ސިޔާސީ ހުރިހާ މުވައްޒަފުންގެ މައުލޫމާތާއި އެ މީހުންނަށް ލިބޭ މުސާރައިގެ މައުލޫމާތު ދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުން ސަރުކާރުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ފަހު އަނބުރާ ނަގައިފި އެވެ.
10 ފެބުރުއަރީ 2025
ސިޔާސީ ހުރިހާ މުވައްޒަފުންގެ މައުލޫމާތާއި އެ މީހުންނަށް ލިބޭ މުސާރައިގެ މައުލޫމާތު ދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުން ސަރުކާރުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ފަހު އަނބުރާ ނަގައިފި އެވެ.
މި ސަރުކާރުން އައްޔަންކުރި ސިޔާސީ ހުރިހާ މުވައްޒަފުންގެ މައުލޫމާތާއި އެ މީހުންނަށް ލިބޭ މުސާރައިގެ ތަފުސީލް ހޯދަން ރައީސް އޮފީހުގައި އަމިއްލަ މީހަކު އެދުނު ނަމަވެސް އެ އޮފީހުން ޖަވާބު ނުދިނުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މައްސަލަ ހުށަހެޅި އެވެ.
އެ މައްސަލާގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކަނޑައަޅާފައި އޮތީ ސިޔާސީ ހުރިހާ މުވައްޒަފުންގެ ނަމާއި މުސާރައަކީ ޒާތީ މައުލޫމާތެއް ނޫން ކަމަށާއި އެ މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށެވެ. އެކަމަށް ފަސް ދުވަހުގެ މުއްދަތެއް ދިންއިރު، އެ މުއްދަތުގައި އެ މައުލޫމާތު ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މިދިޔަ ހޯމަ ދުވަހު ހައި ކޯޓުގައި މައްސަލަ އިސްތިއުނާފު ވެސް ކުރި އެވެ.
ނަމަވެސް، ބަންޑާރަ ނައިބު އަހުމަދު އުޝާމް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފު އަނބުރާ ނެގުމަށް އެދި މިދިޔަ އަންގާރަ ދުވަހު ހައިކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި މައުލޫމާތު ހޯދުމަށް އެދުނު ފަރާތަށް އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ އެއްގޮތަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ރައީސް އޮފީހުން ފޯރުކޮށްދޭނެ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.
އެކި މިނިސްޓްރީތަކުން ވަކިކުރި ކަމަށް ސަރުކާރުން ބުނާ 248 ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުން ވެސް ސަރުކާރުގެ ފަރާތުން ހައި ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، އެ މައުލޫމާތު ހޯދަން "މިހާރު" އާއި އެހެން ބައެއް ފަރާތްތަކުން ހުށަހެޅުމުން އައިކޮމުން ވަނީ މައުލޫމާތު ދޭން ރައީސް އޮފީހަށް އަންގައިފަ އެވެ. ނަމަވެސް، މުއްދަތުގައި މައުލޫމާތު ނުދީ، ސަރުކާރުން ދިޔައީ ކޯޓަށެވެ.
އެ މައުލޫމާތުތައް ހޯދަން އެދުމުން ރައީސް އޮފީހުން ފޮނުވި ޖަވާބުގައި ބުނެފައި ވަނީ ވަކިކުރި މުވައްޒަފުންގެ ނަމަކީ ސުޕްރީމް ކޯޓުގެ ހުކުމެއްގައި ބަޔާންކޮށްފައިވާ ފަދައިން ގާނޫނުއަސާސީގެ 24 ވަނަ މާއްދާ އިން ކަށަވަރު ކޮށްދީފައިވާ ހައްގުގެ ތެރޭގައި ހިމެނޭ ޒާތީ މައުލޫމާތެއް ކަމަށެވެ. އެހެންވެ، އެއީ ދޫކުރެެވެން ނެތް މައުލޫމާތެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
އެ އޮފީހުން ބުނީ ވަކިކުރި މުވައްޒަފުން މަސައްކަތް ކުރި މިނިސްޓްރީތަކުގެ ނަންތަކާއި މަގާމާއި ވަނަވަރު ހާމަކޮށްފި ނަމަ އެ މީހުންގެ ޒާތީ މައުލޫމާތުތަކެއް ހާމަވެދާނެ ކަމަށެވެ. ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު އެ ފަރާތެއްގެ ރުހުމެއް ނެތި ހާމަނުކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާންކުރާތީ، އެ މައުލޫމާތު ވެސް ދެވެން ނެތް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސުޕްރީމް ކޯޓުގެ ހުކުމަކަށް ރިއާޔަތްކޮށް ރައީސް އޮފީހުން މުވައްޒަފުންގެ ނަންތައް ހިފަހައްޓާފައިވާއިރު، މީގެ ކުރިން ބައެއް މިނިސްޓްރީތަކުން ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ސިޔާސީ މުވައްޒަފުންގެ ހުރިހާ ތަފްސީލެއް ހާމަކޮށްފަ އެވެ.
ސިޔާސީ މުވައްޒަފުންގެ މައުލޫމާތުގެ މައްސަލަ ކޯޓަށް
ސިޔާސީ މުވައްޒަފުންގެ މައުލޫމާތުގެ މައްސަލަ ކޯޓަށް
ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައްސަލަ ބަލައިގެންފި
މައުލޫމާތު ނުދޭން ސަބަބު ދައްކަނީ ދޮށި އުކާ އުސޫލުން
ވަކިކުރި ސިޔާސީމުވައްޒަފުންގެ ނަން ހާމަކުރަން އަންގައިިފި
"މުވައްޒަފުންގެ ނަން ނުދިނީ ކޯޓުގެ ހުކުމެއް އޮތީމަ"
ޑެޕިއުޓީ މިނިސްޓަރު ވަކާލާތުކުރާ މައްސަލަ ބަލަނީ
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ބަދަލުކުރަނީ
ބަދަލުގެ ގޮތުގައި ފަޅުތަކާއި ބިންތައް ވެސް ދޭން ނިންމި
ގުޅިފަޅު ހިއްކުން ހުއްޓުވި އަމުރު ސުޕްރީމް ކޯޓަށް