Roadha Mihaaru

100 މިލިއަނާ ގާތަށް މިހާރު ޒަކާތު ފައިސާ ލިބޭ: ޝަހީމް

ޒަކާތުގެ ގޮތުގައި ކުރިން ލިބެމުން ދިޔައީ 14 މިލިއަން ރުފިޔާ ނަމަވެސް އެކަމަށް ހޭލުންތެރިކުރުމަށް ކުރި މަސައްކަތުން އެ އަދަދު 100 މިލިއަން ރުފިޔާއާ ގާތަށް އަރާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެެ އެވެ.

100 މިލިއަނާ ގާތަށް ޒަކާތު ފައިސާ ލިބޭ: ޝަހީމް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

28 ނޮވެމްބަރ 2024

ޒަކާތުގެ ގޮތުގައި ކުރިން ލިބެމުން ދިޔައީ 14 މިލިއަން ރުފިޔާ ނަމަވެސް އެކަމަށް ހޭލުންތެރިކުރުމަށް ކުރި މަސައްކަތުން އެ އަދަދު 100 މިލިއަން ރުފިޔާއާ ގާތަށް އަރާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެެ އެވެ.

މި އަހަރުގެ ބައިނަލްއަގުވާމީ ޒަކާތު މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ޒަކާތުގެ ނިޒާމަކީ ހުރިހާ ދުވަސްވަރެއްގައި ވެސް ވަރަށް ހަރުދަނާ ގޮތެއްގައި ހިނގަމުން އަންނަ ނިޒާމެއް ކަމަށެވެ. އެކި ކުރިއެރުންތައް ވެސް އެ ނިޒާމަށް ލިބެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި 2008 ވަނަ އަހަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީގެ މިނިސްޓަރުކަމުގައި އެ ނިޒާމަށް ހަރުދަނާ ބަދަލުތަކެއް ގެނެސްފައިވެ އެވެ. އޭގެ ތެރޭގައި ޒަކާތުގެ ބެހެނިވެރިންގެ މަފްހޫމް ޒަމާނީ ފިގުހުގެ އަލީގައި ދިރާސާ ކުރައްވައި އާ ކަންތައްތަކަކަށް ޒަކާތުން ހޭދަކުރެއްވުމަށް ނިންމެވި ކަމަށް ވިދާޅުވި އެވެ.

އޭގެ ތެރޭގައި ޔަތީމު ކުދިންގެ ފޮތް، ފަންސޫރަށް ފައިސާ ދޫކުރުމާ އެކު އެ ބަދަލުގެ ދަށުން ފަގީރު ކުދިންގެ މަތީ ތައުލީމަށް ވެސް އޭރު ހޭދަކުރަން ނިންމި ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އިސްލާމީ އިގްތިސާދާއި އިސްލާމީ މުޖުތަމައަކަށް ބޭނުންވާ އެކި ދާއިރާތަކުން މަތީ ތައުލީމަށް ކިޔަވަން ފުރުސަތު ފަހިކޮށްދިންއިރު އޭގެ ސަބަބުން ރާއްޖޭގެ އިސްލާމީ މާލީ މުއައްސަސާތައް އަމިއްލަ ފައި މައްޗަށް ތެދުވުމަށް ވެސް ފަހިވި އެވެ.

"މި ނޫން ވެސް ވަރަށް ގިނަ ބަދަލުތައް އެ ދުވަސްވަރު ގެނައި ޒަކާތަށް. މީހުން ހޭލުންތެރިކުރުމާއި ފޮތްތައް ތަރުޖަމާކުރުމާއި އެކި ކުންފުނިތަކަށް ބައްދަލުކޮށް ޒަކާތް ހޯދުމަށް މަސައްކަތް ކުރި،" ރާއްޖޭގެ ޒަކާތު ހައުސް އިން އިންތިޒާމުކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ ޒަކާތު މަހާސިންތާގައި މިނިސްޓަރު ވިދާޅުވި އެވެ.

ޒަކާތަށް މީހުން ހޭލުންތެރިކުރަން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިއަދު ޒަކާތަށް ލިބެމުން އަންނަ ތަރުހީބު ވެސް ބޮޑުވެފައިވާ ކަމަށާއި ޒަކާތު ފަންޑަށް މިހާރު 100 މިލިއަނާ ގާތަށް ފައިސާ ލިބެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޒަކާތަށް ލިބޭ ފައިސާގެ އަދަދު އިތުރުވަމުން އަންނަނީ މީހުންގެ ވިސްނުމަށް ވެސް އަންނަ ބަދަލުގެ ސަބަބުންނެވެ. މިހާރު ވެސް އެ ނިޒާމާ މެދު މީހުން ހޭލުންތެރިވާ މިންވަރު އިތުރުވަމުން އަަންނައިރު ގާނޫނީ އިމުގެ ތެރެއިން ނިޒާމު ހަރުދަނާ ކުރެވިއްޖެ ނަމަ، މިހާރަށް ވުރެެ ބޮޑު ކުރިއެރުމެއް ނިޒާމަށް ލިބޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޒަކާތު މަހާސިންތާއަކީ ރާއްޖޭގައި ގާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި އިލްމުވެރިންނާއި މި މަސައްކަތުގައި އުޅޭ މީހުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކުން ބައިވެރިވެ އެވެ.