Roadha Mihaaru
ދެ މަސް ތެރޭގައި 16 ތުއްތު ކުދިން މަރުވެއްޖެ!

ދެ މަސް ތެރޭގައި 16 ތުއްތު ކުދިން މަރުވެއްޖެ!

03 އޮކްޓޯބަރ 2019

ވޭތުވެ ދިޔަ ދެ މަހުގެ ތެރޭގައި އެކި ސަބަބުތަކާ ގުޅިގެން 16 ތުއްތު ކުއްޖަކު މާލޭގައި މަރުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ވޭތުވެ ދިޔަ ދެ މަހުގެ ތެރޭގައި އެކި ސަބަބުތަކާ ގުޅިގެން 16 ތުއްތު ކުއްޖަކު މާލޭގައި މަރުވެއްޖެ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ހަތަރު ތުއްތު ކުއްޖަކު މަރުވެފައިވާއިރު މިދިޔަ އޮގަސްޓު މަހު އެ އަދަދު 13 އަށް އަރަ އެވެ. މިކުދިންގެ މައުލޫމާތު ކަށުނަމާދުއެމްވީގެ ޕޭޖުތަކުން ފެންނަން އެބަ ހުއްޓެވެ.

މިއީ މި ފަހުން، ކައިރި ކައިރީގައި މިހާ ގިނަ އަދަދެއްގެ ކުދިން މަރުވި ފުރަތަމަ ފަހަރެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން ގިނަ ކުދިން މަރުވެފައިވަނީ ވިހޭތާ ގިނަ އިރުތަކެއް ނުވެ އެވެ. އަދި ދެ ކުއްޖަކު ހަތަރު މަހާއި ފަސް މަހުގައި ވެސް މަރުވެފައި ވެ އެވެ.

ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އޮގަސްޓު 5 ގައި ތިން ކުއްޖަކު މަރުވި އެވެ. އަދި ޖެހިގެން އައި ދެ ދުވަހު ވެސް ދެ ކުދިން މަރުވި އެވެ. އޭގެ ފަހުން އޮގަސްޓު 26 އިން ފެށިގެން 31ގެ ނިޔަލަށް ފަސް ކުއްޖަކު މަރުވި އެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިހާ ގިނަ ތުއްތު ކުދިން މަރުވެފައިވާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މީގެ ސަބަބު ހޯދުމަށް ވެސް ގޮވާލާފައި ވެ އެވެ.

ރާއްޖެ އަކީ، އުފަންވާ ތަނުން ނުވަތަ ވަރަށް ޅަ އުމުރުގައި ތުއްތު ކުދިން މަރުވާ ނިސްބަތް މި ސަރަހައްދުން ވެސް އެންމެ ދަށް ގައުމެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ އަދަދެއްގެ ކުދިން މަރުވެފައިވާތީ، ސޯޝަލް މީޑިއާގައި ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޓްވިޓާގައި ހިޔާލުފާޅު ކުރި ބައެއް މީހުން ބުނިގޮތުގައި މި ކުދިން މަރުވި ސަބަބު ދެނެގަނެ، މިއީ ސިއްހީ ބޮޑު މައްސަލައަކާ ހުރެ ދިމާވާ ކަމެއް ނޫންކަން ކަމާ ގުޅޭ އިދާރާތަކުން ޔަގީންކޮށްދޭން ޖެހެ އެވެ. އަދި މިހާ ގިނަ އަދަދެއްގެ ކުދިން މަރުވުމަކީ ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނޫންތޯ ވެސް ބައެއް މީހުން ސުވާލުކޮށްފައިވެ އެވެ

މިކަމާ ގުޅޭގޮތުން ކަމާ ބެހޭ އެއްވެސް ފަރާތެއްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އޭޑީކޭ އަދި އައިޖީއެމްއެޗުން ވެސް ބުނީ ތުއްތު ކުދިން މަރުވި ނިސްބަތް ކުއްލިއަކަށް ގިނަވިތޯ ބަލާނެ ކަމަށާއި އެކަމުގައި އާދަޔާހިލާފު ކަމެއް އުޅޭކަން އެނގޭނީ އެ ތަފާސްހިސާބުތަކަށް ބެލުމަށް ފަހު ކަމަށެވެ.

އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ނިޝާން އަހުމަދު ވިދާޅުވީ ކައިރި ކައިރީގައި ތުއްތު ކުދިން މަރުވެގެން، މީހުން ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވާ ކަންބޮޑުވުންތައް ފެނިވަޑައިގެންފައިވާ ކަމަށެވެ. އަދި އެކަމުގެ ހަގީގަތް ބައްލަވާނެ ކަމަށް ވިދާޅުވި އެވެ.

"ސްޓިލްބާތުގެ ކޭސްތައް އަބަދު ވެސް އުޅޭނެ. އެކަމަކު ގިނަ ބަޔަކަށް މިކަން ފާހަގަ ވަނީ ކަށުނަމާދު އެމްވީ ކަހަލަ ޕޭޖުތަކުން އެ މައުލޫމާތު އާއްމުކުރާތީ. ނަމަވެސް މި ފަދަ ކޭސްތައް މާ ބޮޑަށް އިތުރުވެފައިވޭތޯ އަޅުގަނޑުމެން ބަލާނަން،" އިތުރު މައުލޫމާތު ފަހުން ދެއްވާނެކަމުގެ ޔަގީންކަމާ އެކު އޭނާ ވިދާޅުވި އެވެ.

އޭޑީކޭން ވެސް ބުނީ އެ މައުލޫމާތުތައް ސާފުވިހާ އަވަހަކަށް މީޑިއާއާ ހިއްސާ ކުރާނެ ކަމަށެވެ.

މީގެ ދެ އަހަރު ކުރިން 2017 ގައި ވެސް، ހަފުތާއެއްގެ ތެރޭގައި ފަސް ތުއްތު ކުއްޖަކު މަރުވުމުން އެކަން ގިނަ ބައެއްގެ ސަމާލުކަމަށް އަ އެވެ.

އާއްމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން، ކުޑަކުދިންގެ ޑޮކްޓަރު އަބްދުﷲ ނިޔާފު އޭރު ވިދާޅުވީ ޅަ އުމުރުގައި ކުދިން މަރުވާ ސަބަބު ދެނެގަނެ، އެކަން މޮނީޓާ ކުރެވޭނެ ނިޒާމެއް ރާއްޖޭގައި ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ތުއްތު ކުއްޖަކު މަރުވެއްޖެ ނަމަ، އޭގެ ސަބަބު ބަލައި ރިޕޯޓު ކުރަން ޖެހޭނެ ކަމަށާއި އަދި އޭގެ ފަހުން، ކަމާ ބެހޭ ތަޖުރިބާކާރުންގެ ޕެނަލަކުން ވެސް އެކަން ދިރާސާކޮށް، މަރުގެ ސަބަބު ދެނެގަތުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.