Roadha Mihaaru

ކަރަންޓް ޓްރާންސްފޯމަރަކުން ވައްކަން ކުރި މީހާގެ ވަނަވަރު އާންމުކޮށްފި

ހުޅުމާލޭ 2 ގެ ކަރަންޓް ޓްރާންސްފޯމަރަކުން ރޭ ވައްކަން ކުރި މައްސަލާގައި ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.

ޓްރާންސްފޯމަރު ވަގުގެ ވަނަވަރު އާންމުކޮށްފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

15 ޖެނުއަރީ 2025

ހުޅުމާލޭ 2 ގެ ކަރަންޓް ޓްރާންސްފޯމަރަކުން ރޭ ވައްކަން ކުރި މައްސަލާގައި ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.

ރޭ 9:30 ހާއިރު ކަރަންޓު ޓްރާންސްފޯމަރެއްގެ ތެރެއަށް ވަދެ ވައްކަން ކުރިކަން އެނގުނީ ނަރު ބުރިކޮށްލުމުން އެމްޕީއެލް ފްލެޓްތަކުން ކަރަންޓު ކެނޑުމުންނެވެ.

އެއާ އެކު އެ ސަރަހައްދުގައި ހުރި ސްޓެލްކޯގެ މުވައްޒަފަކު އެތަނަށް ދިޔައިރު ދެ ވަގުން އެތަނުގައި ތިބި ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެފައިވެ އެވެ. އަދި އެ މީހުން ހުއްޓުވަން މަސައްކަތް ކުރުމުން އެމީހުންގެ އަތުގައި އޮތް ރެންޗަކުން ޖަހައި މާރާމާރީ ހިންގި އެވެ.

އެތަނުން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، ދެވަނަ މީހާ އަދި ހައްޔަރެއް ނުކުރެ އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރީ ށ. ބިލެތްފެއްސަށް ނިސްބަތްވާ އިބްރާހިމް ޒާލިފު ކިޔާ 37 އަހަރުގެ މީހެއް ކަމަށެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މާރާމާރީގައި ސްޓެލްކޯގެ މުވައްޒަފުގެ ބޮލާއި އަނގަމަތި ފަޅައިގެން ގޮސްފައިވެ އެވެ.

ވަގުން ކަރަންޓު ޓްރާންސްފޯމަރުތަކަށް ވަދެ، ވައްކަން ކުރާ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ. ރޭ އެއީ ޖެހިޖެހިގެން އެކަން ކުރާތާ ހަތަރު ވަނަ ރެ އެެވެ.