Roadha Mihaaru
މާރާމާރީ ހިންގާ މީހުން ހޯދަން ދަނީ މަސައްކަތް ކުރަމުން

މާރާމާރީ ހިންގާ މީހުން ހޯދުމަށް ހާއްސަ މަސައްކަތްތަކެއް ދަނީ ކުރަމުން: ފުލުހުން

11 އޮކްޓޯބަރ 2018

މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި މި ދުވަސްވަރު މާރާމާރީ ހިންގުން އާއްމު ވެފައިވާއިރު، އެކަން ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފުލުސް އޮފީހުން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި މި ދުވަސްވަރު މާރާމާރީ ހިންގުން އާއްމު ވެފައިވާއިރު، އެކަން ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފުލުސް އޮފީހުން މިއަދު ބުނެފި އެވެ.

ރޭ ދަންވަރު މާލޭގައި ހިންގި މާރާމާރީގައި އުމުރުން 14 އަހަރުގެ ކުއްޖެއްގެ ކަރަށް ވަޅި ހަރައި ވަނީ މަރާލައިފަ އެވެ. އަދި އިއްޔެ މެންދުރު ވެސް ޒުވާނެއްގެ ގަޔަށް ވަޅި ހަރާފައިވާއިރު، މާލެ އާއި އައްޑޫގައި ވެސް ވަނީ މިދިޔަ ހޮނިހިރު ދުވަހާއި ހޯމަ ދުވަހު މާރާމާރީތަކެއް ހިންގައި، ދެ ޒުވާނަކަށް ހަމަލާދީފަ އެވެ.

އަދި މިދިޔަ މަހުގެ ތެރޭގައި ވެސް އުމުރުން 18 އަހަރުގެ ޒުވާނަކަށް މާލޭގައި ވަޅިން ހަމަލާދީ މަރާލާފައިވެ އެވެ. އޭގެ ފަހުން ޏ. ފުވައްމުލަކުގައި މީހެއްގެ ކަރަށް ވަޅި ހަރައި، ރ. ދުވާފަރުގައި ޒުވާނެއްގެ ބަނޑަށާއި ބުރަކައްޓަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލާފައި ވެ އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ހުރިހާ މާރާމާރީތަކެއް ވެސް ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެކަން ހުއްޓުވުމަށް، މާރާމާރީ ހިންގި މީހުން ހޯދައި، މާރާމާރީތައް މަދު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.

އެކަމަކު އެ މަސައްކަތުގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.

ފުލުސް އޮފީހުން ބުނީ މާރާމާރީތައް ހުއްޓުވުމަށް ކުރާ މަސައްކަތްތަކުގެ ދަށުން، މާލެ އާއި އައްޑޫގައި މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

"މާލެއާ ރާއްޖޭގެ އެހެން ރަށްތަކަކީ ނުރައްކާތެރި ތަނެއްގެ ގޮތުގައި ސިފަކުރުމުގެ ގޮތުން ކުށްކުރުމުގެ ރޫހު މި ވެށީގައި ހަރުލެއްވުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދޭނަމެވެ. އަދި މި ފަދަ އަމަލު ހިންގައި، އެ ކަންކަމަށް ހިތްވަރު ދޭ ފަރާތްތައް ހޯދައި މައްސަލަ ތަހުގީގުކޮށް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދެމެވެ." ށ. ފޭދޫ ހީނާމާގޭ (ގ. ކޯޒީ) އިސްމާއިލް ޝައްފާން ޝަރީފް 14، އަށް ހަމަލަދީ މަރައިލި މައްސަލާގައި ފުލުހުން ނެރުނު ބަޔާނުގައިވެ އެވެ.

މާލެ އާއި އައްޑޫގައި ހިންގި މާރާމާރީތަކާ ގުޅިގެން މިހާތަނަށް، ނުވަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ، އަދި މާލޭގައި ރޭ މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި އިތުރު ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އެ ފަސް މީހުން ވެސް ހައްޔަރުކުރީ، ފިހާރަ އަކުން ވަޅި ފަދަ ތަކެތި ގަތުމަށް ފަހު، ކާނިވާ ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑުން ޕެޓްރޯލް އަޅަން މަޑުކޮށްގެން ތިއްބައި ކަމަށެވެ. އަދި ފުލުހުން ފެނުމުން، ފިލަން މަސައްކަތް ކުރި ނަމަވެސް ވަޅިތަކާ އެކު އެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.