Roadha Mihaaru

ސިޒޭރިއަން ހަދައި ފަރުވާ ލިބުން ލަސްވެ ދެމައިން ނިޔާވެއްޖެ

ގއ. ވިލިނގިލީގައި ސިޒޭރިއަން ހެދުމަށް ފަހު، އަންހެނަކާއި ތުއްތު ދަރިފުޅު ރޭ ނިޔާވެއްޖެ އެވެ.

ސިޒޭރިއަނަށްފަހު ފަރުވާ ލަސްވެ ދެމައިން ނިޔާވެއްޖެ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

06 ފެބުރުއަރީ 2025

ގއ. ވިލިނގިލީގައި ސިޒޭރިއަން ހެދުމަށް ފަހު، އަންހެނަކާއި ތުއްތު ދަރިފުޅު ރޭ ނިޔާވެއްޖެ އެވެ.

އާއިލާ އިން ތުހުމަތުކުރާ ގޮތުގައި އެ ދެމައިން ނިޔާވީ ސިޒޭރިއަނަށް ފަހު ހާލު ގޯސްވެ، މާލެ ނުގެނެވި، ފަރުވާ ލިބުން ލަސްވެގެންނެވެ. އެކަމަކު މި ތުހުމަތުތަކަށް ހޮސްޕިޓަލުން އަދި ވާހަކައެއް ނުދައްކަ އެވެ.

ބަނޑަށް 8 މަހުގައި ކުއްލިއަކަށް ނޭވާލާން އުނދަގޫވެ، ވިލިނގިލީ ހޮސްޕިޓަލުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ދެންވަރު 2:00 ހާއިރު އެޑްމިޓުކުރުމަށް ފަހު، ހާލު ސީރިއަސްވާން ފެށުމުން ސިޒޭރިއަން ހެދި ޝިއުނާ ތައުފީގު، 35، އެވެ. އޭގެ 24 ގަޑިއިރު ނުވަނީސް އޭނާ ވަނީ ނިޔާވެފަ އެވެ.

ޝިއުނާ ނިޔާވީ ސިޒޭރިއަން ހަދާފައި އިތުރު ފަރުވާ އަށް މާލެ ގެންނަން ކޫއްޑޫ އެއާޕޯޓުގެ ރަންވޭ މަތީގައި ތިއްބަ އެވެ. ދަރިފުޅު ނިޔާވީ މާލެ ގެނައި ފަހުންނެވެ.

ވިލިނގިލިން، ވާހަކަ ދެއްކި ޝިއުނާގެ އެންމެ ގާތް އެކުވެރިޔާ "މިހާރު" އަށް ބުނީ މީގެ ދެ ދުވަސް ކުރިން ޝިއުނާ ފުރަތަމަ ހޮސްޕިޓަލަށް ދިޔައީ ރޫޓިން ޗެކަޕަށް އަންހެނުންގެ ބަލިތަކުގެ ޑޮކްޓަރަށް ދެއްކުމަށް ކަމަށެވެ. އޭގެ އެއް ދުވަސް ކުރިން ރޯގާ ޖެހުނަސް އިތުރު މައްސަލައެއް ނެތް ކަމަށާއި އެކަމަކު އެތެރެ ހަށީގެ ޑޮކްޓަރަށް ދައްކަން ލަފާދިން ކަމަށް ބުންޏެވެ.

އޭގެ ފަހުން ހޮސްޕިޓަލުގައި އެޑްމިޓުކުރީ ހާސްވެ، ނޭވާލަން އުނދަގޫވާތީ ކަމަށާއި އިއްޔެ މެންދުރު އެ ރަހުމަތްތެރިޔާ ހޮސްޕިޓަލަށް ދިޔައިރު ޝިއުނާ ހުރީ ނޭވާލަން އުނދަގޫވާތީ އެ ތަނުގައި ހުރި އެއްޗެއްގައި ހިފަހައްޓައިގެން ކަމަށެވެ.

އެ ތަނުގައި ތިބި އާއިލާ މީހުންގެ އަތްމައްޗަށް ޝިއުނާ ވެއްޓުނީ ނޭވާލާން އުނދަގޫވާ ކަމަށް ބުނި ފަހުންނެވެ.

"ތިމަންނަ މަރުވަނީއޭ، ތިމަންނައަށް ނޭވާލަން އުނދަގޫވަނީއޭ، ތިމަންނަ މޭގައި ރިއްސަނީއޭ، މަރުވަނީއޭ އުނދަގޫވަނީއޭ، އެހެން ކިޔައި އޭނާ އެނދު މައްޗަށް ވެއްޓުނީމާ ދެން ނަރުހުން މަސައްކަތް ފެއްޓީ. ދެން އެ މީހުން މަސައްކަތް ފެއްޓީ،" އެ ވަގުތު އެ ތަނުގައި ހުރި އެ ރަހުމަތްތެރިޔާ ބުންޏެވެ.

އޭނާ ބުނީ އެ ހުރިހާ ކަމެއް ހިނގިއިރު ވެސް، ފަހުން ދެއްކި އެތެރެ ހަށީގެ ޑޮކްޓަރު، އަންހެނުންގެ ބަލީގެ ޑޮކްޓަރަށް ރިފާ ނުކުރާ ކަމަށެވެ. އަދި ޝިއުނާގެ ހާލަތު ވެސް އަންހެނުންގެ ޑޮކްޓަރަށް ކިޔައިނުދޭ ކަމަށް ބުންޏެވެ.

ރަހުމަތްތެރިޔާ ބުނީ ތިން ވަނަ ދަރިފުޅަށް ބަލިވެ އިން ޝިއުނާގެ ހާލަތު ގޯސްވާން ފެށުމުން ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދޭން ފެށި ކަމަށެވެ. އަންހެނުންގެ ޑޮކްޓަރަށް ގުޅީ އޭގެ ފަހުން ކަމަށް އޭނާ ބުންޏެވެ.

އެކަމަކު، އެފަދަ ހާލަތެއްގައި ވިއްސައިގެން ކުއްޖާ ލާނެ އައިސީޔޫއެއް ރަށުގައި ނެތް ކަމަށް އަންހެނުންގެ ޑޮކްޓަރު ބުނި ކަމަށާއި ބަލި އެހެން ކުއްޖެއް ގޮވައިގެން ކުޑަކުދިންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު މާލެ އައިސްފައިވާތީ ވިލިނގިލީގައި އެ ވަގުތު އެކަމަށް ހާއްސަ ޑޮކްޓަރެއް ވެސް ނެތެވެ.

ރަހުމަތްތެރިޔާ ބުނީ ހާލު ސީރިއަސް ވާތީ ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގަން، އަންހެނުންގެ ބަލިތަކުގެ ޑޮކްޓަރު ނިންމި ކަމަށެވެ. އެހެންވެ، ސިޒޭރިއަން ހެދީ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގެ ކުޑަކުދިންގެ ޑޮކްޓަރެއް އެ ރަށަށް ގެންގޮސްގެންނެވެ.

"އެ ހުރިހާ އިރު އެ މީހުން ކީ ފްލައިޓު އެބަ އާދެއޭ، އާސަންދަ ހަމަޖެހިއްޖެއޭ، ފްލައިޓު އަންނަނީއޭ، ފްލައިޓު އަންނަނީއޭ. އޭނާ ހަމަ ވެއްދި ހިސާބުން (އިއްޔެ ހަވީރު) 4 ޖެހިއިރުން ފެށިގެން މުޅިން އެހެން ކީ،" ރަހުމަތްތެރިޔާ ބުންޏެވެ.

އޭނާ ބުނީ ހޮސްޕިޓަލުން ދޭ މައުލޫމާތުގެ ސަބަބުން އިމަޖެންސީކޮށް ފްލައިޓު ހަމަޖެއްސުމަށް ފަހު ކޮންމެ ފަހަރަކު ވެސް ލަސްކޮށްލަނީ ކަމަށެވެ. އެކަމަކު، ވަރަށް ޝަކުވާކޮށްގެން ފަހުން ފްލައިޓު ހަމަޖައްސައިގެން އެއާޕޯޓަށް ދިޔައިރު އޮކްސިޖަން ދެވޭނެ ގޮތެއް ނެތް ކަމަށް ބުންޏެވެ.

"މި ތަނުގައި ހުރި ހުރިހާ އެއްޗެއް ހުރީ ހުސްވެފައި. ކޫއްޑޫއާ މި ރަށާ ދޭތެރޭގައި ފަންސާހަކަށް ބުރު ސީއެމްބިއުލާންސް ޖެހި ރޭގައި. އެހެންވީމަ ކޮން ބައެއްގެ އިހުމާލެއް މިކަން ވީ؟ މަރުވެގެން ރޭ ދަންވަރު 2:15 ވިއިރު އެއާޕޯޓުން ހޮސްޕިޓަލަށް ގެނައީ،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޝިއުނާ ނިޔާވީ ސިޒޭރިއަން ހަދާފައި އިތުރު ފަރުވާއަށް މާލެ ގެންނަން އެއާޕޯޓުގެ ރަންވޭ މަތީގައި ތިއްބަ އެވެ. އޮކްސިޖަން ލެވެލް ދަށްވާތީ ރަންވޭ މަތީގައި ވެސް ގަޑިއިރަކަށް ވުރެ ގިނަ އިރު ބޭއްވި ކަމަށް ބުންޏެވެ.

އެނގިފައިވާ ގޮތުގައި، އެއާ އެމްބިއުލާންސް ގެންދަން ފުރަތަމަ ހަމަޖެއްސީ ރޭ 7:00 ހާއިރެވެ. ނަމަވެސް، ބަލި މީހާގެ ހާލަތު ސްޓޭބަލް ކަމަށް މައުލޫމާތު ދިނުމުން އެ ދަތުރު ފަހުން ކެންސަލްކުރީ އެވެ. އެކަމަކު، ހާލަތު ގޯސްވާން ފެށުމުން ފަހުން އެމްބިއުލާންސް ގެނައީ އެވެ.

ޝިއުނާގެ 13 އަހަރާއި 8 އަހަރުގެ ދެ ކުދިން އެބަތިއްބެވެ. އޭގެ ފަހުން ދެ ފަހަރަށް އޭނާ ބަނޑުބޮޑުވެ، ބައިގެންދިޔައީ އެވެ. އެ ދެމައިންގެ މަރަށްފަހު، ރަށުގެ އާއްމުންގެ ބޮޑު ހިތްހަމަނުޖެހުމެއް އުފެދި، ރަށުގެ އެތެރެ ހަށީގެ ޑޮކްޓަރަށް ވަނީ އިންޒާރުތައް ދީފަ އެވެ. އެހެންވެ، އެ ޑޮކްޓަރުގެ އާއިލާއާއެކު ވަނީ ރަށުން ފޮނުވާލައިފަ އެވެ.