Roadha Mihaaru
ނަތީޖާ ބަދަލެއް ނުކުރެވޭނެ، ފާރަވެރިވާނަން: ޝިފާޒް

ކިތަންމެ މަސައްކަތެއް ކުރިއަސް ނަތީޖާ ދެނެއް ބަދަލެއް ނުކުރެވޭނެ، ފާރަވެރިވާނަން: ޝިފާޒް

08 މެއި 2017

ހޮނިހިރުދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ ބަދަލުކުރަން ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރިއަސް ދެން ބަދަލު ނުވާނެ ކަމަށާއި ވަގުތީ ޖުމްލަ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރަންދެން ފާރަވެރިވާނެ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް މިރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހޮނިހިރުދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ ބަދަލުކުރަން ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރިއަސް ދެން ބަދަލު ނުވާނެ ކަމަށާއި ވަގުތީ ޖުމްލަ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރަންދެން ފާރަވެރިވާނެ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް މިރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި ބޭއްވި ޖަލްސާގައި ޝިފާޒް ވަނީ، އިންތިހާބުގެ ނަތީޖާއާ "ކުޅެން" މަސައްކަތްތަކެއް ކުރާ ކަމަށް ތުހުމަތުކުރައްވައިފަ އެވެ. އިލެކްޝަންސް ކޮމިޝަނަށް މަޖުބޫރުވެވަޑައިގެން ނަތީޖާ ބަދަލުކުރަން އުޅުނަސް ވަގުތީ ނަތީޖާ އެ އޮތީ ހާމައަށް ފެންނަން ކަމަށާއި އެއްވެސް އޮޅުވާލުމެއް އޮތްތޯ އިދިކޮޅު ފަރާތްތަކުން ބަލާނެ ކަމަށް ވިދާޅުވި އެވެ.

"ކޮންމެވެސް ގޮތެއް ހަދައިގެން ނަތީޖާ ބަދަލު ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު އަޅުގަނޑުމެންނަށް ދަނީ ލިބެމުން. އެކަމަކު ކިތަންމެ މަސައްކަތެއް ކުރިއަސް ދެނެއް ބަދަލެއް ނުކުރެވޭނެ،" ޝިފާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުން މިވަނީ ސަރުކާރު ބަލައިނުގަންނަ ކަން ވޯޓު ފޮށިން ސާފުކޮށްދީފަ އެވެ. އެއީ ސަބަބުތަކެއް ހުރެގެން ކަމަށާއި އެންމެ ބޮޑު ސަބަބަކީ ސިޔާސީ ލީޑަރުން ބަންދުކޮށްގެން ގެންގުޅުން ކަމަށް ވެސް ވިދާޅުވި އެވެ.

މިސާލެއް ނަންގަވަމުން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބަންދުކޮށްގެން އިންތިހާބު ބޭއްވުމުން ދެން ވާނެ ގޮތް ރައީސް އަބްދުﷲ ޔާމީނަށް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށެވެ. އިންތިހާބުގެ ނަތީޖާ އިން ރައީސް ޔާމީނަށް ވިސްނިވަޑައިގަންނަވަން ޖެހޭ އެއް ކަމަކީ، ޝިފާޒް ވިދާޅުވި ގޮތުގައި، ސިޔާސީ ލީޑަރުން ވަގުތުން މިނިވަންކުރަން ރައްޔިތުން އެދޭ ކަމެވެ.

"ރައްޔިތުންނަށް ހެވެއް ލާބައެއް އެދޭނަމަ، މިހާރުން މިހާރަށް ސިޔާސީ ލީޑަރުން ދޫކޮށްލަން އަޅުގަނޑު އަނެއްކާވެސް އިލްތިމާސް ދަންނަވަން،" ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވި ގޮތުގައި މި ނަތީޖާ އެކު ގައުމުގެ ކަންކަން މަޖިލީހުގެ ތެރެއިން އިސްލާހުކުރަން އިދިކޮޅު ފަރާތްތަކުން އަނެއްކާވެސް މަސައްކަތް ފަށާނެ އެވެ.

ވާދަވެރި މި އިންތިހާބުގައި، މިހާތަނަށް އާއްމުކޮށްފައިވާ ނަތީޖާތަކުން ދައްކާ ގޮތުގައި ކައުންސިލްތަކުގެ މެޖޯރިޓީ ނެގީ އިދިކޮޅު އެމްޑީޕީންނެވެ. ބައެއް މީޑިއާތަކާއި އޮބްޒާވަރުންނާއި މޮނިޓަރުންގެ ނަތީޖާތަކަށް ބަލައި ތައްޔާރުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި، ތިން ސިޓީ ކައުންސިލްގެ ސާފު އަޣުލަބިއްޔަތު އޮތީ އެމްޑީޕީ އަށެވެ. އެއީ މާލޭ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން 12 ގޮނޑި އާއި އައްޑޫ ސިޓީ ކައުންސިލްގެ ހަތް ގޮނޑި އާއި ފުވައްމުލަކު ސިޓީ ކައުންސިލްގެ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި އެވެ.

އެއާ އެކު، އާބާދީ ބޮޑެތި ކައުންސިލްތަކުގެ މެޖޯރިޓީ ވެސް ލިބުނީ އެމްޑީޕީ އަށެވެ. އިދިކޮޅު އެމްޑީޕީން ބުނެފައިވާ ގޮތުގައި އެތައް ފިއްތުންތަކާއި ބިރުދެއްކުންތަކާ އެކު ވެސް އިންތިހާބުގެ ސާފު އަޣުލަބިއްޔަތު އެ ޕާޓީ އާއި އިދިކޮޅު އިއްތިހާދަށް ވަނީ ލިބިފަ އެވެ. އެކަމަކު ޕީޕީއެމުން ބުނަނީ، އިންތިހާބުގެ މެޖޯރިޓީ ލިބުނީ އެ ޕާޓީ އަށް ކަމަށެވެ.