ނ. މަނަދޫގައި ވައިން ހަކަތަ އުފައްދާ ނިޒާމުގެ ޕައިލެޓް ޕްރޮޖެކްޓެއް ފަށަން ސަރުކާރުން ނިންމައިފި އެވެ.
11 ޑިސެމްބަރ 2024
ނ. މަނަދޫގައި ވައިން ހަކަތަ އުފައްދާ ނިޒާމުގެ ޕައިލެޓް ޕްރޮޖެކްޓެއް ފަށަން ސަރުކާރުން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ކުރި އިއުލާނެއްގައި ބުނީ ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީގައި ހިންގަމުން އަންނަ އެޝުއާ ޕްރޮޖެކްޓުގެ ދަށުން ވިންޑް ރިނިއުބަލް އެނާޖީ (ވައިން ހަކަތަ އުފައްދާ ނިޒާމު)ގެ ޕައިލެޓް ސިސްޓަމެއް މަނަދޫގައި ގާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.
އެ ޕްރޮޖެކްޓަކީ އާންމުކޮށް ހުޅުވާލެވިފައިވާ ބީލަމުގެ އުސޫލުގެ މަތިން، އަދި އޭޑީބީގެ "ސިންގަލް ސްޓޭޖް ޓޫ އެންވެލޮޕް" އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ މަސައްކަތެއް ކަމަށް ވެސް ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.
އެ ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީ ކުރުމަށްޓަކައި 1،500ރ. ނުވަތަ 100 ޑޮލަރުގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. ބީލަން ހުޅުވުން އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގަ އެވެ.
މީގެ ކުރިން ވެސް ރާއްޖޭގައި ވައިން ހަކަތަ އުފެއްދުމުގެ މަސައްކަތް ކޮށްފައިވެ އެވެ. ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޑީއެލްއާރުއީ އިން 2007 ވަނަ އަހަރު ވަނީ ރާއްޖޭގެ ތިން ރަށެއްގައި ވައިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމްކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ހިންގައިފަ އެވެ.
ޖެނުއަރީ 7، 2008: ހއ. އުލިގަމުގައި ހެދި ވިންޑް ފާމް ހުޅުވުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެމެރިކާގެ ޑިޕްލޮމެޓަކާ ސަލާންކުރައްވަނީ.-- ފޮޓޯ: ޑީއެލްއާރުއީ
އެ ޕްރޮޖެކްޓުގެ ދަށުން ޖެނުއަރީ 7، 2008 ގައި ވަނީ ހއ. އުލިގަމުގައި ވިންޑް ފާމެއް ހަދައި ހަކަތަ އުފައްދަން ފަށައިފަ އެވެ. އެކަމަކު، މާ ގިނަ ދުވަހެއް ނުވެ، އޭގެ ބޭނުންކުރުން ހުއްޓާލި ގޮތަށް ހުރީ އެވެ. އުލިގަމުގެ އިތުރުން މ. ރަތްމަންދު އާއި ގއ. ކޮނޑޭގައި ހިންގަން އުޅުނު އެ ޕްރޮޖެކްޓު ވެސް ވަކި ހިސާބަކުން ހުއްޓުނީ އެވެ.
މިހާރުގެ ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ކުރިން ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމެވެ.
އިޔާދަކުރަނިވި ހަކަތައަށް 17 މެގަވޮޓް އިތުރުކޮށްފި
އަޖުމަ ބެލުމުގެ ގޮތުން ސޯލާ ފެރީއެއް ބަނދެފި
ހުޅުމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަނަށް ބިން ދީފި
ހަސަން ހަމީދުގެ ހައްލު: ޕެނަލްތައް މަގުގެ މައްޗަށް!
5 އަހަރަށް ހެދި ހަކަތައިގެ ސިޔާސަތު އިފްތިތާހުކޮށްފި
ހަކަތަ މަޝްރޫއުގެ ބީލަމުގެ މުއްދަތު އިތުރުކޮށްފި
އީއައިބީން 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފި
ޗައިނާގައި ވިންޑް ޓާބައިން އަށް އެޕަލް އިންވެސްޓްްކޮށްފި
ބަޖެޓް ސަޕޯޓަށް ނެގި 100 މިލިއަން ޑޮލަރު ދައްކައިފި
ފިނޭންސްގެ އިކޮނޮމިސްޓް ޒަޔާން އިސްތިއުފާ ހުށަހަޅައިފި