Roadha Mihaaru

ތިން މިނިސްޓްރީގައި ރޯވި ހާދިސާގައި ލިބުނު ގެއްލުމަށް ޗައިނާ އިން 2.8 މިލިއަން ޑޮލަރުގެ އެހީ

ހައުސިން މިނިސްޓްރީގައި މިދިޔަ އަހަރު ރޯވެ، ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ލިބު ގެއްލުންތަކާ ގުޅިގެން ޗައިނާ ސަރުކާރުން 2.8 މިލިއަން ޑޮލަރުގެ އެހީގެ ސާމާނު މިއަދު ހަދިޔާކޮށްފި އެވެ.

ރޯވެ، ލިބުނު ގެއްލުމަށް 2.8 މިލިއަން ޑޮލަރުގެ އެހީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

11 ޑިސެމްބަރ 2025

ހައުސިން މިނިސްޓްރީގައި މިދިޔަ އަހަރު ރޯވެ، ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ލިބު ގެއްލުންތަކާ ގުޅިގެން ޗައިނާ ސަރުކާރުން 2.8 މިލިއަން ޑޮލަރުގެ އެހީގެ ސާމާނު މިއަދު ހަދިޔާކޮށްފި އެވެ.

އަމީނީ މަގުން ހާބަރު ކެފޭތައް ކައިރީގައި ހިންގަމުން އައި ހައުސިން މިނިސްޓްރީގެ އިމާރާތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހު ރޯވެ، އެ އިމާރާތުގައި އޭރު ދެން ހިންގި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ޖެހިގެން ހުރި ގްރީން ބިލްޑިންގްގައި ހިންގި އެންވަޔަރުމެންޓް މިނިސްޓްރީގެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފަ އެވެ.

އެހެންވެ، އެ ތިން މިނިސްޓްރީގެ މަސައްކަތްތައް ދަރުބާރުގެ އަށް ބަދަލުކޮށް މަސައްކަތް ކުރަމުން އަންނަނީ އެ ތަނުގަ އެވެ.

އެ އަލިފާނުގައި ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަންނަން ޗައިނާ ސަރުކާރުން މިއަދު ރާއްޖެ އަށް ހަދިޔާކުރި އެހީގެ ޕެކޭޖުގެ ތެރޭގައި ހިމެނެނީ ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އޮފީސްތަކަށް ކޮންމެހެން ބޭނުންވާ ސާމާނާއި ފަރުނީޗަރު ފަދަ ތަކެއްޗެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެހީގެ ލިޔުމުގައި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ސަފީރު ކޮން ޝިއަންވާ އެވެ. ދިވެހި ސަރުކާރުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.