Roadha Mihaaru

ފަޒުލް އާއި އެޗްޑީސީގެ ބޯޑު އެއްކޮށް ސަސްޕެންޑްކޮށްފި

ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލަ ފެންމަތިވި ފެށި ތަހުގީގާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާއި ބޯޑު އެއްކޮށް މިއަދު ސަސްޕެންޑްކޮށްފި އެވެ.

ފަޒުލް އާއި އެޗްޑީސީގެ ބޯޑު އެއްކޮށް ސަސްޕެންޑްކޮށްފި

ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލަ ފެންމަތިވި ފެށި ތަހުގީގާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާއި ބޯޑު އެއްކޮށް މިއަދު ސަސްޕެންޑްކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އިން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ ގޯތިތަކުގެ މައްސަލައިގައި ފުލުހުން ފަށާފައިވާ ތަހުގީގަށް ޖާގަ ދިނުމުގެ ގޮތުން، ކުންފުނީގެ ޗެއާމަން އަހްމަދު ނާސިފް ފިޔަވައި ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން މިއަދުން ފެށިގެން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

"... އަދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވެސް މި ބޯޑުން ވަކި ގޮތެއް އަންގަންދެން އޮފީހަށް ނުނިކުމެވޭ ގޮތަށް ވަނީ ސަސްޕެންޑްކޮށްފަ އެވެ،" ޕީސީބީގެ ބަޔާނުގައިވެ އެވެ.

ބޯޑުން ސަސްޕެންޑް ނުކުރާ ހަމައެކަނި މެންބަރު ކަމަށްވާ ނާސިފް (ޑީޑީ) އައްޔަންކުރީ މިދިޔަ މަހުގެ ހަ ވަނަ ދުވަހު އެވެ. އޭނާ އާއި ފަޒުލްގެ އިތުރުން ދެން ބޯޑުގައި ތިއްބަވަނީ؛

▪️ އަޒްހާރު އަބްދުﷲ ސައީދު

▪️ އިބްރާހިމް ޔޫސުފް ފުޅު

▪️ މުހައްމަދު ވިޝާމް

▪️ އުލާ މުހައްމަދު ރަޝީދު

▪️ އާރިފް އަބްދުއްސަމަދު

▪️ މުހައްމަދު ނާޖިލް

▪️ މުހައްމަދު ވަހީދު

▪️ ފާތިމަތު މިޒްނާ އަލީ

▪️ ޔޫސުފް ވަހީދު

ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ލިސްޓުގައި، އެޗްޑީސީގެ އެމްޑީ ފަޒުލްގެ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ނަން އޮއްވައި އޭނާ އަށް ވަނީ ގޯތީގެ ރެޖިސްޓްރީއެއް ހަދައިފަ އެވެ. އޭނާގެ އިތުރުން އެހެން ބަޔަކަށް ވެސް އެގޮތަށް ރަޖިސްޓްރީ ހަދާފައިވާކަން ވަނީ ފަޅާއަރައިފަ އެވެ.

ރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ފަޒުލް ވިދާޅުވީ ގޯތިތަކުގެ މައްސަލަ ފާހަގަވީ ގޯތިތަކުގެ ވަށައި ފާރު ރޭނުމުގެ ހުއްދައަށް އެދި އެޗްޑީސީއަށް ހުށަހެޅުމުން، އެ ރެޖިސްޓްރީތައް ވެރިފައި ކުރުމަށް ހައުސިން މިނިސްޓްރީ އަށް ފޮނުވުމުން ކަމަށެވެ. ނަމަވެސް ރެޖިސްޓްރީ ހަދާފައިވަނީ ބިންވެރިޔާ ސްކީމުގައި އެއްވެސް މީހަކަށް ދޫކޮށްފައި ނެތް ބިމަކަށް ކަން ޖުލައި މަހު އެނގުމުން ވެސް މިހާތަނަށް ވެސް އެ ވާހަކައެއް ނުދައްކަ އެވެ.

"މި ޕްރޮސެސްގެ ތެރެއިން އަޅުގަނޑުމެން ޕޮލިހަކަށް އަންގާފައި ނުވާނެ. މިނިސްޓްރީ އޮފް ހައުސިންއާ ކޮމިއުނިކޭޓް ކޮށްގެން މައްސަލަ ހައްލު ކުރެވޭތޯ ބަލަނީ. މައްސަލަ ހައްލު ކުރެވުނީމާ ދާއިމީ ހައްލެއް ލިބުނު ކަމަށް ގަބޫލު ކުރަނީ،" ފަޒުލް ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވީ، ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވަނީސް އޭނާގެ ބޭބެ ފަޒީން ޝަރުތު ހަމަވާ ކަމަށް ހަދައި ރަޖިސްޓްރީއެއް ހެދުމަކީ އިއްތިފާގެއް ކަމަށާއި އެކަމަކު އެ މައްސަލަ ހައުސިން މިނިސްޓްރީގެ ސަމާލުކަމަށް ވެސް ގެނައީ އެޗްޑީސީން ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު ދިމާވެގެން އުޅޭ މައްސަލައިގައި، ގޯތި ލިބިފައިވާ އެއްވެސް މީހެއްގެ ހައްގަކަށް އެއްވެސް އުނިކަމެއް ނުލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދޭ ކަމަށެވެ.