކުން ލިބެން ޖެހޭ 1.2 ބިލިއަން ރުފިޔާ ނުލިބި އެބަހުރިކަން ހާމަވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބާރަށު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވި ގޮތުގައި، އެއްބަސްވުން އުވާލާފައިވާ ކޮންޓްރެކްޓްތަކަށް ނުލިބި 195 މިލިއަން ރުފިޔާ އެބަހުއްޓެވެ.
ހުޅުމާލެ ބަލަހައްޓާ އެޗްޑީސީ އަށް ނުލިބި ހުރި ފައިސާގެ ބޮޑު ބައެއް ލިބެން ޖެހެނީ އެ ކުންފުނިން ކޮމާޝަލް ބޭނުންތަކަށް ފްލެޓްތައް އިމާރާތް ކުރަން ދީފައިވާ އަމިއްލަ ކުންފުނިތަކުންނެވެ. މާލިއްޔަތު ކޮމިޓީގައި ހިއްސާކުރި މައުލޫމާތުތަކުން އެނގޭ ގޮތުން އަމިއްލަ ކުންފުނިތަކުން ނުލިބި 900 މިލިއަން ރުފިޔާ އެބަހުއްޓެވެ.
"ރާއްޖޭގެ ނަން މަޝްހޫރު ބޮޑެތި ކުންފުނިތަކުން އެބަހުރި މިލިއަނުން ފައިސާ ނުދައްކާ ބިންތަކަށް. މިއީ ކަންބޮޑުވާން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އެޗްޑީސީއަށް ފައިސާ ދައްކަންޖެހިފައި ހުރި ކުންފުނިތަކުގެ މައުލޫމާތުތައް ފެންނަ ގޮތަށް އޮތް ޑޮކިއުމެންޓެއް ހިތަދޫ މެދު ދާއިރާގެ މެންބަރު ޕީއެންސީގެ މެމްބަރު އަހުމަދު އަޒާން ވެސް ވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ، އަމިއްލަ ކުންފުނިތަކުން ލިބެން ޖެހޭ 900 މިލިއަން ރުފިޔާ އެބަ ހުރި ކަމަށެވެ. އަޒާން ހިއްސާ ކުރެއްވި ޑޮކިއުމެންޓުން ފެންނަ ގޮތުން އެންމެ ބޮޑު އަދަދެއް ލިބެން ޖެހެނީ އެންޕީއެޗް ޑިވަލޮޕްމެންޓް ކުންފުނިންނެވެ. އެއީ 213 މިލިއަން ރުފިޔާ އެވެ. އެ ކުންފުނިން އަންނަނީ ހުޅުމާލޭގައި ލަގްޒަރީ ފްލެޓް އެޅުމުގެ ޕްރޮޖެކްޓެއް ވެސް ހިންގަމުންނެވެ.
މާލިއްޔަތު ކޮމިޓީގައި އަޒާން ވިދާޅުވީ، އެޗްޑީސީ އަށް ފައިސާ ނުދައްކާ ކުންފުނިތަކުގެ ތެރެއިން މުއްދަތު އިތުރުކޮށްދީފައިވަނީ މިހާރު ވެސް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ކުންފުނިތަކަށް ކަމަށެވެ.
"އެހާ ގިނަ ދުވަހު ފައިސާ ނުދައްކާ ތިބި ކުންފުނިތަކަށް ޕޭމަންޓް އެކްސްޓެންޝަން ދިނީ ކޮން އުސޫލަކުންތޯ އެބަ ބަލަން ޖެހޭ. ގިނަ ފަހަރު މި ކުލި ނުދައްކައިގެން ޕޭމަންޓް އެކްސްޓެންޝަނެއް ވެސް ނުދެނީ އާދައިގެ ނިކަމެތި ވިޔަފާރިތަކަށް،" އޭނާ ވިދާޅުވި އެވެ.
އަޒާން ވިދާޅުވީ ބޮޑެތި ކުންފުނިތަކަށް އަބަދުވެސް ހިމާޔަތް ލިބޭތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި އޭގެ ތަފްސީލު ހޯދަން އެޗްޑީސީގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކުރަން ވަނީ ނިންމައިފަ އެވެ.
އެޗްޑީސީއަށް ފައިސާ ނުދައްކާ ހުރި ގިނަ ކުންފުނިތަކަކީ، މިހާރު ވެސް ހުޅުމާލޭގައި ފްލެޓް އަޅަން ހަވާލުކޮށްފައިވާ އަދި ފްލެޓް ވިއްކާފައިވާ ކުންފުނިތަކެވެ. އޭގެ ތެރެއިން ބައެއް ޕްރޮޖެކްޓްތައް ހުރީ ވަކި ހިސާބަކުން މަސައްކަތް ހުއްޓިފަ އެވެ.
ޝުޖާއު ވިދާޅުވީ، ސަރުކާރުގެ ކުންފުނިތައް ބަނގުރޫޓުވުމުގެ ވާހަކަ ދައްކާއިރު އެ ކުންފުނިތަކަށް ލިބެން ޖެހޭ ފައިސާ ނުލިބި ހުރުމަކީ އޭގެ އެއް ސަބަބު ކަމަށެވެ.
އޭނާ ވަނީ މި މައްސަލައިގައި އެ ފައިސާ ހޯދުމަށް އެޗްޑީސީން ކުރާ މަސައްކަތްތައް އޮޅުންފިލުވަން މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. ޝުޖާއު ވިދާޅުވީ، ފައިސާ ދެއްކުމަށް އެޗްޑީސީން ވަރަށް ބޮޑު ލުއިތަކެއް ދީފައިވާކަން ވެސް ފާހަގަކުރެއްވޭ ކަމަށެވެ.
"ޓާމިނޭޓް ކޮށްފައި އޮތް ކަމަށް އެބައޮތް ވަރަށް ގިނަ ލޮޓްތައް [ބިން]. ވަކިން ހާއްސަކޮށް ކޮމާޝަލް ޔުނިޓްތަކާއި ބިންތައް އެބަހުރި ޓާމިނޭޓް ކޮށްފައި އޮތް ކަަމަށް. އެ ބިންތައް އަނެއްކާ އެޗްޑީސީން އިއުލާން ކޮށްގެން އޮންނަ އުސޫލުގެ ތެރެއިން ކުލި ދެއްކޭ ފަރާތްތަކަށް ދިނީމާ އެޗްޑީސީއަށް އޮތް ކޭޝް ފްލޯގެ ތާށިކަމަށް ހައްލު ލިބިގެންދާނެ ކަމަށް ގަބޫލު ކުރަނީ،" ޝުޖާއު ވިދާޅުވި އެވެ.
ހުޅުމާލޭގައި ރެސިޑެންޝިއަލް 10 ޓަވަރު އަޅަނީ
ގޯތިތައް ދޫކޮށްފައި ހުރި ގޮތުން އުނދަގޫތަކެއް!
ހުޅުމާލެ 3 ހިއްކާ ސަރަހައްދުން އުޅަނދުތައް ނަގަނީ
މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދިނުން އިންސާފުވެރިތަ؟
އާންމުންގެ ޝަކުވާ: ވިނަރެސް ފްލެޓްތައް މާ އަގުބޮޑު!
ބީޗް ސައިޑްގެ 34 ބިމަށް 179 ބިޑް ހުށަހަޅައިފި
ހުޅުމާލޭން ވިއްކާ 26 ގޯއްޗަށް 211 ބީލަން
ހިޔާ ފްލެޓް އަޅަން ދިނީ ބޮޑު އަގު ހުށަހެޅި މީހުންނަށް
މެދުފަންތީގެ 1300 ފްލެޓް ކުންފުނިތަކަށް ވިއްކަނީ
އެއްބަސްވުމާ ޚިލާފަށް އެޗްޑީސީން ފައިސާ ނަގާ ތުހުމަތެއް