Roadha Mihaaru

ޖެނިފާއަށް ވަޒީފާ އާއި ބަދަލު ދިނުން ހައި ކޯޓުން ހުއްޓުވައިފި

ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރި އައިޝަތު ޖެނިފާއަށް އަލުން ވަޒީފާ ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެންގި އެންގުމަށް އަމަލުކުރުން މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފި އެވެ.

ޖެނިފާއަށް ވަޒީފާ ދިނުން ހައި ކޯޓުން ހުއްޓުވައިފި
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

25 ޑިސެމްބަރ 2024

ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރި އައިޝަތު ޖެނިފާއަށް އަލުން ވަޒީފާ ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެންގި އެންގުމަށް އަމަލުކުރުން މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޖެނިފާ އައްޔަންކުރީ ޑިސެމްބަރު 2018 ގަ އެވެ. އޭނާ މިދިޔަ ޖެނުއަރީ މަހު އެ މަގާމުން ވަކިކުރީ އެ ކުންފުނީގެ ބޯޑުން ނިންމައިގެންނެވެ.

އެ މައްސަލަ ޖެނިފާގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން، އެ ޓްރައިބިއުނަލުން ނިންމީ އޭނާ މަގާމުން ވަކިކުރީ ވަޒީފާއިން ވަކިކުރަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެގެން ނޫން ކަމަށާއި އޭނާ ވަކިކުރީ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމެއް ނެތި ކަމަށެވެ. އެހެންވެ، އޭނާ އަށް އަލުން ވަޒީފާ ދިނުމަށާއި އަދި މައްސަލަ ނިމުނު މުއްދަތާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ވެސް ދޭން ޓްރައިބިއުނަލުން އަންގާފައިވެ އެވެ.

ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ ގެއްލުމުގެ ބަދަލެއްގެ ގޮތުން އެއް މަހުގެ މުސާރަ އާއި އިނާޔަތްތަކަށް ވާ 56،000 އަށް ވުރެ ގިނަ ރުފިޔާ ޖެނިފާ އަށް ދޭން ޓްރައިބިއުނަލުން އަންގާފައިވެ އެވެ.

ޓްރައިބިއުނަލްގެ އެ ނިންމުން އައިއޭއެސް އިން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، ހައި ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ އިސްތިއުނާފުގެ މައްސަލަ ބަލައި ގޮތެއް ނިމެންދެން ނުވަތަ އެ ނޫން ގޮތެއް އަންގަންދެން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނިންމުން ތަންފީޒުކުރުން މަޑުޖައްސާލަން އަންގާ ކަމަށެވެ.