Roadha Mihaaru
މަރާލި ކުއްޖާ އެރުވި ތިން ޓެކްސީއެއް ހޯދައިފި

މަރާލި ކުއްޖާ އެރުވި ތިން ޓެކްސީއެއް ހޯދައިފި

24 ޖޫން 2021

މަރާލާފައި އޮއްވައި ފެނުނު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާ އެރުވި ތިން ޓެކްސީއެއް ހޯދައި އޭގެ ތެރެއިން އެއް ޓެކްސީއަކުން ސާމްޕަލް ނެގުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަރާލާފައި އޮއްވައި ފެނުނު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާ އެރުވި ތިން ޓެކްސީއެއް ހޯދައި އޭގެ ތެރެއިން އެއް ޓެކްސީއަކުން ސާމްޕަލް ނެގުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ކުއްޖަކު ރަހީނުކޮށްގެން އުޅޭ ކަމަަށް ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ ރިޕޯޓާ ގުޅިގެން އެ ކުއްޖާ ހޯދަމުން ދަނިކޮށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު 2:30 ހާއިރު ފެނުނީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މީހުން ވަދެ އުޅެވޭ ގޮތަށް އޮންނަ ސަރަހައްދުން ކަރުތާފެނާ ހިސާބު މޫދުންނެވެ.

އެ މައްސަލައިގެ ތުހުމަތަށް ނ. ލަންދޫ ބަގީޗާގޭ އިބްރާހިމް ޒިހާން، 27 އާއި އުމުރުން 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފައި ވެ އެވެ. އެއީ މަރާލި ކުއްޖާގެ އެކުވެރިންތަކެކެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި 13 އަހަރުގެ ކުއްޖާ އުފުލި ޓެކްސީތަކުގެ ޑްރައިވަރުންގެ ބަޔާން ވެސް ވަނީ ނަގައިފަ އެވެ.

ކުއްޖާގެ މަރުގެ މައްސަލާގައި ހިންގާ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ބުނުން ފިޔަވައި ފުލުހުން އަދި ތަހުގީގާ ބެހޭ ގޮތުން މައުލޫމާތެއް ނުދެ އެވެ. ނަމަވެސް ތުހުމަތަށް ހައްޔަރުކޮށްފައިވާ ދެ މީހުންނަށް ވެސް ގަސްދުގައި މީހަކު މެރުން، މާރާމާރީ ހިންގުން، ރަހީނުކުރުން އަދި ކުޑަކުއްޖަކާ މެދު ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ވެސް ކުރެ އެވެ.

ފުލުހުން ވަނީ ކުއްޖާގެ މަރުގެ ހަގީގަތް ހޯދުމަށް ޕޯސްޓްމޯޓަމް ހަދަން ނިންމައިފަ އެވެ.