Roadha Mihaaru
ޑީއެމްޑީގެ މަގާމު ޖެނިފާއަށް އަލުން ދޭން އަމުރުކޮށްފި

އައިލެންޑް އޭވިއޭޝަންގެ ޑީއެމްޑީގެ މަގާމުން ވަކިކުރި ޖެނިފާއަށް އަލުން އެ މަގާމު ދޭން އަމުރުކޮށްފި

26 އޮކްޓޯބަރ 2024

ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އައިޝަތު ޖެނިފާ ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި، އޭނާ އަށް ވަޒީފާ އަލުން ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.

ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އައިޝަތު ޖެނިފާ ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި، އޭނާ އަށް ވަޒީފާ އަލުން ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޖެނިފާ އައްޔަންކުރީ ޑިސެމްބަރު 2018 ގަ އެވެ. އޭނާ މިދިޔަ ޖެނުއަރީ މަހު އެ މަގާމުން ވަކިކުރީ އެ ކުންފުނީގެ ބޯޑުން ނިންމި ނިންމުމަކުންނެވެ.

އެ މައްސަލަ ޖެނިފާގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން، އެ ޓްރައިބިއުނަލުން މި މަހުގެ 13 ވަނަ ދުވަހު ނިންމީ ޖެނިފާ މަގާމުން ވަކިކުރީ ވަޒީފާ އިން ވަކިކުރަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެގެން ނޫން ކަމަށާއި އޭނާ ވަކިކުރީ މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމް ކުރުމެއް ނެތި ކަމަށެވެ. އެހެންވެ، އޭނާ އަށް އަލުން ވަޒީފާ ދިނުމަށާއި މައްސަލަ ނިމުނު މުއްދަތާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ވެސް ދޭން ޖެހޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.

ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ ގެއްލުމުގެ ބަދަލެއްގެ ގޮތުން އެއް މަހުގެ މުސާރަ އާއި އިނާޔަތްތަކަށް ވާ 56،000 އަށް ވުރެ ގިނަ ރުފިޔާ ޖެނިފާ އަށް ދޭންޖެހޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.

ޓްރައިބިއުނަލްގެ ނިންމުމުގައި އަންގާފައިވަނީ އެ ނިންމުން އެއް މަސް ދުވަސް ތެރޭގައި ތަންފީޒު ކުރުމަށް ފަހު، ޓްރައިބިއުނަލަށް އެކަން އެންގުމަށެވެ.