Roadha Mihaaru

ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި އިހުތިޖާޖު ކުރަނީ

މާލެ އާއި ހުޅުމާލެއާ ދެމެދު މިހާރަށް ވުރެ ރަނގަޅަށް ޓެކްސީގެ ހިދުމަތް ދިނުމުގެ ބޭނުމުގައި ސަރުކާރުން ޓެކްސީ ފްލީޓެއް ފެށުމަށް ކުރާ މަސައްކަތާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން މިރޭ އިހުތިޖާޖަށް ނުކުމެއްޖެ އެވެ.

ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި އިހުތިޖާޖު ކުރަނީ
އިފްރާޒް އަލީ
އިފްރާޒް އަލީ

11 ޑިސެމްބަރ 2024

މާލެ އާއި ހުޅުމާލެއާ ދެމެދު މިހާރަށް ވުރެ ރަނގަޅަށް ޓެކްސީގެ ހިދުމަތް ދިނުމުގެ ބޭނުމުގައި ސަރުކާރުން ޓެކްސީ ފްލީޓެއް ފެށުމަށް ކުރާ މަސައްކަތާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން މިރޭ އިހުތިޖާޖަށް ނުކުމެއްޖެ އެވެ.

ޓެކްސީ ޑްރައިވަރުން އިހުތިޖާޖުކުރަމުން ދަނީ ހުޅުމާލެއިން ހައިވޭއަށް އަރަން އޮންނަ ހިސާބު ކައިރީގަ އެވެ.

އެ ސަރަހައްދުގައި ހުރި މީހަކު ބުނީ ޓެކްސީ ޑްރައިވަރުން އެ އިހުތިޖާޖު ފެށީ ދުއްވާ އެއްޗިއްސަށް ހުޅުމާލެއިން ހައިވޭއަށް ނޭރޭ ގޮތަށް އެ މަގު ބްލޮކް ކުރުމަށް ފަހުގަ އެވެ. މަގު ބްލޮކުރީ ޓެކްސީ ޑްރައިވަރުންގެ ކާރުތައް މަގު މެދަށް މަޑުކޮށްގެންނެވެ. ނަމަވެސް، ފަހުން ފުލުހުން ގޮސް ވަނީ ޓެކްސީތައް ދުރަށް ޖައްސުވައި އެ މަގުން ދަތުރުކުރެވޭނެ ގޮތް ހަދައިފަ އެވެ.

ފުލުހުންގެ އޮފިޝަލަކު ވެސް "މިހާރު" އަށް ވިދާޅުވީ އެ ސަރަހައްދުގައި އިހުތިޖާޖު ކުރިޔަސް އެ މަގުން ދަތުރުތައް ކުރެވޭ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި، އިހުތިޖާޖުގެ ބައެއް ބައިވެރިން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ނަމަވެސް، އެ މީހުން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަން ފުލުހުން އަދި ކަށަވަރުކޮށް ނުދެ އެވެ.

ޓެކްސީ ޑްރައިވަރުން ބުނާ ގޮތުގައި، ސަރުކާރުން މި ހިދުމަތުގެ ތެރެއަށް ވަނުމުން އޭގެ ގެއްލުން ޑްރައިވަރުންގެ އިތުރުން ޓެކްސީ ސެންޓަރުތަކާއި ގަރާޖުތަކަށް ވެސް ކުރާނެ އެވެ. ޑްރައިވަރުން މި ވަގުތު ތިބީ ޓެކްސީ ފްލީޓާ އެކު، އެ މީހުންގެ މުސްތަގުބަލަށް ވާނެ ގޮތަކާ މެދު ސުވާލު އުފެދިފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައި ވަނީ، ޓެކްސީ ހިދުމަތުގެ ތެރެއަށް ސަރުކާރުން ވަދެ، އުސޫލުތަކާއި ގާނޫނުތަކެއް ހަދައިގެން ކޮންޓްރޯލް ނަގަން ޖެހޭ ކަމަށެވެ. އެކަން ނުކޮށްފި ނަމަ ވެހިކަލްތަކުން މާލެ "ބަންޑުންވާ" ހިސާބަށް ދާނެ ކަމަށާއި މިހާރު ވެސް ރައްކާތެރިކަން ގެއްލިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަކު އަމީން ވިދާޅުވެފައި ވަނީ މިހާރަށް ވުރެ ރަނގަޅަށް ޓެކްސީގެ ހިދުމަތް ދިނުމަށް ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކުރިޔަސް ޓެކްސީ ޑްރައިވަރުންނަށް ގެއްލުން ނުވާނެ ކަމަށެވެ. ނަމަވެސް ޓެކްސީ ފްލީޓް ފެށުމަށް ސަރުކާރުން އަމަލީ ގޮތުން އަދި އެއްވެސް ކަމެއް ނުކުރެ އެވެ.