Roadha Mihaaru
ޕެންޝަނަށް ސީއީއޯ ނެގުން ހުއްޓުވި މައްސަލަ ބަލައިނުގަތް

ޕެންޝަން އޮފީހަށް ސީއީއޯއަކު ނެގުން ހުއްޓުވި މައްސަލަ ބަލައިނުގަތުން ރަނގަޅު: ސުޕްރީމް ކޯޓް

29 އެޕްރީލް 2022

ޕެންޝަން އޮފީހުގެ ސީއީއޯ އައްޔަން ކުރުން ހުއްޓުވި އަމުރުގެ މައްސަލަ ހައި ކޯޓުން ބަލައިނުގަތުމަށް ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕެންޝަން އޮފީހުގެ ސީއީއޯ އައްޔަން ކުރުން ހުއްޓުވި އަމުރުގެ މައްސަލަ ހައި ކޯޓުން ބަލައިނުގަތުމަށް ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ޕެންޝަން އޮފީހުގެ ސީއީއޯއަކަށް ހުންނެވި އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ޖޯން ސްޓެފަން ގްރިންޑަލް މިދިޔަ އަހަރު ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލަމުންދާތީ އެ މައްސަލަ ނިމެންދެން އެ މަގާމަށް އެހެން މީހަކު އައްޔަން ނުކުރަން ޓްރައިބިއުނަލުން އޮތީ އަމުރެއް ނެރެފަ އެވެ.

ޓްރައިބިއުނަލްގެ އެ އަމުރު ޕެންޝަން އޮފީހުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލަ އެ ކޯޓުގެ ރަޖިސްޓްރާ މިދިޔަ އަހަރު ނިންމީ ބަލައިނުގަތުމަށެވެ. އަދި އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް މިދިޔަ ޖެނުއަރީ މަހު އެ ނިންމުން ދެމެހެއްޓި އެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ އެ ނިންމުން އެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިދިޔަ އަންގާރަ ދުވަހު ނިންމި ނިންމުމުގައިވަނީ ހައި ކޯޓުން މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން ގޯސްވާ ސަބަބެއް ޕެންޝަން އޮފީހަށް ނުދެއްކޭ ކަމަށެވެ. އެހެންވެ، އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ ރަނގަޅަށް ކަމަށް އެ ނިންމުމުގައިވެ އެވެ.

ސްޓެފަން ވަކިކުރީ އޭނާގެ ސުލޫކީ މައްސަލަތަކެއް ޕެންޝަން އޮފީހުން ބެލުމަށްފަހު ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ. އޭގެ ތަފްސީލެއް އެ އޮފީހުން ހާމައެއް ނުކުރެ އެވެ.