Roadha Mihaaru

ވަކިކުރި ސިޔާސީ މުވައްޒަފުންގެ ނަމަކީ ޒާތީ މައުލޫމާތެއް: ރައީސް އޮފީސް

ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި ސިޔާސީ މުވައްޒަފުން މަދުކުރަން ފަށާފައިވާ މަސައްކަތުގެ ދަށުން އެކި މިނިސްޓްރީތަކުން ވަކިކުރި ކަމަށް ސަރުކާރުން ބުނާ 248 ސިޔާސީ މުވައްޒަފުންގެ މައުލޫމާތަކީ ޒާތީ މައުލޫމާތުތަކެއް ކަމަށް ބުނެ، އެ މައުލޫމާތުތައް ހާމަނުކުރަން ނިންމައިފި އެވެ.

ސިޔާސީ މުވައްޒަފުންގެ ނަމަކީ ޒާތީ މައުލޫމާތެއް:ސަރުކާރު
ނާޒިމް ހަސަން
ނާޒިމް ހަސަން

04 ޑިސެމްބަރ 2024

ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި ސިޔާސީ މުވައްޒަފުން މަދުކުރަން ފަށާފައިވާ މަސައްކަތުގެ ދަށުން އެކި މިނިސްޓްރީތަކުން ވަކިކުރި ކަމަށް ސަރުކާރުން ބުނާ 248 ސިޔާސީ މުވައްޒަފުންގެ މައުލޫމާތަކީ ޒާތީ މައުލޫމާތުތަކެއް ކަމަށް ބުނެ، އެ މައުލޫމާތުތައް ހާމަނުކުރަން ނިންމައިފި އެވެ.

އިގުތިސާދީ ރިފޯމް އެޖެންޑާގެ ތެރެއިން، އެކި މިނިސްޓްރީތަކުން 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ އޮކްޓޯބަރު މަހުގެ 15 ގަ އެވެ. އެ މުއްދަތު ހަމަވިއިރު، 248 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ސިޔާސީ މުވައްޒަފުން ވަކިކުރީ ކޮން މިނިސްޓްރީތަކަކުން ކަމެއް އަދި އެއީ ކޮން ބައެއް ކަން ހާމައެއް ނުކުރެ އެވެ.

އެހެންވެ، އެ މައުލޫމާތު ހޯދަން އަމިއްލަ ފަރާތަކުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހެޅުމުން ރައީސް އޮފީހުން ދިން ޖަވާބުގައި ބުނީ، ސިޔާސީ މުވައްޒަފުންގެ ނަމަކީ ޒާތީ މައުލޫމާތުތަކެއް ކަމަށާއި އެ މުވައްޒަފުން ވަޒީފާ އަދާކުރި މިނިސްޓްރީތައް ހާމަކޮށްފި ނަމަ އެ މީހުންގެ ޒާތީ މައުލޫމާތުތަކެއް ހާމަކުރެވިދާނެ ކަމަށެވެ.

"އެ މުވައްޒަފުންގެ ނަމާއި އެ ވުޒާރާތަކުގެ ނަންތަކުގެ މައުލޫމާތަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ދޫކުރެވޭނެ މައުލޫމާތެއް ނޫން،" ރައީސް އޮފީހުން ބުންޏެވެ.

ނަމަވެސް، މީގެ ކުރިން ސަރުކާރުގެ ބައެއް މިނިސްޓްރީތަކުން ވަނީ އެ މިނިސްޓްރީތަކުގައި މަސައްކަތް ކުރާ ސިޔާސީ މުވައްޒަފުންގެ ނަމާއި މަގާމުތައް ހިމެނޭ ގޮތަށް ހުރިހާ މައުލޫމާތެއް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އާ ވެސް ހިއްސާ ކޮށްފަ އެވެ.

ވަކިކުރި 248 ސިޔާސީ މުވައްޒަފުންގެ ލިސްޓް ހޯދަން "މިހާރު" އިން ވެސް ރައީސް އޮފީހަށް ހުށަހެޅުމުން، ޖަވާބު ދޭން ލިބޭ މުއްދަތުގެ ތެރޭގައި އެކަން ނުކޮށް އިތުރު 14 ދުވަހުގެ މުއްދަތަކަށް އެދުނެވެ. އެ މުއްދަތު ހަމަވިއިރު ވެސް އެ އޮފީހުން އެއްވެސް ޖަވާބެއް ނުދިނެވެ.

ގާނޫނުގައި ކަނޑައަޅާފައި އޮންނަ މުއްދަތުގެ ތެރޭގައި ރައީސް އޮފީހުން މައުލޫމާތު ހާމަކޮށްފައިނުވާތީ، މި މައްސަލަ މިހާރު ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅައިފަ އެވެ. މައްސަލަ ބަލައިގަނެ، އަޑުއެހުން ބާއްވަން ވަނީ ތައްޔާރުވެފަ އެވެ.

ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުން، ވަކިކުރާ ސިޔާސީ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ހަތް ސްޓޭޓް މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ.

އެ ނިންމެވުމާއެކު، ދައުލަތުގެ ބަޖެޓުން މަހަކު 5.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

ސިޔާސީ މުވައްޒަފުންގެ މުސާރައަކީ ޖުމްލަ ބަޖެޓުގެ އެއް ޕަސެންޓެވެ. އެހެންކަމުން ސިޔާސީ މުވައްޒަފުންގެ މުސާރައަށް އަހަރު ހޭދަކުރާނީ ގާތްގަނޑަކަށް 120 މިލިއަން ރުފިޔާ އެވެ. އެއީ ކޮންމެ މަހަކު ގާތްގަނޑަކަށް 10 މިލިއަން ރުފިޔާ އެވެ.

ސަރުކާރުގެ އެކި އިދާރާތަކުން "މިހާރު" އާ ހިއްސާ ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިވަގުތު ސިޔާސީ މުވައްޒަފުންގެ އަދަދު އުޅެނީ 1،400 އަށް ވުރެ މަތީގަ އެވެ. ބައެއް މިނިސްޓްރީތަކުން މިހާތަނަށް ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކޮށްފައެއް ނުވެ އެވެ.

މި ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ މަތި ނުވާނެ ކަމަށް ކުރިން ވަނީ ބުނެފަ އެވެ.