Roadha Mihaaru
ފޯނު އަޑުއެހުމާ ގުޅޭ ގޮތުން އެފްބީއައިއާ މަޝްވަރާއެއް ނުކުރޭ

ފޯނު އަޑުއެހުމާ ގުޅޭ ގޮތުން އެފްބީއައިއާ ޓްރަމްޕް މަޝްވަރާއެއް ނުކުރައްވާ

08 މާޗް 2017

ވޮޝިންޓަން (މާޗް 8) - ރިޔާސީ އިންތިޚާބުގެ ތެރޭގައި ކުރީގެ ރައީސް ބަރަކް އޮބާމާގެ އަމުރަށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ ފޯނު ކޯލުތައް އަޑުއަހާފައިވާ ކަމަށް ކޮށްފައިވާ ތުހުމަތާ ގުޅޭ ގޮތުން އެފްބީއައިއާ ޓްރަމްޕް މަޝްވަރާ ކުރައްވާފައި ނުވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (މާޗް 8) - ރިޔާސީ އިންތިޚާބުގެ ތެރޭގައި ކުރީގެ ރައީސް ބަރަކް އޮބާމާގެ އަމުރަށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ ފޯނު ކޯލުތައް އަޑުއަހާފައިވާ ކަމަށް ކޮށްފައިވާ ތުހުމަތާ ގުޅޭ ގޮތުން އެފްބީއައިއާ ޓްރަމްޕް މަޝްވަރާ ކުރައްވާފައި ނުވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ޓްރަމްޕުގެ ތުހުމަތުގައި އެއްވެސް ހެއްކެއް ދައްކަވައިފައެއް ނުވެ އެވެ. އެފްބީއައިގެ ޑިރެކްޓާ ޖޭމްސް ކޯމޭ ވެސް ވަނީ ޓްރަމްޕުގެ ތުހުމަތާ ދެކޮޅު ހައްދަވައިފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ އެއީ އެމެރިކާގެ ރައީސް އަށް ވިޔަސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ޓްރަމްޕުގެ ތުހުމަތާ ޖަސްޓިސް ޑިޕާޓްމަންޓުން ވެސް ދެކޮޅު ހެދުމަށް ކޯމޭ އެދިވަޑައިގެންފައިވާ ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުނެފައިވެ އެވެ.

ވައިޓް ހައުސްގެ ތަރުޖަމާން ޝޯން ސްޕައިސާ އިއްޔެ ވިދާޅުވީ ފޯނު އަޑުއެހުމާ ގުޅޭ ގޮތުން އެފްބީއައިގެ އޮފިޝަލުންނާ ޓްރަމްޕް ވާހަކަ ދެއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފޯނު ކޯލު އަޑު އެހި މައްސަލަ ތަހުގީގު ކުރުމަށް ޓްރަމްޕް ވަނީ ކޮންގްރެސްގައި އެދިވަޑައިގެންފަ އެވެ. އެމެރިކާގެ ސެނެޓާ ޖޯން މެކްކޭން ވަނީ ޓްރަމްޕުގެ ތުހުމަތުގައި ހެކި ހުރި ނަމަ ހާމަކުރުމަށް އެދިވަޑައިގެންފަ އެވެ.

އިންތިޚާބު ދުވަސްވަރު ނޭޝަނަލް އިންޓަލިޖެންސްގެ ޑިރެކްޓަރަކަށް ހުންނެވި ޖޭމްސް ކްލެޕާ ވެސް ވަނީ ޓްރަމްޕުގެ ކެމްޕޭނަށް ފާރަލުމަށް ފޯނު ކޯލު އަޑު އަހާފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

އޮބާމާގެ ޓީމުން ވަނީ ޓްރަމްޕް ކުރައްވާ ތުހުމަތުގައި އެއްވެސް އަސްލެއް ނެތް ކަމަށް ބުނެފަ އެވެ. ޑިމޮކްރެޓިކް ޕާޓީގެ އޮފިޝަލުން ބުނެފައި ވަނީ އެއީ ޓްރަމްޕުގެ ސްޓާފުންނާއި ރަޝިޔާއާ ގުޅުން އޮތްކަން ފަޅާ އަރަމުންދާތީ އެކަމުގެ ސަމާލުކަން އަނބުރާލަން ކުރާ ކަމެއް ކަމަށެވެ.