Roadha Mihaaru

ޔުނައިޓެޑްގެ ވަޒީފާ ދޫކޮށްލަން ޖެހުމުން ވަރަށް ދެރަވި: ނިސްޓެލްރޫއީ

މެންޗެސްޓާ ޔުނައިޓެޑުގެ މަގާމު ދޫކޮށްލަން ޖެހުމުން ވަރަށް ދެރަވިކަމަށް ލެސްޓާ ސިޓީގެ އާ ކޯޗު ރޫޑް ވެން ނިސްޓެލްރޫއީ ބުނެފި އެވެ.

ޔުނައިޓެޑް ދޫކޮށްލަން ޖެހުމުން ދެރަވި: ނިސްޓެލްރޫއީ
ހުސެއިން ހަބީބް
ހުސެއިން ހަބީބް

03 ޑިސެމްބަރ 2024

މެންޗެސްޓާ ޔުނައިޓެޑުގެ މަގާމު ދޫކޮށްލަން ޖެހުމުން ވަރަށް ދެރަވިކަމަށް ލެސްޓާ ސިޓީގެ އާ ކޯޗު ރޫޑް ވެން ނިސްޓެލްރޫއީ ބުނެފި އެވެ.

މި ހަފުތާގައި ލެސްޓާ ސިޓީގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން، އޭނާ ވަނީ ޔުނައިޓެޑްގައި އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

އެރިކް ޓެން ހަގް މަގާމުން ވަކި ކުރުމަށް ފަހު އާ ކޯޗު މަގާމާ ހަވާލުވަންދެން ޔުނައިޓެޑްގެ ކޯޗުކަން ކުރީ ނިސްޓެލްރޫއީ އެވެ. ސްޕޯޓިން ލިޒްބަންގެ ކުރީގެ ކޯޗު ރުބެން އަމޯރިމް ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެ، ނިންމީ އޭނާގެ ކޯޗިން ޓީމުން ނިސްޓެލްރޫއީ އަށް ޖާގަ ނުދިނުމަށެވެ.

އިއްޔެ މީޑިއާއާ ވާހަކަ ދައްކަމުން ނިސްޓެލްރޫއީ ބުނީ ޔުނައިޓެޑް ފިޔަވައި އެހެން ކްލަބެއްގައި އެސިސްޓެންޓް ކޯޗުކަން އޭނާ ނުކުރާނެ ކަމަށެވެ. ޔުނައިޓެޑްގައި ކޮންމެ ކޯޗަކާ އެކު ވެސް އެ މަގާމު އަދާކުރަން އޭނާ ހުރީ ތައްޔާރުވެގެން ކަމަށް ބުންޏެވެ.

އަމޯރިމް މަގާމާ ހަވާލުވުމަށް ފަހު، އޭނާ ބައްދަލު ކުރި ކަމަށް ނިސްޓެލްރޫއީ ބުންޏެވެ. އެ ބައްދަލުވުމުގައި ޔުނައިޓެޑުން އޭނާ އަށް ފުރުސަތު ނެތް ކަމަށް އެންގި އެވެ. އެކަމަކު އެ ބައްދަލުވުމަކީ ވަރަށް ރަނގަޅަށް ދިޔަ ބައްދަލުވުމެއް ކަމަށާއި ވާހަކަތައް ދެކެވުނީ ވެސް ބިނާ ކުރުވަނިވި ރާގެއްގައި ކަމަށް ރެއާލް މެޑްރިޑަށް ވެސް ކުރިން ކުޅުނު ސްޓައިކަރު ބުންޏެވެ.

"އަހަރެން މާޔޫސްވި އާނ، ވަރަށް ބޮޑަށް. އެ ކްލަބް ދޫކޮށް ދާން ޖެހުނީމަ ވަރަށް ދެރަވި،" ނިސްޓެލްރޫއީ ބުންޏެވެ.

"އެސިސްޓެންޓެއްގެ ގޮތުގައި އަހަރެން ހަވާލުވާނެ ހަމައެކަނި ވަޒީފާ އަކީ ޔުނައިޓެޑްގެ މަގާމު. އެއީ ކްލަބުގެ މީހުންނާއި ސަޕޯޓަރުންނާ އޮންނަ ގުޅުމުގެ ސަބަބުން. އެކަމަކު އެންމެ ފަހުން އަހަރެންގެ ބޮލަށް ފަސޭހަވި. އެއީ އާ މެނޭޖަރަށް ވެސް އަހަރެންގެ މަސައްކަތް ގަބޫލު ކުރެވޭތީ. އަހަރެން އެކަމާ ބެހޭގޮތުން ރުބެން [އަމޯރިމް] އާ ވާހަކަ ދެއްކިން، އެ ވާހަކަތަކީ އަހަރެންގެ މަސައްކަތް އަގުވަޒަންކޮށް ޝުކުރުވެރިވުމުގެ ވާހަކަތަކެއް. މީހާ އާއި މީހާ ކޯޗާއި ކޯޗު. (އަހަރެމެން ދެ މީހުން އެކަނި ތިބެގެން ދެއްކި ވާހަތައް). އަދި އޭގެ ސަބަބުން ވަރަށް ގިނަ ކަންކަން ކުރިއަށް ދެވުނު. ސީދާ އާ ފުރުސަތުތަކާ އެކު މަޝްވަރާއަށް ދިއުމަށް މަގުފަހިވި. އެކަމުގެ ސަބަބުން އަހަންނަށް ވެސް ހިތްވަރު ލިބިގެން ދިޔަ."

ނިސްޓެލްރޫއީ ކޯޗުކަމުގެ ދަށުން ޔުނައިޓެޑުން ކުޅުނީ ތިން މެޗެވެ. އޭގެ ތެރެއިން ދެ މެޗުން މޮޅުވި އެވެ. އަނެއް މެޗު އެއްވަރުވީ އެވެ.

ނިސްޓެލްރޫއީގެ ކޯޗުކަމުގެ ދަށުން ލެސްޓާ ކުޅޭ ފުރަތަމަ މެޗުގައި މިރޭ އެ ޓީމުން ނުކުންނާނީ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ.