މަގު ބްލޮކުކޮށް، އާއްމު ދަތުރުފަތުރަށް ދަތިވާ ގޮތަށް ހުޅުމާލޭގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މުޒާހަރާ ކުރި ޓެކްސީ ޑްރައިވަރުންނަށް ދައުލަތުން ދައުވާކޮށްފި އެވެ.
16 ފެބުރުއަރީ 2025
މަގު ބްލޮކުކޮށް، އާއްމު ދަތުރުފަތުރަށް ދަތިވާ ގޮތަށް ހުޅުމާލޭގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މުޒާހަރާ ކުރި ޓެކްސީ ޑްރައިވަރުންނަށް ދައުލަތުން ދައުވާކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ޑިސެމްބަރު 11، 2024 ގައި ނިރުޅޮމަގު އެމްޑަބްލިއުއެސްސީ ކައިރީގައި ޓެކްސީ ޑްރައިވަރުން ކުރި މުޒާހަރާގައި، އެ ސަރަހައްދުގެ މަގު ބަންދުކޮށް، އާއްމު ދަތުރުފަތުރަށް ހުރަސްއަޅައި އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއަޅައި އަމަން ނަގާލަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކޮށް މި މަހުގެ ފަސް ވަނަ ދުވަހު ހުޅުމާލެ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައިގައި ހަތަރު މީހަކު އޭރު ހައްޔަރުކޮށް ބަންދުގެ މުއްދަތު ވެސް އިތުރުކުރި އެވެ. އެކަމަކު، ދައުވާކޮށްފައިވަނީ ތިން މީހަކަށެވެ. އެއީ؛
- މުހައްމަދު ޝާމިން، މއ. ވިރާހު
- މިސްބާހު ޝަރީފް، މއ. ނަހީދީމަންޒިލް
- ނުއުމާން އަހުމަދު، ހދ. ކުމުންދޫ، ހޮލިޑޭވިޖެލް
އެ ތިން މީހުންނަށް ވެސް ކުރަނީ ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާ އެވެ.
އެ ދައުވާ ސާބިތުވެއްޖެނަމަ 24 މަހާއި ހަތަރު ދުވަހު ޖަލު ހުކުމެއް އަންނާނެ އެވެ.
ޕީޖީ އޮފީހުން ބުނީ މިސްބާހާއި ޝާމިން އަދި ނުއުމާންގެ މައްޗަށް ދައުވާކުރަނީ އިތުރު ބަޔަކާ އެކު، އުޅަނދުތަކަށް ނުދެވޭ ގޮތަށް އެ މީހުން ޓެކްސީ ކުރަން ބޭނުންކުރާ ކާރުތައް ނިރޮޅުމަގުގައި ހުރަހަށް ބާއްވައި އެ މަގުގެ އެއް ލޭން ބަންދުކުރުމުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އެ ވަގުތު އެ ތަނަށް ދިޔަ ފުލުހުން ނަސޭހަތްތެރިވުމުން ވެސް އެކަމަށް އިންކާރު ކުރުމުން ކަމަށެވެ.
އޭގެ ސަބަބުން އާންމުންނަށް ނުރައްކާތެރިކަމެއް ނެތި މަގުތައް ބޭނުންކުރެވޭނެކަން ކަށަވަރުކުރުމާއި މަގު ބޭނުންކުރަން ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް އުޅަނދުތަކާއި މަގުމަތި ބޭނުންކުރާ މީހުން އަމަލުކުރޭތޯ ކަށަވަރުކުރަން ފުލުހުންގެ މައްޗަށް އޮންނަ ޒިންމާއަށް ހުރަސްއަޅައި ހުޅުމާލޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް ހުރަސްއަޅާފައިވާ ކަމަށް ބުންޏެވެ.
ބަންދުކުރި ދެ ޑްރައިވަރުން ދޫކޮށްލައިފި
އިހުތިޖާޖަށް ނުދާ ޓެކްސީތައް ވެސް ޓޯކުރި: ޑްރައިވަރުން
މަގު ބްލޮކްކުރި އިތުރު ޓެކްސީޑްރައިވަރަކު ހައްޔަރުކޮށްފި
ޓެކްސީ ޑްރައިވަރުން ބަންދުކުރި މައްސަލަ ހައި ކޯޓަށް
ހައްޔަރުކުރި ޓެކްސީ ޑްރައިވަރުންގެ ވަނަވަރު އާންމުކޮށްފި
ތިން ޑްރައިވަރަކު ހައްޔަރުކުރި: 22 ޓެކްސީ ޓޯކުރި
މަގު ބަންދުކުރި ޓެކްސީތައް ޓޯކޮށްފި
ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި އިހުތިޖާޖު ކުރަނީ
އަންހެން ޑްރައިވަރުގެ ކާރަށް ގެއްލުންދީގެން ދައުވާކޮށްފި
ޓެކްސީ ޑްރައިވަރަށް ޖިނާއީ ދައުވާ ކުރަނީ