Roadha Mihaaru

ގްރޫމްކުރުމުގެ ތުހުމަތުވާ ޓީޗަރު ދޫކޮށްލައިފި، ކޯޓަށް ގެންދަން ޗިޓް ހަވާލުކުރަން ވަޑައިގަތީ މެޖިސްޓްރޭޓް

ސްކޫލް ދަރިވަރުންތަކަކާ އުމުރާ ނުގުޅޭ ވާހަކަ ދައްކައި، ގްރޫމް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާ ކުރަން އެދި ފޮނުވާފައިވާ ޓީޗަރު އިއްޔެ ބަންދުން ދޫކޮށްލައިފި އެވެ.

ޓީޗަރު ދޫކޮށްލައިފި، ޗިޓް ގެންދިޔައީ މެޖިސްޓްރޭޓް
ނާޒިމް ހަސަން
ނާޒިމް ހަސަން

18 ޑިސެމްބަރ 2024

ސްކޫލް ދަރިވަރުންތަކަކާ އުމުރާ ނުގުޅޭ ވާހަކަ ދައްކައި، ގްރޫމް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާ ކުރަން އެދި ފޮނުވާފައިވާ ޓީޗަރު އިއްޔެ ބަންދުން ދޫކޮށްލައިފި އެވެ.

ހާދިސާ ހިނގި ރަށުގެ މެޖިސްޓްރޭޓް ކޯޓުން އޭނާ ބަންދުން ދޫކޮށްލީ މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ބަލައިފަ އެވެ.

މިކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ ބަންދުގައި ހުރި ޓީޗަރުގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރަން އެންގި ޗިޓް ފުލުހުންނާ ހަވާލުކުރަން ވަޑައިގަތީ ބަންދުން ދޫކޮށްލުމުގެ އަމުރު ވެސް ނެރުއްވި މެޖިސްޓްރޭޓެވެ.

ކޯޓަށް ހާޒިރުކުރަން ޗިޓް ހަވާލުކުރަން މެޖިސްޓްރޭޓް އަމިއްލަ އަށް ވަޑައިގަތުމަކީ ކުރާ ކަމެއް ނޫނެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން 20 ދުވަސް ދިނެވެ. އަދި ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް އިތުރު 30 ދުވަސް ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ވިއްސަކަށް ކުދިން ހިމެނޭ މި މައްސަލައިގަިއ ހައްޔަރުކުރި އުމުރުން 29 އަހަރުގެ ފިރިހެން މީހާއަށް ދައުވާ ކޮށްދޭން އެދި މިދިޔަ މަހުގެ 25 ވަނަ ދުވަހު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް މައްސަލަ ވަނީ ފޮނުވައިފަ އެވެ.

އެ ހާދިސާ ހިނގީ މެދުރާއްޖެތެރޭގެ ރަށެއްގަ އެވެ. މިފަދަ މައްސަލަތަކުގައި ކުޑަކުދިންގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން، ހާދިސާ ހިނގި ރަށުގެ ނަމާއި މައްސަލައިގައި ހިމެނޭ މީހުން ފަދަ، ކުދިންގެ މައުލޫމާތު އެނގިދާނެ އެއްވެސް މައުލޫމާތެއް ހާމަކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމަކަށް ވާތީ އެ ތަފްސީލެއް ފުލުހުން ވެސް ހާމައެއް ނުކުރެ އެވެ.