Roadha Mihaaru
މާޝިއަލްއަށް އަނިޔާވެ، އެފްއޭ ކަޕް ފައިނަލް ގެއްލިއްޖެ

އަނިޔާ ވެގެން މާޝިއަލް އަށް އެފްއޭ ކަޕް ފައިނަލުން ފުރުސަތު ގެއްލިއްޖެ

31 މެއި 2023

މެންޗެސްޓާ (މެއި 31) - މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް އެންތޮނީ މާޝިއަލް އަށް އަނިޔާވުމުން އިނގިރޭސި އެފްއޭ ކަޕުގެ ފައިނަލު މެޗު އޭނާ އަށް ގެއްލިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (މެއި 31) - މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް އެންތޮނީ މާޝިއަލް އަށް އަނިޔާވުމުން އިނގިރޭސި އެފްއޭ ކަޕުގެ ފައިނަލު މެޗު އޭނާ އަށް ގެއްލިއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހުގެ ރޭ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭ ފައިނަލު މެޗުގައި ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނީ ވާދަވެރި މެންޗެސްޓާ ސިޓީ އެވެ.

އާދިއްތަ ދުވަހު ކުޅުނު މި ސީޒަންގެ އިނގިރޭސި ލީގުގެ ފަހު މެޗުގައި ފުލަމް އަތުން 2-1 އިން މޮޅުވި މެޗުގައި ފްރާންސްގެ ފޯވާޑް މާޝިއަލް އަށް ވަނީ ހޭމްސްޓްރިންގް އަނިޔާއަކާ ކުރިމަތި ވެފަ އެވެ. އޭނާ އެ މެޗުގައި ކުޅެން އެރީ ވެސް ފަހު ވިއްސަކަށް މިނިޓަށެވެ.

ސިޓީ އަތުން ފައިނަލްގައި މޮޅު ވެވިއްޖެ ނަމަ ޔުނައިޓެޑަށް ދެ ތައްޓާ އެކު މި ސީޒަން ނިންމާލެވޭނެ އެވެ. އެޓީމުން ވަނީ ފެބްރުއަރީ މަހު ލީގް ކަޕް ކާމިޔާބު ކޮށް، ފަސް ސީޒަނަށް ފަހު ފުރަތަމަ ތަށި އުފުލާލައިފަ އެވެ. ޔުނައިޓެޑުން ވަނީ ލީގުގެ ތިންވަނައިގައި ނިންމައި އަންނަ ސީޒަނަށް ޔޫއެފާ ޗެމްޕިއަންސް ލީގުން ވެސް ފުރުސަތު ހޯދައިފަ އެވެ.

އިދިކޮޅުން ނުކުންނަ ސިޓީގެ އަމާޒަކީ ތިން ތައްޓާ އެކު ސީޒަން ނިންމާލުމެވެ. ސިޓީ އިން ލީގުގެ ޗެމްޕިއަންކަން ހޯދާފައި ވާއިރު، އެފްއޭކަޕްގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ވެސް ސިޓީ ވަނީ ޖާގަ ހޯދައިފަ އެވެ.

މީގެ ކުރިން އެއް ސީޒަނެއްގައި މި ތިން މުބާރާތް ކާމިޔާބު ކުރި އިނގިރޭސިވިލާތުގެ ހަމައެކަނި ޓީމަކީ ޔުނައިޓެޑެވެ. އެޓީމުން ވަނީ 1998/1999 ސީޒަންގައި ލެޖެންޑަރީ ކޯޗު ސާ އެލެކްސް ފާގަސަންގެ އިރުޝާދުގެ ދަށުން އިނގިރޭސި ލީގާއި އެފްއޭ ކަޕް އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ.

މާޝިއަލް އަކީ ޔުނައިޓެޑުން އެންމެ ފަހުން 2016 ވަނަ އަހަރު އެފްއޭ ކަޕް ކާމިޔާބު ކުރި އިރު ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވި މި ސީޒަންގައި އޭނާ ވަނީ ލީގުގައި ކުޅުނު 21 މެޗުން ހަ ގޯލު ޖަހައިފަ އެވެ. ފުލަމް އާ ދެކޮޅަށް ކުޅުނމުގެ ކުރިން ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އޭނާ ގޯލު ޖެހި އެވެ.

މާޝިއަލްގެ އިތުރުން ޔުނައިޓެޑްގެ އެންޓޮނީ އަށް ވެސް ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާ ވެގެން ބަދަލު ކުރަން ޖެހިފަ އެވެ. ނަމަވެސް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް ވަނީ، ފައިނަލް މެޗަށް އެންޓޮނީ ފިޓް ވާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ބުނެފަ އެވެ.