Roadha Mihaaru

ރާއްޖޭގައި 2021 ވަނަ އަހަރު 6،000 އެއްހާ ކުދިން އުފަންވި، 1،500 މީހުން މަރުވި

ރާއްޖޭގައި 2021 ވަނަ އަހަރު 6،000 އެއްހާ ކުދިން އުފަންވެ އަދި 1،500 އަށް ވުރެ ގިނަ މީހުން މަރުވި ކަމަށް ތަފާސްހިސާބުން ދައްކައިފި އެވެ.

ރާއްޖޭގައި 6،000 ކުދިން އުފަންވެ، 1،500 މަރު
އާސިމާ ނިޒާރު
އާސިމާ ނިޒާރު

01 ޑިސެމްބަރ 2024

ރާއްޖޭގައި 2021 ވަނަ އަހަރު 6،000 އެއްހާ ކުދިން އުފަންވެ އަދި 1،500 އަށް ވުރެ ގިނަ މީހުން މަރުވި ކަމަށް ތަފާސްހިސާބުން ދައްކައިފި އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސްއިން ނެރުނު ވައިޓަލް ސްޓެޓިކްސް 2021 ގެ ރިޕޯޓްގައިވާ ގޮތުން އެ އަހަރު މާލޭގައި 3،192 ކުދިން އަދި ރަށްރަށުގައި 2،725 އާއެކު ޖުމްލަ 5،917 ކުދިން އުފަންވި އެވެ. އެއީ 2،963 އަންހެން އަދި 2،954 ފިރިހެން ކުދިންނެވެ.

އެ މުއްދަތުގައި 1،552 މީހުން މަރުވި އެވެ. އެއީ 1،448 ދިވެހިންނާއި 93 ބިދޭސީން އަދި ގައުމު ކަށަވަރުނުވާ 11 މީހެކެވެ. އެ އަހަރު 39 ދިވެއްސަކު ވަނީ ރާއްޖެއިން ބޭރުގައި މަރުވެފަ އެވެ. އަދި މަރުތަކުގެ 40 ޕަސެންޓަކީ އަންހެނުންނެވެ.

މާލޭގައި 880 އަދި ރަށްރަށުގައި 632 މީހުން މަރުވި އެވެ. މާލެ ފިޔަވައި އެންމެ ގިނަ މީހުން މަރުވީ އައްޑޫގަ އެވެ. އަދި އެންމެ ގިނަ މީހުން މަރުވެފައިވަނީ މެއި، 2021 ގަ އެވެ.

މަރުގެ އެ އަދަދުތަކަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 21 ޕަސެންޓުގެ އިތުރުވުމެކެވެ. އޭގެ ތެރޭގައި ކޮވިޑް-19 ގެ މަރުތައް ވެސް ހިމެނެ އެވެ.

އެ ރިޕޯޓު ބުނާގޮތުން 2020 ވަނަ އަހަރު 1،280 މީހުން މަރުވި އެވެ. އެއީ 1،188 ދިވެހިންނާއި 80 ބިދޭސީން އަދި ގައުމު ކަށަވަރުނުވާ 12 މީހެކެވެ.

ދިވެހިންގެ މެދުގައި ކްރޫޑް ޑެތު ރޭޓް ނުވަތަ ކޮންމެ 1،000 މީހަކުން މަރުވާ ރޭޓު 2021 ވަނަ އަހަރު ވަނީ 3-4 އަށް އިތުރުވެފަ އެވެ. އަދި ފަސް އަހަރުން ދަށުގެ ކުދިން މަރުވާ މިންވަރު 2019 ވަނަ އަހަރު އަށެއްގައި ހުރިއިރު، 2021 ވަނަ އަހަރު ވަނީ ވިހެއި ކުދިންގެ ތެރެއިން ކޮންމެ 1،000 އަކުން 11 ކުދިން މަރުވެފަ އެވެ.

ސްޓެޓިކްސް ބިއުރޯއިން ބުނީ ތުއްތުއިރު މަރުވާ ރޭޓު މަތި ކަމަށެވެ. އެ ރޭޓް ޗައިލްޑްހުޑްގައި ދަށްއިރު ޒުވާން އުމުރުގައި ސްޓޭބަލް ކަމަށް ވެސް ބުންޏެވެ. ނަމަވެސް، އުމުރު މަތިވާ ވަރަކަށް މަރުވާ ރޭޓް މަޑުމަޑުން މަތިވެ އެވެ.

ފަންސާސް އަހަރުން މަތީގެ މީހުން މަރުވާ ރޭޓު ވެސް އެހެން އަހަރުތަކަށް ވުރެ އިތުރުވެފައިވާތީ އެއީ ކޮވިޑް-19 ސަބަބުން ކުރި އަސަރެއް ކަމަށް އެ ތަފާސް ހިސާބުގައި ލަފާކޮށްފައިވެ އެވެ.