Roadha Mihaaru
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:17
އަސްރު 15:21
މަގްރިބް 18:18
ޢިޝާ 19:30
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ފިރިހެނުންތަކެއްގެ ތެރޭގައި ފިސާރި އަންހެނެއް!

ފިރިހެނުންތަކެއްގެ ތެރޭގައި ހުރި ފިސާރި އަންހެނެއް!

08 މާޗް 2017

އެމްއެންޑީއެފަށް އޭނާ ވަނީ ވަންނަ ހިތަކުން ނޫނެވެ؛ މާލޭގެ ސްކޫލުތައް ނިންމާ ބައެއް ކުދިން އެމްއެންޑީއެފްގެ ވަޒީފާތަކަށް ގެންދިޔައިރު، 2000 ވަނަ އަހަރު ޒިޔާނާ އަބްދުލްމަޖީދު ވެސް ހިމެނުނީ އެވެ. އެމްއެންޑީއެފުން ޒިޔާނާ އަށް ދިނީ މެރިޓައިމް ތަަމްރީނެވެ. ވަންނަން ޖެހުނީ ކޯސްޓްގާޑަށެވެ. އޭނާއާ އެކު އެހެން އަންހެނަކު ނެތެވެ. ވަށައިގެން ތިބީ ހުސް ފިރިހެނުންނެވެ. އެ މީހުންނާ އެއް ސަފެއްގައި އެކި ރިސޯޓްތަކަށާއި ރަށްރަށަށް މެރިޓައިމް އެވެއާނަސް ވޯކްޝޮޕްތަކުގައި ކޮންމެ ހަފުތާ ބަންދެއްގައިހެން ދަތުރު ކުރިއިރު، ޖެހިލުމެއް ނެތި އޭނާ އެކަން ކުރަމުން ދިޔައީ އެހެން އަންހެނުންނަށް މިސާލު ދައްކަމުންނެވެ.

އެމްއެންޑީއެފަށް އޭނާ ވަނީ ވަންނަ ހިތަކުން ނޫނެވެ؛ މާލޭގެ ސްކޫލުތައް ނިންމާ ބައެއް ކުދިން އެމްއެންޑީއެފްގެ ވަޒީފާތަކަށް ގެންދިޔައިރު، 2000 ވަނަ އަހަރު ޒިޔާނާ އަބްދުލްމަޖީދު ވެސް ހިމެނުނީ އެވެ. އެމްއެންޑީއެފުން ޒިޔާނާ އަށް ދިނީ މެރިޓައިމް ތަަމްރީނެވެ. ވަންނަން ޖެހުނީ ކޯސްޓްގާޑަށެވެ. އޭނާއާ އެކު އެހެން އަންހެނަކު ނެތެވެ. ވަށައިގެން ތިބީ ހުސް ފިރިހެނުންނެވެ. އެ މީހުންނާ އެއް ސަފެއްގައި އެކި ރިސޯޓްތަކަށާއި ރަށްރަށަށް މެރިޓައިމް އެވެއާނަސް ވޯކްޝޮޕްތަކުގައި ކޮންމެ ހަފުތާ ބަންދެއްގައިހެން ދަތުރު ކުރިއިރު، ޖެހިލުމެއް ނެތި އޭނާ އެކަން ކުރަމުން ދިޔައީ އެހެން އަންހެނުންނަށް މިސާލު ދައްކަމުންނެވެ.

ދެން އޭނާ ވަނީ ކަނޑޫމާ ރިސޯޓަށެވެ. އެ ރިސޯޓުގެ ޓްރާންސްޕޯޓް މެނޭޖަރެއްގެ ވަޒީފާ އަށް ދިޔައިރު މެނޭޖަރުންގެ ލެވެލްގައި ހިމެނުނު ހަމައެކަނި އަންހެނަކަށް ވެގެން ދިޔައީ ވެސް ޒިޔާނާ އެވެ. ހަމައެހެންމެ، 73 މުވައްޒަފުން ތިބިިއިރު މުޅިންހެން ފިރިހެނުން ތިބި ޑިޕާޓްމެންޓްގެ ހެޑަކަށް އޭނާ ވެގެން ދިޔަ އެވެ. އެ ގޮންޖެހުންތައް އޭނާ ގިރާކުރަމުން ދިޔައީ އެހެން އަންހެނުންނަށް އަނެއްކާ ވެސް މިސާލު ދައްކަމުންނެވެ.

އެ ވަޒީފާ އަށް ފަހު ޒިޔާނާ ބަދަލުވީ ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާ އަށެވެ. މި ރިސޯޓްގައި އޭނާ އަކީ 39 އެގްޒެކެޓިވް ސްޓާފުންގެ ތެރޭގައި ހުރި ހަމައެކަނި އަންހެނެވެ. ހަމަ އެހެންމެ، އޭނާ އަކީ މި ރިސޯޓުގެ ވަރަށް މުހިންމު ޑިޕާޓްމެންޓެއް ބެލެހެއްޓުމުގެ އެންމެ ޒިންމާދާރު އެއް ވެރިޔާ ވެސް މެ އެވެ. މި ރިސޯޓުގެ ގެސްޓް ރިލޭޝަންގެ އެސިސްޓެންޓް މެނޭޖަރަކީ އޭނާ އެވެ. ރިސޯޓުގެ ޔުނީފޯމް އަޅައިގެން އޭނާ އެންމެންގެ ތެރޭގައި އުޅެމުން ދަނީ އެހެން ފިރިހެނުންނަށް ވެސް ގޮންޖަހަމުންނެވެ.

ސަން އައިލެންޑްގެ ޓޫރިސްޓަކަށް ޒިޔާނާ މައުލޫމާތު ދެނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑްގެ ޓޫރިސްޓަކަށް ޒިޔާނާ މައުލޫމާތު ދެނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަންހެނުންގެ ދުވަހެއްގައި، ދައްކަން މިއީ ހަމަ އެންމެ މުނާސަބު އެއް ވާހަކަ އެވެ. ވަޒީފާ އަށް ވަނީއްސުރެ މިއަދާ ހަމައަށް އައިއިރު އޭނާ އުޅެމުން ދިޔައީ މުޅިންހެން ފިރިހެނުންގެ ތެރޭގަ އެވެ. އަދި ހަމަ އެހެންމެ، އޭނާ ވެގެން ދިޔައީ އެތައް ބައިވަރު ފިރިހެން މުވައްޒަފުންތަކެއް މެނޭޖްކުރަން ވެސް ޖެހުނު ބޮސްއެއްގެ ގޮތުގަ އެވެ. ގާތްގަނޑަކަށް 16 އަހަރުގެ ވަޒީފާގެ ހަޔާތް އަދިވެސް ކުރިއަށް ދަނީ އަންހެނަކަށް ވެ ހުރެ، ފިރިހެނަކަށް ކުރެވޭނެ ކަމަށް ގަބޫލުކުރެވިފައިވާ ވަޒީފާތަކުގަ އެވެ. މިއީ ހަމަ ފިސާރި އަންހެނެކެވެ.

"އަންހެނަކަށް ވީތީ އަޅުގަނޑު ގަބޫލެއް ނުކުރަން މިވެނި އެވެނި ކަމެއް ނުކުރެވޭނެއޭ. މީގައި ބޭނުންވަނީ ޖެހިލުންވުމެއް ނެތި އެކަމާ ކުރިމަތިލުން،" 37 އަހަރުގެ ޒިޔާނާ ބުންޏެވެ.

އެކަމަކު، އެ އިތުބާރު ޒިޔާނާ އަށް ވެސް ލިބުނީ އެކަމާ ކުރިމަތިލީ ފަހުންނެވެ. އޭނާ ވެސް ފުރަތަމަ ޖެހިލުންވި އެވެ. އެއްވެސް އަންހެނަކު ނެތި، މުޅިންހެން ފިރިހެނުންތަކެއްގެ ތެރޭގައި ކެތްކޮށްލެވިދާނެތޯ، އޭނާ އަށް ވެސް ހިތާހިތާ ސުވާލު ކުރެވެމުން ދިޔަ އެވެ.

ސަން އައިލެންޑްގެ ޓޫރިސްޓުންނަށް ޒިޔާނާ މައުލޫމާތު ދެނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑްގެ ޓޫރިސްޓުންނަށް ޒިޔާނާ މައުލޫމާތު ދެނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އެމްއެންޑީއެފްގެ ކޯސްޓްގާޑުގައި އުޅުނު އިރު ފުރަތަމަ ވެސް އަޅުގަނޑުގެ ހިތަށް އައި ކިހިނެއްބާއޭ މިކަން ކުރާނީ. އެކަމަކު އެކަމާ ކުރިމަތިލީމަ އަޅުގަނޑަށް ކުރެވުނު. ނުވާނެއޭ ހިތަށް އަރައި ފަހަތަށް ޖެހުނު ނަމަ ފަހަތަށް ޖެހެވުނީސް. އެކަމަކު އޭރު އެންމެ ވީކެންޑެއް ވެސް ނުދާނެ ކޮންމެ ވެސް ރަށެއް ނޫނީ ކޮންމެވެސް ރިސޯޓަކަށް ދާން ނުޖެހޭ. ހުރިހާ ފިރިހެނުންނާ އެކު ގޮސް އެވެއާނަސް ޕްރޮގްރާމްތައް އަޅުގަނޑުމެން ހަމަ ހިންގިން،" ގދ. ފަރެހަށް އުފަން ޒިޔާނާ ބުންޏެވެ.

މީގެ ދެ އަހަރު ކުރިން ފެށިގެން ޒިޔާނާ މަސައްކަތް ކުރަމުން އަންނަނީ ސަން އައިލެންޑް ރިސޯޓްގަ އެވެ. މި ރިސޯޓަށް އަންނަ ޓޫރިސްޓުންގެ އެކްސްކާޝަންތަކާއި ޓޫރިސްޓުންނާ ގުޅުންހުރި ވަރަށް ގިނަ ކަންކަން ބެލެހެއްޓުމުގެ އެންމެ އިސް އެކަކީ އޭނާ އެވެ. ފޫހިކަމެއް ނެތި، ހިނިތުންވުމާ އެކު އޭނާ ޓޫރިސްޓުންނާ އެކު ވާހަކަ ދައްކާ މަންޒަރު ރިސޯޓުގެ އެކި ދިމަދިމާލުން ފެނިގެން ދެ އެވެ.

ރިސޯޓެއްގައި އަންހެނަކު ވަޒީފާގައި އުޅުމަކީ ބައެއް މީހުން ސުވާލު އުފައްދައިފާނެ ކަމެކެވެ. އެހެން ނަމަވެސް ޒިޔާނާ އަށް އެއީ ހަމަ އެއްވެސް ސުވާލެއް ނޫނެވެ. އޭނާ ދެކޭ ގޮތުގައި "ވަޒީފާއަކީ ވަޒީފާ" އެވެ. އަންހެނަކަށް ވީތީ، ރިސޯޓެއް ވިޔަސް އެހެން ތަނެއް ވިޔަސް އޭގައި ފަރަގެއް ނެތެވެ.

"އެހެން ނޫނަސް މާލޭގެ ހަލަބޮލި މާހައުލު ދޫކޮށްލައިފައި މިތާނގައި ވަޒީފާ އަދާކުރެވޭތީ ވަރަށް ރިލެކްސް. ރިސޯޓް ދާއިރާއަކީ ވަރަށް ބޮޑު އެކްސްޕޯޝާއެއް ލިބޭ ދާއިރާއެއް. ފޫހިކަމެއް ނެތި ވަޒީފާ އަދާކުރެވޭނެ. ސަބަބަކީ އަޅުގަނޑުމެން ކޮންމެ ދުވަހަކު ވެސް މުއާމަލާތް ކުރާނީ އާ މީސްމީހުންނާ،" އޭނާ ބުންޏެވެ. "އަންހެނަކަށް ވީތީ ކޮންމެހެން ރިސޯޓުގައި ވަޒީފާ އަދާކުރަން ފަހަތަށް ޖެހޭނެ ކަމެއް ނެތް. އެހެން އޮފީސްތަކެކޭ އެއްގޮތަށް ރިސޯޓުތަކުގައި ވެސް، އަދި މި ރިސޯޓުގައި ވެސް އޮވޭ އެކިއެކި ކޮމެޓީތައް. އަޚުލާގީ މައްސަލަތަކާއި ހެރޭސްމަންޓް ކޮމެޓީ ކަހަލަ ކޮމެޓީތައް. އެއީ ވަކި އަންހެނަކަށް އޮތް ކޮމެޓީތަކެއް ވެސް ނޫން. ފިރިހެނަކަށް ވިޔަސް އަންހެނަކަށް ވިޔަސް މީގައި ހަމަހަމަ."

"ހަގީގަތަކީ ކޮންމެ ވަޒީފާ އަކީ ވެސް ވަޒީފާއެއްކަން. އަޅުގަނޑު އަންހެން ކުދިންނަށް ބުނެލާނީ ކުރިއަށް ޖެހިލައިފައި ކުރިމަތިލާށޭ. އެ މީހަކު އަމިއްލަ އަށް އެ މީހެއްގެ އަޚުލާގު ހިފަހައްޓާނީ. ވަޒީފާ އަދާކުރާ މާހައުލާއި ތަނެއް ނޫން މުހިންމީ. ވަޒީފާ އަދާކުރާ ގޮތް މުހިންމީ."

ސަން އައިލެންޑްގެ ޓޫރިސްޓަކަށް ޒިޔާނާ މައުލޫމާތު ދެނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑްގެ ޓޫރިސްޓަކަށް ޒިޔާނާ މައުލޫމާތު ދެނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ރިސޯޓްގައި ޒިޔާނާ މަސައްކަތް ކުރަނީ ވަރަށް ބުރަކޮށެވެ. ދުވާލަކު ގާތްގަނޑަކަށް ސާޅީހަކަށް ޓޫރިސްޓުންނާ އޭނާ މުއާމަލާތުކުރަން ޖެހެ އެވެ. އަދި 12 ވަރަކަށް މުވައްޒަފުން މެނޭޖް ކުރަން ޖެހެ އެވެ. އެކްސްކާޝަންތަކާއި ޓޫރިސްޓުންނަށް ދޭ ބައެއް ޚިދުމަތްތައް ދަނީ ސީދާ އޭނާގެ ބެލުމުގެ ދަށުން ކަމަށް ވާތީ، ކޮންމެ އެކްސްކާޝަނަކަށް ފަހު ޓޫރިސްޓުންގެ ފީޑްބެކް ބަލަން އޭނާ އަށް ޖެހެ އެވެ. އެހެންވެ، ކޮންމެ ވަގުތަކީ ވެސް ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަންް ޖެހިދާނެ ވަގުތެކެވެ. އެހެން ނަމަވެސް، ލިބޭ އޮފް ދުވަސްތައް އެއްކޮށްލައިގެން މަހަކު ނުވަތަ ދެ މަހުން އެއްފަހަރު، ހަތަރު ދުވަހަށް މާލޭގައި ތިބި އޭނާގެ މަންމަ އާއި ބައްޕައާ ބައްދަލުކުރެ އެވެ.

ރާއްޖޭގެ އެންމެ މުވައްޒަފުން ގިނަ، އަދި އެންމެ ބޮޑު ރިސޯޓުގެ އެންމެ އިސް އެއް ވަޒީފާއާ ހަވާލުވެ ހުރުމަކީ ޒިޔާނާ އަށް ވެސް ލިބޭ ވަރަށް ބޮޑު ފަޚުރެކެވެ. މި ވަޒީފާގައި ދެމިހުރުމަށް ޓަކައި ޒިޔާނާ ބުނި ގޮތުގައި، މެނޭޖްމަންޓުގެ އެހީތެރިކަން ވަރަށް ބޮޑެވެ.

"މިތާނގެ ޖީއެމް (ޑރ. އަބްދުﷲ މައުސޫމް)ގެ ވަރަށް ބޮޑު ސަޕޯޓެއް އަޅުގަނޑަށް ލިބޭ. މައުސޫމްގެ ވަރަށް ބޮޑު އެދުމެއް ވަޒީފާތަކަށް އަންހެނުން ނެރުމަކީ. ހަމަ އެހެންމެ، މި ރިސޯޓުގެ ދެން ތިބި އެގްޒެކެޓިވް ބޭފުޅުންގެ ސަޕޯޓް ވެސް ވަރަށް ބޮޑު،" އޭނާ ބުންޏެވެ.

ސަން އައިލެންޑްގެ ޓޫރިސްޓަކަށް ޒިޔާނާ މައުލޫމާތު ދެނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑްގެ ޓޫރިސްޓަކަށް ޒިޔާނާ މައުލޫމާތު ދެނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސުވާލަކީ މި އެވެ؛ އަންހެނަކަށް ވީތީ، ޒިޔާނާ އަށް އަދާނުކުރެވުނު ޒިންމާއެއް އެއްވެސް ވަޒީފާއެއްގައި އެބައޮތް ހެއްޔެވެ؟

"ނޫން ނެތް،" ލަންކާގައި މެރިޓައިމް އާއި ޓޫރިޒަމް ދާއިރާ އިން ކިޔަވާފައިވާ ޒިޔާނާ ބުންޏެވެ. "ގާތްގަނޑަކަށް ފިރިހެނުން އަދާކުރާ ވަޒީފާތަކެއް މި އަދާކުރީ. އެކަމަކު އެވަގުތު ޖެހުނު ޒިންމާއެއް ހުރީ ނެގިފައި."

ޒިޔާނާ އަދި ކައިވެންޏެއް ނުކުރެ އެވެ. އެހެން ނަމަވެސް، އެއީ ކޮންމެވެސް ދުވަހަކުން ކުރިމަތިލާން ޖެހޭނެ ދުވަހެއް ކަން ޒިޔާނާ ގަބޫލު ކުރެ އެވެ. އެކަމަކު މި ދާއިރާ ދޫކޮށްލައިފައި އެހެން ދިމާއަކަށް ދާކަށް އޭނާގެ ވިސްނުމެއް ނެތެވެ.

"ކައިވެންޏެއް ކުރިޔަސް ކުރާނީ އަޅުގަނޑުގެ ވަޒީފާ އަށް ގެއްލުން ނުވާ ގޮތަށް. އަޅުގަނޑު މި ދާއިރާ ދޫކޮށެއް ނުލާނަން،" އޭނާ ބުންޏެވެ. "މަންމަ ވެސް އަބަދު ކިޔާނެ އަބަދަކު ތިކަމެއް ނުވާނެ ނޫންހޭ. އެކަމަކު އަޅުގަނޑު މިކަމާ ދުރެއް ނުވާނަން."

ޒިޔާނާއަކީ އެހެން އަންހެނުންނަށް ހުރި ވަރަށް ބޮޑު ނަމޫނާ އެކެވެ. އޭނާ އެ ދައްކައިދެނީ އެހެން އަންހެނުންނަށް، އަދި ފިރިހެނުންނަށް ވެސް ވަރަށް މުހިންމު މިސާލެކެވެ. އޭނާ އަކީ އަންހެނެކެވެ. އެކަމަކު ވަޒީފާގެ އެއްވެސް ޒިންމާއެއް އަދާކުރުމުގައި އެއީ އަންހެނެއްކަން އެހެން މީހުންނަށް އިހުސާސެއް ނުކުރެވޭނެ އެވެ.