ރޯވި އިމާރާތުގައި ހިންގަމުން އައި ތިން މިނިސްޓްރީގެ ހިދުމަތްތައް މާދަމާއިން ފެށިގެން ދަރުބާރުގެއިން ލިބޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
14 ޑިސެމްބަރ 2024
ރޯވި އިމާރާތުގައި ހިންގަމުން އައި ތިން މިނިސްޓްރީގެ ހިދުމަތްތައް މާދަމާއިން ފެށިގެން ދަރުބާރުގެއިން ލިބޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 6:30 ހާއިރު އެންމެ ފުރަތަމަ ރޯވީ ހައުސިން މިނިސްޓްރީގަ އެވެ. އޭގެ ފަހުން، ހުޅުގަނޑު ބޮޑުވަމުން ގޮސް، އެ އިމާރާތުގައި ހިންގާ ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެ ތަނާ ޖެހިގެން ހުންނަ އެންވަޔަރަންމެންޓް މިނިސްޓްރީގައި ވެސް ރޯވި އެވެ.
ހަތަރު ގަޑިއިރު ފަހުން އަލިފާން ނިއްވާލިއިރު އެ ކޮށީގައި ހުރި އެއްވެސް ތަނެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައި ހުލިވެފަ އެވެ.
އެހެންވެ އެރޭ ވަނީ ތިން މިނިސްޓްރީގެ މަސައްކަތްތައް ވަގުތީ ގޮތުން ދަރުބާރުގެ އަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބު މައުލޫމާތު ދެއްވަނީ. --ފޮޓޯ: ނިޝާން އަލީ | މިހާރު
އަލިފާނުގެ ހާދިސާއާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ މާދަމާއިން ފެށިގެން އާންމު ހިދުމަތްތައް ދިނުމުގެ އިންތިޒާމު އެ ތަނުގައި ހަމަޖެހިފައިވާ ކަމަށެވެ.
ރައްޔިތުންނަށް ދަތި ނުވާނެ ގޮތަކަށް މަސައްކަތްތައް އިންތިޒާމު ކުރުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ދަރުބާރުގޭގެ ތިން ހޯލުގައި ތިން މިނިސްޓްރީގެ ހިދުމަތްތައް ދެވޭ ވަރަށް ޖާގަ އޮތް ކަމަށެވެ.
"24 ގަޑިއިރު މަސައްކަތްތަކެއް ކުރަމުން މި ގެންދަނީ. މިހާތަނަށް އައިއިރު، އަޅުގަނޑުމެންނަށް ޔަގީން މާދަމާ އޮފީސް ހުޅުވާއިރު އަޅުގަނޑުމެންނަށް ތިން މިނިސްޓްރީން ވެސް ދެމުންދާ ހިދުމަތްތައް އާންމު ހާލަތުގައި ދޭން ފެށޭނެ،" މުއްތަލިބް ވިދާޅުވި އެވެ.
ތިން މިނިސްޓްރީއެއް ހިންގާ މ. ގްރީން ބިލްޑިންގުގައި އިއްޔެ ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ތަންތަނުގެ ހިދުމަތްތައް ވަގުތީ ގޮތުން ފެށުމަށް ދަރުބާރުގެ އަށް ބަދަލުކުރުމުގެ މަސައްކަތް ކުރަނީ .---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މިވަގުތު ޖާގަ ހުރި ގޮތުން ބައެއް މިނިސްޓްރީތަކުގެ ބައެއް މުވައްޒަފުން އެހެން ތަންތަނުގައި އަދި ގޭގައި ވެސް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއްވެސް މިނިސްޓްރީއަކުން ދެމުންދިޔަ ހިދުމަތް މެދު ނުކެނޑި ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
"ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިގެން މި ދިޔައީ. ކަރަންޓު ކޭބަލް އެޅުމާއި، ނެޓްވޯކް އެޅުމާއި އިންޓަނެޓް، ފޯން ނެޓްވޯކް އެޅުމާއި އެލޮކޭޝަން އާއި އޮފީސްތަކުގައި ޖަހައި ޕާޓިޝަން ޖެހުމާއި ފަރުނީޗަރާއި ކޮމްޕިއުޓާ ސިސްޓަމާއި ސާވާ ސިސްޓަމް ބެހެއްޓުމާއި މި ހުރިހާ މަސައްކަތެއް ވެސް ވަރަށް ބާރަށް ކުރިއަށް އެބަދޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިއަދު އެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ވެސް މުއްތަލިބް ވިދާޅުވި އެވެ.
ދަރުބާރުގޭގައި ހަދާ ވަގުތީ އޮފީސްތަކުގައި ބޭނުން ކުރަނީ ޗައިނާ ސަރުކާރުން ފޮރިން މިނިސްޓްރީއާ ހަވާލު ކޮށްފައި ހުރި ކޮމްޕިއުޓަރު ސިސްޓަމް ތަކެއްގެ ބޭނުން ކޮށްގެން ކަމަަށާއި އޭގެ އިތުރުން މާލެއިން ލިބެންހުރި އިތުރު ކޮމްޕިއުޓަރު ސިސްޓަމްތައް ވެސް ބޭނުން ކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ތިން މިނިސްޓްރީއެއް ހިންގާ މ. ގްރީން ބިލްޑިންގުގައި އިއްޔެ ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި އެ ތަންތަނުގެ ހިދުމަތްތައް ވަގުތީ ގޮތުން ފެށުމަށް ދަރުބާރުގެ އަށް ބަދަލުކުރުމުގެ މަސައްކަތް ކުރަނީ .---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ސިޓީ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަންގެ އޮފީސް ވެސް ހިންގަމުން ދިޔައީ ރޯވި އިމާރާތުގަ އެވެ. އެ އޮފީހުގެ މަސައްކަތްތައް ވަނީ ހުޅުމާލެއަށް ބަދަލުކޮށްފަ އެވެ.
މީގެ 34 އަހަރު ކުރިން ރާއްޖޭގައި ބޭއްވި ފަސް ވަނަ ސާކް ސަމިޓަށް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިސްނެންގެވުމަކަށް ހެދި ދަރުބާރުގެއަކީ ކުއްލި ހާލަތްތަކުގައި ސަރުކާރުގެ އެކި ކަންކަމަށް އާންމުކޮށް ބޭނުންކުރާ އިމާރާތެކެވެ. އެންމެ ފަހުން މުޅި ދަރުބާރުގެ އެއްކޮށް ބޭނުންކުރީ ކޮވިޑް-19 އާ ގުޅިގެން އިމަޖެންސީ ސެންޓަރު ހިންގާށެވެ. ގާތްގަނޑަކަށް ހަތަރު އަހަރު ވަންދެން ކޮވިޑާ ގުޅޭ ކަންތައްތަކުގައި ދަރުބާރުގެ ބޭނުންކުރި އެވެ.
މާލޭގައި 1990 ވަނަ އަހަރު ބޭއްވި ސާކް ސަމިޓަށް ހެދި ދަރުބާރުގޭގައި ފަހުން ވަނީ ޖާގަ ބޮޑު އިތުރު އިމާރާތެއް އަޅައިފަ އެވެ. ސާކް ސަމިޓު ބާއްވަން ހެދީ މިހާރު ފެންނަން ހުންނަ ދަރުބާރުގޭގެ މައި ހޯލެވެ.
"ހައުސިންއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ނުގެއްލޭ"
ރޯވި ތިން މިނިސްޓްރީ ވަގުތީ ގޮތުން ދަރުބާރުގެއަށް
ދެ ކޮޓަރި 7،000ރ.، ތިން ކޮޓަރި 9،500ރ.
ފްލެޓް މައްސަލަ ދިގުލައިގެން ދިއުމުން މާފަށް އެދިއްޖެ
އަލިފާނުގެ ހާދިސާގެ ތަގުގީގަށް އިންޑިއާގެ ޓީމެއް
އަލިފާނުގެ ހާދިސާގެ މައުލޫމާތު ހިއްސާ ކުރަން އެދިއްޖެ
އަލިފާނުގެ ހާދިސާގެ ކަންކަން ކޮމިޓީން ބަލަނީ
އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭރުގެ އެހީ ހޯދަނީ
ސާވާ ސަލާމަތް ނުކުރެވި ބޮޑު ގެއްލުމެއް!
ސަލާމަތްކުރެވުނީ ވަރަށް މަދު ލިޔުންތަކެއް: ހައިދަރު