Roadha Mihaaru
ހދ. އަތޮޅު ކައުންސިލުން ބެންކޮކަށް ދިޔަ މައްސަލައެއް

ހދ. އަތޮޅު ކައުންސިލުން ނުވަ ލައްކަ ރުފިޔާ ހަރަދުކޮށްގެން ބެންކޮކަށް ދިޔަ މައްސަލައެއްގައި ފިޔަވަޅު އަޅަން އަންގައިފި

03 ޑިސެމްބަރ 2024

ހދ. އަތޮޅު ކައުންސިލުގެ ބަޖެޓުން ނުވަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްގެން، އެއްވެސް ފައިދާއެއް ނުކުރާ ތަޖުރިބާ ދަތުރެއްގައި އެ ކައުންސިލްގެ ގިނަ އަދަދެއްގެ މެމްބަރުންނާއި މުވައްޒަފުން ތައިލެންޑުގެ ބެންކޮކަށް ދިޔަ މައްސަލައެއް ފެންމަތިވެ، އެކަމަށް ފިޔަވަޅު އަޅަަން އޮޑިޓާ ޖެނެރަލް އަންގަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހދ. އަތޮޅު ކައުންސިލުގެ ބަޖެޓުން ނުވަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްގެން، އެއްވެސް ފައިދާއެއް ނުކުރާ ތަޖުރިބާ ދަތުރެއްގައި އެ ކައުންސިލްގެ ގިނަ އަދަދެއްގެ މެމްބަރުންނާއި މުވައްޒަފުން ތައިލެންޑުގެ ބެންކޮކަށް ދިޔަ މައްސަލައެއް ފެންމަތިވެ، އެކަމަށް ފިޔަވަޅު އަޅަަން އޮޑިޓާ ޖެނެރަލް އަންގަވައިފި އެވެ.

އޮޑިޓް އޮފީހުން އިއްޔެ އާންމުކުރި އޮޑިޓް ރިޕޯޓެއްގައި ބުނީ ހދ. އަތޮޅުން ކައުންސިލުގެ ބަޖެޓުން 952،885ރ. ހަރަދުކޮށްގެން މިދިޔަ އަހަރު އޮކްޓޯބަރު މަހު ބެންކޮކަށް ތަޖުރިބާ އާއި ތަމްރީނު ހޯދުމަށް 10 ދުވަހުގެ ދަތުރެއްގައި އެ ކައުންސިލްގެ ބައެއް މެމްބަރުންނާއި މުވައްޒަފުން ދިޔަ ކަމަށެވެ. އެ ދަތުރުގައި ބައިވެރިވީ 13 ކައުންސިލަރުންނާއި ސެކްރެޓަރީ ޖެނެރަލް އަދި ސީނިއާ މެނޭޖުމަންޓްގެ ހަ ބޭފުޅުން ހިމެނޭ ގޮތަށް ޖުމްލަ 20 މީހުން ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

އެ ދަތުރުގެ މަގުސަދަކީ ތައިލެންޑުގެ އެކިއެކި ކަންކަމާ ގުޅޭގޮތުން ތަޖުރިބާ ހޯދުމާއި އަތޮޅުގެ ކުރިއެރުމަށް ކުރެވޭނެ ކަންކަމުގައި ތައިލެންޑުގެ އިންވެސްޓަރުން ހޯދުމަށް މަގުފަހިކުރުމުގެ އިތުރުން ގުޑް ގަވަނަންސާއި ޕަބްލިކް ޕޮލިސީ އަދި ރޫރަލް ޑިވެލޮޕްމަންޓްގެ ދާއިރާތަކުން ތަޖުރިބާ އާއި މައުލޫމާތު ހޯދުން ކަމަށް ކައުންސިލުގެ ދަތުރު ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

"ނަމަވެސް، މި ދަތުރުން ހާސިލްކުރަން ބޭނުންވާ ކަންކަމާއި މި ދަތުރުން ލިބޭ ތަޖުރިބާ ކައުންސިލްތަކުގައި ބޭނުންކުރާނޭ ގޮތެއް ދަތުރުކުރުމުގެ ކުރިން ކަނޑައަޅާފައިނުވުމުން މި ދަތުރުން ހާސިލްކުރަން ކުރިން ރާވާފައި ވަނީ ކޮންކޮން ކަންތައްތަކެއް ކަން ސާފުކޮށް އެނގެން ނެތެވެ،" އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

"މި ދަތުރަކީ ކައުންސިލްގެ މަސައްކަތްތަކާ ގުޅުންހުރި ގިނަ ދާއިރާތަކެއްގެ ކަންކަން ފުޅާކޮށް ތަރައްގީކޮށް ފަންނުވެރިކަން އިތުރުކުރުމަށް ކުރެވުނު ދަތުރެއް ނަމަވެސް، ދަތުރު ނިމި އެއް އަހަރުގެ މުއްދަތެއް ދިޔައިރު، ހދ. އަތޮޅުގެ އެއްވެސް ރަށެއްގައި މި ދަތުރުން ހޯދުނު ތަޖުރިބާ އާއި ފަންނީ ކުރިއެރުމުގެ ބޭނުންކޮށްގެން އެއްވެސް މަޝްރޫއެއް ފަށާފައި ނުވާ ކަން ފާހަގަ ކުރަމެވެ." އެ ރިޕޯޓުގައިވެ އެވެ.

އޮޑިޓް ރިޕޯޓްގައި ބުނިގޮތުގައި ކައުންސިލްގެ ބަޖެޓުން އަތޮޅުގެ ތަރައްގީއަށް އޭގެ ފައިދާ ކުރާނެ ކަންކަމަށް ހަރަދު ކުރުމުގެ ބަދަލުގައި މިދިޔަ އަހަރު ކައުންސިލަށް ލިބުނު އާމްދަނީ އާއި ބޮލްކް ގްރާންޓުގެ ގޮތުގައި ސަރުކާރުން ދިން ފައިސާގެ ތެރެއިން ބޮޑު އަދަދެއް ވަނީ މި ދަތުރަށް ހަރަދުކޮށްފަ އެވެ.

ދަތުރުތަކަށް މިދިޔަ އަހަރުގެ ބަޖެޓުގައި އެ ކައުންސިލަށް ހަމަޖެއްސި އަދަދަށް ވުރެ ގިނައިން ހަރަދު ކޮށްފައިވާކަން ވެސް އޮޑިޓް ރިޕޯޓުން ހާމަވެ އެވެ. އެ ކައުންސިލުން ދަތުރުތައް ކުރުމަށް މިދިޔަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ވަނީ 651،572ރ. އެވެ. އެކަމަކު، ބެންކޮކް ދަތުރަށް ކުރި ހަރަދާ ހެދި، ބަޖެޓް ކުރިވަރަށް ވުރެ 300،000 އަށް ވުރެ ގިނަ ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާކަން ވަނީ ހާމަވެފަ އެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކުރި އިތުރު ކަންކަން

• ކައުންސިލްތަކުގެ ބަޖެޓުގައި ނެތް ހަރަދެއް ކުރާނަމަ، ސަޕްލިމެންޓަރީ ބަޖެޓެއް ހަދަން ޖެހޭނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާން ކޮށްފައި ވިޔަސް، އެގޮތަށް އަމަލުކޮށްފައި ނުވުން. އޭގެ ބަދަލުގައި ބަޖެޓް ކޮންޓްރޯލްސް ހެދުމަށް ފަހު، ރާއްޖެއިން ބޭރަށް ކުރާ ދަތުރުގެ ކޯޑަށް ބަޖެޓް އިތުރުކޮށްގެން ބެންކޮކް ދަތުރުގެ ހަރަދުތައް ހަމަޖައްސާފައިވުން.

• މި ދަތުރަށް ކުރާނެ ހަރަދު ލިބޭނެ އެހެން ގޮތެއް (ސްޕޮންސާ/ބޭރުގެ އެހީ) ލިބޭތޯ ނުބަލައި، ކައުންސިލްގެ ބަޖެޓުން ބޮޑު ހަރަދެއް ކޮށްފައިވުން.

• ރާއްޖެއިން ބޭރަށް ރަސްމީ ދަތުރެއް ކުރާ ނަމަ، ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭ ނަމަވެސް އެގޮތަށް އަމަލުކޮށްފައި ނުވުން.

• ޕްރޮކިއުމަންޓް އުސޫލާ ހިލާފަށް ކައުންސިލަށް ބައެއް މުދާ ގަނެފައިވުން.

ހދ. އަތޮޅު ކައުންސިލުން މި ދަތުރު ކޮށްފައިވަނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ކަމަށް ވާތީ، ކައުންސިލްގެ ހަރަދުތަކަށް ޒިންމާވާ ފަރާތަށް ފިޔަވަޅު އަޅަން އޮޑިޓް އޮފީހުން ވަނީ ފިނޭންސް މިނިސްޓްރީއަށް އަންގައިފަ އެވެ.

ކައުންސިލްތަކުގެ ހަރަދުތައް ކުޑަކުރުމަށާއި ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ސަރުކާރުން އަންގާފައި ވިޔަސް، ބައެއް ކައުންސިލްތަކުން ޔޫއޭއީ އާއި ތުރުކީ އާއި ތައިލެންޑް ފަދަ ގައުމުތަކަށް ބޭކާރު ދަތުރުތައް ކުރާ މައްސަލަ ވަރަށް ބޮޑެވެ.