Roadha Mihaaru
"މި ފަހަރުގެ ވޯޓަކީ އަދުލާއި އިންސާފަށް ލެވޭ ވޯޓެއް"

މި ފަހަރުގެ ވޯޓަކީ އަދުލާއި އިންސާފަށް ލެވޭ ވޯޓެއް: ޝިފާޒް

09 މާޗް 2017

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ރައްޔިތުން ނިކުމެ ވޯޓް ލާން ޖެހޭ ކަމަށާއި މިއީ އަދުލާއި އިންސާފަށް ލެވޭ ވޯޓަކަށް ކަމަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ރައްޔިތުން ނިކުމެ ވޯޓް ލާން ޖެހޭ ކަމަށާއި މިއީ އަދުލާއި އިންސާފަށް ލެވޭ ވޯޓަކަށް ކަމަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް މިރޭ ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިހާބުގައި ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅުން އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް މިރޭ ހިތަދޫގައި ބޭއްވި ޖަލްސާގައި ޝިފާޒް ވިދާޅުވީ މި ފަހަރު ކައުންސިލް އިންތިހާބުގައި ރައްޔިތުން ލާ ވޯޓަކީ ކައުންސިލްތައް ބާރުވެރި ކުރަން ލެވޭ ވޯޓެއް ކަމަށާއި ގައުމުގެ ހިމާޔަތް ކުރުމާއި ދައުލަތުގެ މާލިއްޔަތު ވެސް ހިމާޔަތް ކުރަން ލެވޭ ވޯޓެއް ކަމަށެވެ.

"އަޅުގަނޑުމެން ނިކުމެ މި ލާ ވޯޓަކީ ބާރުތައް ލާމަރުކަޒު ކުރުމަށް ލާ ވޯޓެއް. އަޅުގަނޑުމެން އެންމެން ނިކުމެ މި ލާ ވޯޓަކީ މިނިވަން މުއައްސަސާތައް ހަރުދަނާ ކުރުމަށް ލެވޭ ވޯޓެއް. މި ވޯޓަކީ ރާއްޖޭގެ ކަނޑުފަޅު ހިމާޔަތްކޮށް ދިނުމަށް ލެވޭ ވޯޓެއް،" ޝިފާޒް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ވަޒަން ހިމާޔަތް ކުރަން ދެވޭ ވޯޓެއް."

ޝިފާޒް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ރާއްޖެ އަށް ވަމުންދާ ގޮތް ރައްޔިތުންނަށް މިހާރު ވަރަށް ސާފުކޮށް ފެންނާނެ ކަމަށެވެ.

އެހެންވެ ލޯކަލް އިންތިހާބު އެމްޑީޕީ އަށް އެންމެ ބޮޑަަށް މުހިއްމުވާ އެއް ސަބަބަކީ ކޮރަޕްޝަނާއި ފަސާދައިގެ ތެރެއިން ރާއްޖޭގެ ރަށްތަކާއި ފަޅުތައް އެކީގައި ވިއްކާލަން ކުރާ މަސައްކަތް ހުއްޓުވުން ކަމަށް ވިދާޅުވި އެވެ.

"މިކަން އަޅުގަނޑުމެންނަށް ކުރެވެން އޮތީ މުޅި ރާއްޖޭގައި އަޅުގަނޑުމެންގެ ކެންޑިޑޭޓުން ކައުންސިލަރުންނަށް އިންތިހާބުކޮށްގެން،" ޝިފާޒް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ރާއްޖޭގެ މުސްތަގުބަލު ރައްކާތެރިކޮށް، މި ގައުމު އިސްލާހު ކުރެވޭނީ ހަމައެކަނި އެމްޑީޕީ އަށް ކަމަށެވެ.

"އެކަން ކުރެވޭނީ އެމްޑީޕީގެ ހިތްވަރު ރައްޔިތުންނަށް. ތިޔަ ބޭފުޅުން ނޫން ބަޔަކަށް މި ރާއްޖޭގެ ރައްޔިތުންނެއް ބާރުވެރިކަމާ އެކީގައި ރައްޔިތުންގެ ސީދާ ވެރިކަމެއް އޮންނަ ގޮތަކަށް ބައްޓަމެއް ނުކޮށް ދެވޭނެ،" ޝިފާޒް ވިދާޅުވި އެވެ.

އެމްޑީޕީގެ ދެކުނު ކެމްޕޭން ފެށުމަށް ހިތަދޫގައި ބޭއްވި ޖަލްސާގައި -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ދެކުނު ކެމްޕޭން ފެށުމަށް ހިތަދޫގައި ބޭއްވި ޖަލްސާގައި -- ފޮޓޯ: އެމްޑީޕީ

އޭނާ ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓް ދީގެން، ކައުންސިލްތަކަށް އިންތިހާބު ކުރަން ޖެހޭ އެއްވެސް ސަބަބެއް ބޭނުމެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން ލާމަރުކަޒީ ނިޒާމް ފުނޑާލައިފައިވާ ކަމަށް ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ މި އަނިޔާވެރި ސަރުކާރުން ވަނީ ލާމަރުކަޒީ ގާނޫނަށް އެކިއެކި ނޭދެވޭ ބަދަލުތައް ގެނެސް ކައުންސިލްތަކުގެ ބާރު ނެތިކޮށްލާފައި. ހަމައެއާ އެކު އެ ގާނޫނަށް ބަދަލު ގެނެސްގެން ކައުންސިލަރުންގެ އަދަދު ވަނީ މަދުކޮށްފައި،" ޝިފާޒް ވިދާޅުވި އެވެ. "ހަމަ އެ ގާނޫނަށް ބަދަލު ގެނެސްގެން މުސާރަ އަށް އެތައް ބައެއް އުނިކޮށްފައި ވަނީ. އެކަމަކު ނިކުމެވަޑައިގެން މިއަދު އެ ވިދާޅުވަނީ ތިމަން މަނިކުފާނުގެ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓް ދެއްވާށޭ."

ޝިފާޒް ވިދާޅުވީ ކައުންސިލް އިންތިހާބުގައި ސަރުކާރު ބޮޑުތަނުން ބަލި ކުރާނެ ކަމަށާއި އެމްޑީޕީއަކީ އިންތިހާބުތަކުގައި ނަތީޖާ ނެރެން ދަންނަ ޕާޓީއެއްކަން މި ފަހަރު ވެސް ސާބިތުކޮށް ދޭނެ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ މިރޭ ފެށިގެން މިދިޔަ ކައުންސިލް އިންތިހާބުގެ ކެމްޕޭނާ އެކު ފ. އަތޮޅު ވިއްކާލަން ސަރުކާރުން ހިންގާ ޖަރީމާއާ ދެކޮޅަށް ޕެޓިޝަން ހެދުމާއި މުޒާހަރާތައް ވެސް ފެށުނީ ކަމަށެވެ.