ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި ރޭ ބޭއްވި އިހުތިޖާޖުގެ ތެރެއިން ޓެކްސީތަކުން މަގު ބްލޮކްކޮށް، އާންމު ދަތުރުފަތުރަށް ހުރަސް އެޅި ކަމަށް ބުނާ މައްސަލާގައި ދެ ޓެކްސީ ޑްރައިވަރަކު ހައްޔަރުކޮށް ބަންދުކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި އެވެ.
12 ޑިސެމްބަރ 2024
ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި ރޭ ބޭއްވި އިހުތިޖާޖުގެ ތެރެއިން ޓެކްސީތަކުން މަގު ބްލޮކްކޮށް، އާންމު ދަތުރުފަތުރަށް ހުރަސް އެޅި ކަމަށް ބުނާ މައްސަލާގައި ދެ ޓެކްސީ ޑްރައިވަރަކު ހައްޔަރުކޮށް ބަންދުކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ރޭގެ އިހުތިޖާޖުގައި ހައްޔަރުކުރީ މއ. ވިރާހު، މުހައްމަދު ޝާމިން، 39 އާއި ލ. ދަނބިދޫ ސަންރޭ، އަހުމަދު ޝަބީން، 33 އަދި ހދ. ކުމުންދޫ ހޮލިޑޭވިލެޖް، ނުއުމާން އަހުމަދު، 36 އެވެ. އޭގެ ތެރެއިން ޝާމިން އާއި ޝަބީންގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހާފައިވާއިރު ނުއުމާން ވަނީ ޝަރުތުތަކަކާ އެކު ކޯޓުން ދޫކޮށްލައިފަ އެވެ.
ޝާމިން އާއި ޝަބީންގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލް އައިކު އަހުމަދު އީސާ ވިދާޅުވީ، ޑްރައިވަރުން އެހާ ގިނަ ދުވަހަށް ބަންދު ޖަހަން އެދެން ޖެހޭ ސަބަބުތަކެއް ފުލުހުންގެ އަތުގައި އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ފުލުހުން ކޯޓުގައި އެދުނީ ތަހުގީގުގެ ބޭނުމަށް އެ ތިން މީހުންގެ ބަންދަށް ވެސް 15 ދުވަސް ޖަހައިދޭށެވެ.
އައިކު ވިދާޅުވީ ފަސް ދުވަހަށް ބަންދު މުއްދަތު ޖަހާފައިވާ ޝާމިން އާއި ޝަބީންގެ މައްސަލަ މިއަދު ހައި ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައިގެ ތެރެއިން އެ ދެ ޑްރައިވަރުން މިނިވަންކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ދެ ޓެކްސީ ޑްރައިވަރަކު މިހާރު ހައްޔަރު ކޮށްފައިވާއިރު އާންމު ދަތުރުފަތުރަށް ދަތިކޮށް މަގުތައް ރޭ ބްލޮކްކުރި މައްސަލާގައި 22 ޓެކްސީއެއް ޓޯ ވެސް ކޮށްފައިވެ އެވެ.
ވަކީލް އައިކު ވިދާޅުވީ ކާރުތައް ޓޯކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި ބައެއްގެ އާމްދަނީ ހޯދެން އޮތް ހަމައެކަނި ވަސީލަތް ނިގުޅައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ޓޯކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އަދި ޓޯކޮށްފައިވާ ކާރުތައް ހޯދަން ސިވިލް ކޯޓަށް އަންނަ އާދިއްތަ ދުވަހު މައްސަލަ ހުށަހަޅުއްވާނެ ކަމަށް ވެސް އައިކު ވިދާޅުވި އެވެ.
ޓެކްސީ ޑްރައިވަރުން އިހުތިޖާޖުކުރީ ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކުރަން އުޅޭތީ އެކަމާ ދެކޮޅަށެވެ. ނަމަވެސް، ސަރުކާރުގެ ޓެކްސީ ލައިނާ ގުޅޭ އެއްވެސް މަސައްކަތެއް އަދި ނުފަށާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ވަނީ ބުނެފަ އެވެ.
ޓެކްސީ ޑްރައިވަރުން ބުނާ ގޮތުގައި، ސަރުކާރުން މި ހިދުމަތުގެ ތެރެއަށް ވަނުމުން އެކަމުގެ ގެއްލުން ޑްރައިވަރުންގެ އިތުރުން ޓެކްސީ ސެންޓަރުތަކާއި ގަރާޖުތަކަށް ވެސް ކުރާނެ އެވެ. ޑްރައިވަރުން މި ވަގުތު ތިބީ ޓެކްސީ ފްލީޓާ އެކު، އެ މީހުންގެ މުސްތަގުބަލަށް ވާނެ ގޮތަކާ މެދު ސުވާލު އުފެދިފައި ކަމަށް ވެސް އެ މީހުން ބުނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ވިދާޅުވެފައި ވަނީ، ޓެކްސީ ހިދުމަތުގެ ތެރެއަށް ސަރުކާރުން ވަދެ، އުސޫލުތަކާއި ގާނޫނުތަކެއް ހަދައިގެން ކޮންޓްރޯލް ނަގަން ޖެހޭ ކަމަށެވެ. އެކަން ނުކޮށްފި ނަމަ ވެހިކަލްތަކުން މާލެ "ބަންޑުންވާ" ހިސާބަށް ދާނެ ކަމަށާއި މިހާރު ވެސް ރައްކާތެރިކަން ގެއްލިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެކަމަކު އަމީން ވިދާޅުވި ގޮތުގައި، މިހާރަށް ވުރެ ރަނގަޅަށް ޓެކްސީގެ ހިދުމަތް ދިނުމަށް ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކުރިޔަސް ޓެކްސީ ޑްރައިވަރުންނަށް ގެއްލުން ނުވާނެ އެވެ.
މުޒާހަރާކުރި ޓެކްސީ ޑްރައިވަރުންނަށް ދައުވާކޮށްފި
ބަންދުކުރި ދެ ޑްރައިވަރުން ދޫކޮށްލައިފި
އިހުތިޖާޖަށް ނުދާ ޓެކްސީތައް ވެސް ޓޯކުރި: ޑްރައިވަރުން
މަގު ބްލޮކްކުރި އިތުރު ޓެކްސީޑްރައިވަރަކު ހައްޔަރުކޮށްފި
ހައްޔަރުކުރި ޓެކްސީ ޑްރައިވަރުންގެ ވަނަވަރު އާންމުކޮށްފި
ތިން ޑްރައިވަރަކު ހައްޔަރުކުރި: 22 ޓެކްސީ ޓޯކުރި
މަގު ބަންދުކުރި ޓެކްސީތައް ޓޯކޮށްފި
ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި އިހުތިޖާޖު ކުރަނީ
ޓެކްސީ ލައިނާ ގުޅޭ އެއްވެސް މަސައްކަތެއް ނުފަށާ
ޓެކްސީ ޑްރައިވަރުން އަނެއްކާވެސް އިހުތިޖާޖަށް ނުކުންނަނީ