Roadha Mihaaru

މަޝެރާނޯގެ ކޯޗުކަމުގެދަށުން މެސީ ފުރަތަމަ ފަހަރަށް ކުޅެން ތައްޔާރު

ލިއޮނެލް މެސީއާ އެކު ކުރިން އާޖެންޓީނާ އާއި ބާސެލޯނާގެ ގައުމީ ޓީމަށް ކުޅުނު ހާވިއޭ މެޝެރޯނާގެ ކޯޗުކަމުގެދަށުން މަސައްކަތް ކުރަން މެސީ ފުރަތަމަ ފަހަރަށް ޕްރެކްޓިހަށް ނުކުމެއްޖެ އެވެ.

މަޝެރާނޯގެ ކޯޗުކަމުގެދަށުން ކުޅެން މެސީ ތައްޔާރު
ހުސެއިން ހަބީބް
ހުސެއިން ހަބީބް

14 ޖެނުއަރީ 2025

ލިއޮނެލް މެސީއާ އެކު ކުރިން އާޖެންޓީނާ އާއި ބާސެލޯނާގެ ގައުމީ ޓީމަށް ކުޅުނު ހާވިއޭ މެޝެރޯނާގެ ކޯޗުކަމުގެދަށުން މަސައްކަތް ކުރަން މެސީ ފުރަތަމަ ފަހަރަށް ޕްރެކްޓިހަށް ނުކުމެއްޖެ އެވެ.

ބާސެލޯނާގެ ތާރީހުގައި އެ ކްލަބުން ހޯދި އެންމެ ބޮޑެތި ކާމިޔާބުތައް ހޯދި އިރު އެ ކާމިޔާބުތަކުގައި އެންމެ ބޮޑު ހިއްސާއެއްވި ކުޅުންތެރިންގެ ތެރޭގައި މެސީ އާއި މެޝެރާނޯ ހިމެނެ އެވެ.

އެމެރިކާގެ އާ ފުޓްބޯޅަ ސީޒަނަށް އިންޓަ މަޔާމީން ގެންނަ އެންމެ ބޮޑު ބަދަލަކީ ކޯޗުގެ ބަދަލު ކުރުމެވެ.

މަޝެރާނޯގެ ކުރިން މަޔާމީ އަށް ކޯޗުކޮށް ދިނީ ޓާޓާ މާޓިނޯ އެވެ. އޭނާ ވަނީ ބާސެލޯނާ އަދި އާޖެންޓީނާގެ ގައުމީ ޓީމުގައި މެސީ އާއި މެޝެރާނޯ އަށް އިރުޝާދު ދީފަ އެވެ.

މަޝެރާނޯގެ ކޯޗުކަމުގެދަށުން މަޔާމީން ޕްރެކްޓިސް ފެށީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ޓީމުގެ ޕްރެކްޓިހާ މެސީ ގުޅުނީ އިއްޔެ އެވެ.

"އަހަރެން ވަރަށް ހިތްހަމަޖެހޭ އެ ކުޅުންތެރިން ޗުއްޓި އަށް ފަހު އެނބުރި އައިރު ތިބި ގޮތާމެދު. އަހަރެމެންނަށް އެނގޭ އެހާ ދުވަހު ޕްރެކްޓިހާ ދުރުގައި ތިބެފަ އެންބުރި އަންނަ އިރު ފަސޭހަ ނުވާނެކަން. އެއާގުޅިގެން ކޮންމެ ކުޅުންތެރިޔަކު ވެސް ކުރާނެ އެ ކުޅުންތެރިޔަކާ ގުޅޭ ހާއްސަ ތަމްރީނުތަކެއް،" މަޝެރާނޯ ބުންޏެވެ.

"އެ ކުޅުންތެރިންގެ ހާލަތާ ގުޅޭ ގޮތުން. ޓީމެއްގެ ގޮތުގައި އަލުން މަސައްކަތް ކުރަން ވިސްނާއިރު ޗުއްޓިން އެނބުރި އައީ ވަރަށް ރަނގަޅަށް. އޭގެ ސަބަބުން އިތުރު ކަންކަމަށް ޑިމާންޑްކޮށް އަހަންނަށް ފުރަތަމަ ދުވަހު ވެސް ޕްރެކްޓިސް ކުރެވުނު."

މިދިޔަ އަހަރުގެ އޮލިމްޕިކް ގޭމްސްގެ ފުޓްބޯޅަ އިވެންޓްގައި އާޖެންޓީނާގެ 23 އަހަރުންދަށުގެ ގައުމީ ޓީމުގެ ކޯޗުގެ ގޮތުގައި މަސައްކަތް ކުރީ މަޝެރާނޯ އެވެ. އެ އުމުރުފުރާ އަށް ވުރެ ދޮށީ ތިން ކުޅުންތެރިން ޓީމުގައި ޖެހުމުގެ ހުއްދަ އޮންނާތީ، އެ ޖާގައިގައި މެސީ އޮލިމްޕިކް ޓީމަށް ނަގަން މަޝެރާނޯ މަސައްކަތް ކުރި އެވެ.

އެކަމަކު އެ ޓީމުގައި ބައިވެރި ނުވާން އުމުރުން 37 އަހަރުގެ މެސީ ނިންމީ ފ، ކޮޕާ އެމެރިކާ އަށް ފަހު އަރާމުކުރަން ވަގުތު ހޭދަ ކުރުމުގެ ގޮތުންނެވެ.

މިވަގުތު އެމެރިކާގެ ގައުމީ ޓީމުން ތަމްރީނު ހަދަމުން އަންނަނީ މަޔާމީގެ ޓްރޭނިން ސެންޓަރުގަ އެވެ. އިއްޔެ ޕްރެކްޓިހަށް ފަހު މަޝެރާނޯ އާއި މެސީ ވަނީ އެމެރިކާގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓިނޯއާ ބައްދަލު ކުރާނެކަމަށް ބެލެވެ އެވެ.