ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި ސިޔާސީ މުވައްޒަފުން މަދުކުރަން ފަށާފައިވާ މަސައްކަތުގެ ދަށުން އެކި މިނިސްޓްރީތަކުން ވަކިކުރި ކަމަށް ސަރުކާރުން ބުނާ 248 ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަނުކުރަން ނިންމީ ސުޕްރީމް ކޯޓުގެ ހުކުމަކަށް ރިއާޔަތްކޮށް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
09 ޑިސެމްބަރ 2024
ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި ސިޔާސީ މުވައްޒަފުން މަދުކުރަން ފަށާފައިވާ މަސައްކަތުގެ ދަށުން އެކި މިނިސްޓްރީތަކުން ވަކިކުރި ކަމަށް ސަރުކާރުން ބުނާ 248 ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަނުކުރަން ނިންމީ ސުޕްރީމް ކޯޓުގެ ހުކުމަކަށް ރިއާޔަތްކޮށް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
އިގުތިސާދީ ރިފޯމް އެޖެންޑާގެ ތެރެއިން، އެކި މިނިސްޓްރީތަކުން 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ އޮކްޓޯބަރު މަހުގެ 15 ގަ އެވެ. އެކަމަށް ކަނޑައެޅި މުއްދަތު ހަމަވިއިރު 248 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފަ އެވެ.
ނަމަވެސް ސިޔާސީ މުވައްޒަފުން ވަކިކުރީ ކޮން މިނިސްޓްރީތަކަކުން ކަމެއް އަދި އެއީ ކޮން ބައެއް ކަން ހާމައެއް ނުކުރެ އެވެ.
އެ މައުލޫމާތު ހޯދަން "މިހާރު" އިން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހެޅުމުން ރައީސް އޮފީހުން އިއްޔެ ފޮނުވި ޖަވާބުގައި ބުނީ ވަކިކުރި މުވައްޒަފުންގެ ނަމަކީ ސުޕްރީމް ކޯޓުގެ ހުކުމެއްގައި ބަޔާންކޮށްފައިވާ ފަދައިން ގާނޫނުއަސާސީގެ 24 ވަނަ މާއްދާ އިން ކަށަވަރު ކޮށްދީފައިވާ ހައްގުގެ ތެރޭގައި ހިމެނޭ ޒާތީ މައުލޫމާތެއް ކަމަށެވެ.
އެހެންވެ، އެއީ ދޫކުރެެވެން ނެތް މައުލޫމާތެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
އެ އޮފީހުން ބުނީ ވަކިކުރި މުވައްޒަފުން މަސައްކަތް ކުރި މިނިސްޓްރީތަކުގެ ނަންތަކާއި މަގާމާއި ވަނަވަރު ހާމަކޮށްފި ނަމަ އެ މީހުންގެ ޒާތީ މައުލޫމާތުތަކެއް ހާމަވެދާނެ ކަމަށެވެ. ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު އެ ފަރާތެއްގެ ރުހުމެއް ނެތި ހާމަނުކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާންކުރާތީ، އެ މައުލޫމާތު ވެސް ދެވެން ނެތް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ގާނޫނުއަސާސީގެ 24 ވަނަ މާއްދާގައި ބުނަނީ ކޮންމެ މީހެއްގެ ޒާތީ އަދި އާއިލީ ދިރިއުޅުމާއި ގޮވަތިގެދޮރާއި އަނެކުންނާ ކުރާ ޒާތީ މުއާސަލާތުތަކަކީ ހުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަން ކަމަށެވެ. ހަމަ ކޮންމެ މީހަކުމެ، އަނެކުންގެ މި ބުނެވުނު ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާން ވާނެ ކަމަށް މާއްދާގައި ބުނެ އެވެ.
ރައީސް އޮފީހުން އެ މާއްދާއާ ހަވާލާދީ، ފާހަގަކުރި ސުޕްރީމް ކޯޓުގެ ހުކުމަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ބީއެމްއެލްގެ މުވައްޒަފުންތަކެއްގެ މަގާމާއި މުސާރައިގެ ތަފްސީލު ހޯދަން އެދުނު މައްސަލައެއްގައި ބީއެމްއެލްއިން ކޯޓަށް ދިޔުމުން ކުރި ހުކުމެއް ކަމަށެވެ. އެ ހުކުމުގައި ބީއެމްއެލްގެ މުވައްޒަފުންގެ މައުލޫމާތަކީ ޒާތީ މައުލޫމާތު ކަމަށް ކަނޑައަޅައި، ހާމަކުރަން ނުޖެހޭ ކަމަށް ނިންމާފައިވެ އެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުގެ ހުކުމަކަށް ރިއާޔަތްކޮށް ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނީ މުވައްޒަފުންގެ މައުލޫމާތަކީ ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު ކަމަށް ވާތީ އެ މައުލޫމާތަކީ އެ ފަރާތްތަކުގެ ރުހުން ނެތި ދޫކުރެވޭނެ މައުލޫމާތެއް ނޫން ކަމަށެވެ. އެ މައުލޫމާތަކީ އެއްވެސް ގޮތަކަށް ޕަބްލިކް އިންޓްރެސްޓެއް އޮތް މައުލޫމާތެއް ވެސް ނޫން ކަމަށެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން، ތިންވަނަ މީހެއްގެ ޒާތީ މައުލޫމާތު ދޫކުރުމަކީ އާންމު މަސްލަހަތު ދެމެހެއްޓުމަށް މުހިންމު ކަމެއް ކަމަށް ފެނިއްޖެ ނަމަ އެ ތިންވަނަ ފަރާތުގެ ރުހުމާ ނުލައި އެ މައުލޫމާތެއް އެ ސަބަބަށްޓަކައި އެ ނިސްބަތަށް ދޫކުރެވިދާނެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމަކަށް ރިއާޔަތްކޮށް ރައީސް އޮފީހުން މުވައްޒަފުންގެ ނަންތައް ހިފަހައްޓާފައިވާއިރު، މީގެ ކުރިން ބައެއް މިނިސްޓްރީތަކުން ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ސިޔާސީ މުވައްޒަފުންގެ ހުރިހާ ތަފްސީލެއް ހާމަކޮށްފަ އެވެ.
ވަކިކުރި 248 ސިޔާސީ މުވައްޒަފުންގެ ލިސްޓް ހޯދަން "މިހާރު" އިން ވެސް ރައީސް އޮފީހަށް ހުށަހެޅުމުން، ޖަވާބު ދޭން ލިބޭ މުއްދަތުގެ ތެރޭގައި އެކަން ނުކޮށް އިތުރު 14 ދުވަހުގެ މުއްދަތަކަށް އެދުނެވެ. އެ މުއްދަތު ހަމަވިއިރު ވެސް އެ އޮފީހުން އެއްވެސް ޖަވާބެއް ނުދިނެވެ. މެއިލް މެދުވެރިކޮށް އިއްޔެ ޖަވާބު ފޮނުވާފައިވަނީ މި މައްސަލައާ ގުޅޭ އަޑުއެހުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ތާވަލް ކުރުމުންނެވެ.
ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުން، ވަކިކުރާ ސިޔާސީ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ހަތް ސްޓޭޓް މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ. އެ ނިންމެވުމާއެކު، ދައުލަތުގެ ބަޖެޓުން މަހަކު 5.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
ސަރުކާރުގެ އެކި އިދާރާތަކުން "މިހާރު" އާ ހިއްސާ ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިވަގުތު ސިޔާސީ މުވައްޒަފުންގެ އަދަދު އުޅެނީ 1،400 އަށް ވުރެ މަތީގަ އެވެ. ބައެއް މިނިސްޓްރީތަކުން މިހާތަނަށް ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކޮށްފައެއް ނުވެ އެވެ. މި ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ މަތި ނުވާނެ ކަމަށް ކުރިން ވަނީ ބުނެފަ އެވެ.
ވަކިކުރި ސިޔާސީމުވައްޒަފުންގެ ނަން ހާމަކުރަން އަންގައިިފި
ސިޔާސީ މުވައްޒަފުންގެ މައްސަލަ އަނބުރާ ނަގައިފި
ސިޔާސީ މުވައްޒަފުންގެ މައުލޫމާތުގެ މައްސަލަ ކޯޓަށް
ސިޔާސީ މުވައްޒަފުންގެ ނަމަކީ ޒާތީ މައުލޫމާތެއް:ސަރުކާރު
ފޮރިން މިނިސްޓްރީގައި ތިބީ ސިޔާސީ 129 މުވައްޒަފުން
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ބަދަލުކުރަނީ
އިންފޮމޭޝަން ކޮމިޝަނަރަކަށް އާހިދު އައްޔަންކުރައްވައިފި
އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަން ނުކުރެވި ހުސްކަމެއް!
ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައްސަލަ ބަލައިގެންފި
ސިޔާސީ މުވައްޒަފުންގެ މައުލޫމާތުގެ މައްސަލަ ކޯޓަށް