Roadha Mihaaru
ރާއްޖޭގެ ހައްޖު ކޯޓާއަށް 1000 ޖާގަ އިތުރުކޮށްދެނީ

ރަސްގެފާނުގެ ދަތުރުފުޅުގައި ރާއްޖޭގެ ހައްޖު ކޯޓާއަށް 1000 ޖާގަ އިތުރުކޮށްދެއްވާނެ

07 މާޗް 2017

މި މަހުގެ ތިން ވަނަ ހަފުތާގައި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ ހައްޖު ކޯޓާއަށް 1،000 ޖާގަ އިތުރުކޮށްދެއްވަން ނިންމަވާފައިވާކަން އެނގިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި މަހުގެ ތިން ވަނަ ހަފުތާގައި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ ހައްޖު ކޯޓާއަށް 1،000 ޖާގަ އިތުރުކޮށްދެއްވަން ނިންމަވާފައިވާކަން އެނގިއްޖެ އެވެ.

ރާއްޖެ އަށް މިހާރު ކަނޑައަޅާފައި އޮންނަނީ އަހަރަކަށް 1،000 ޖާގަ އެވެ.

ރައީސް އަބްދުﷲ ޔާމީން 2016 ގައި ސައޫދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި ރަސްގެފާނު ވަނީ ހައްޖު ކޯޓާ އިތުރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އެ ޔަގީންކަމާ އެކު ރާއްޖެ އިން މިދިޔަ އަހަރު ހައްޖަށް ދާން، ހައްޖު ކޯޕަރޭޝަނާއި ކުންފުނިތަކަށް 2،000 ޖާގަ އިސްލާމިކް މިނިސްޓްރީން ދޫކުރި އެވެ. އެކަމަކު، ކޯޓާ ހަމަނުޖެހި، އޭގެ ތެރެއިން 1،000 މީހުންނަށް ހައްޖަށް ނުދެވޭނެ ކަމުގެ ބިރު އުފެދިފައި ވަނިކޮށް ފަހު ވަގުތު އިތުރު 1000 ޖާގަ ހަމަޖެހި އެންމެން ހައްޖަށް ދިޔަ އެވެ.

އޭޝިއާގެ ފަސް ގައުމަކަށް ރަސްގެފާނު ކުރައްވާ ދަތުރުފުޅުގައި އިންޑޮނީޝިއާ އަށް ވަޑައިގެން އެ ގައުމުގެ ހައްޖު ކޯޓާ ވެސް ވަނީ އިތުރުކޮށްދެއްވައިފަ އެވެ. އެ ގައުމަށް 10،000 ޖާގަ ވަނީ އިތުރުކޮށްދެއްވައިފަ އެވެ.

ހައްޖަށް ދާން އެކި ގައުމުތަކަށް ދޭ ހައްޖު ކޯޓާގެ އަދަދު ދަށްކޮށްފައި އޮތް އޮތުން މި އަހަރުން ފެށިގެން ނިމުމަކަށް ގެންނަން ސައުދީ ސަރުކާރުން ކުރިން ވެސް އޮތީ ނިންމައިފަ އެވެ. ސައުދީންނާއި ބޭރުގެ އެކި ގައުމުތަކުން ކޮންމެ އަހަރަކު ހައްޖަށް ދެވޭ މީހުންގެ އަދަދު ސައުދީ ސަރުކާރުން 2012 ގައި ދަށްކުރީ ހަރަމްފުޅު ބޮޑުކުރުމުގެ މަޝްރޫއު ފެށުމާ ގުޅިގެން ހައްޖާޖީންގެ ސަލާމަތަށްޓަކަ އެވެ. އެގޮތުން އެކި ގައުމުތަކަށް ދޭ ހައްޖު ކޯޓާގެ އަދަދު 20 ޕަސެންޓް ދަށްކޮށް، ސައުދީން ހައްޖަށް ދާން ކޯޓާ ދޭ މީހުންގެ އަދަދު 50 ޕަސެންޓަށް ދަށްކުރި އެވެ.

އެކަމަކު އެ މަޝްރޫއު މިހާރު ނިމުމަކާ ގާތަށް ގޮސްފައިވާތީ ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ނާއިފްގެ ހުށަހެޅުއްވުމަކަށް އެ ގައުމުގެ ހައްޖު ކޮމެޓީން މިހާރު ވަނީ ކޯޓާ ދޭ މިންވަރު ދަށްކޮށްފައި އޮތް އޮތުން މިއަހަރުން ފެށިގެން ނިމުމަކަށް ގެންނަން ނިންމައިފަ އެވެ.