Roadha Mihaaru

ޣައްޒާ އެއްބަސްވުމަށް އަމަލުކުރަން ފަށައި، ރަހީނުކޮށްފައިވާ ތިން މީހަކު މިނިވަންކޮށް، އެހީ ވައްދަން ފަށައިފި

ޣައްޒާގައި ހަމަލާތައް ހުއްޓާލުމަށް ވި އެއްބަސްވުމަށް އަމަލުކުރަން ފަށައި، ހަމާސް ޖަމާއަތުން ރަހީނުކޮށްފައިވާ މީހުންގެ ތެރެއިން ތިން މީހަކު މިރޭ މިނިވަންކޮށްފި އެވެ.

ޣައްޒާ އެއްބަސްވުމަށް އަމަލުކުރަން ފަށައިފި

ޣައްޒާގައި ހަމަލާތައް ހުއްޓާލުމަށް ވި އެއްބަސްވުމަށް އަމަލުކުރަން ފަށައި، ހަމާސް ޖަމާއަތުން ރަހީނުކޮށްފައިވާ މީހުންގެ ތެރެއިން ތިން މީހަކު މިރޭ މިނިވަންކޮށްފި އެވެ.

މި އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ހަމާސް އިން 15 މަސް ދުވަސް ވަންދެން ރަހީނުކޮށްފައިވާ 33 މީހަކު މިނިވަންކުރަން ވަނީ ހަމަޖެހިފަ އެވެ.

މިގޮތުން، އޭގެތެރެއިން ތިން އަންހެނަކު މިނިވަންކޮށް، މީގެ ކުޑައިރުކޮޅެއް ކުރިން އިޒްރޭލާ ވަނީ ހަވާލުކޮށްފަ އެވެ. މިނިވަންކުރި މީހުން، އިޒްރޭލުގެ ދެކުނުގައި އޮންނަ ރެއިމް އަސްކަރީ މަރުކަޒަށް މިހާރު ގެންގޮސްފައިވާ ކަމަށް އިޒްރޭލުގެ ސަރުކާރުން ބުންޏެވެ.

މިނިވަންކުރި މީހުން، އެ މަރުކަޒުގައި ޖަމާވެ، ދަނީ އުފާފާޅުކުރަމުންނެވެ.

އިޒްރޭލުގެ ވެރިރަށް ތެލްއަވީވްގައި ވެސް އާންމުންގެ އެތައް ބަޔަކު ޖަމާވެ، ރަހީނުން މިނިވަންކުރުމުގެ އުފާފާޅުކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުންޏެވެ.

ޣައްޒާގެ ސުލްހައިގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާ އެކު ހަމާސްއިން ރަހީނުކޮށްފައިވާ ތިން މީހަކު މިނިވަންކުރުމާ އެކު އިޒްރޭލުގައި އާންމުން އެއްވެ އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ

ޣައްޒާގެ ސުލްހައިގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާ އެކު ހަމާސްއިން ރަހީނުކޮށްފައިވާ ތިން މީހަކު މިނިވަންކުރުމާ އެކު އިޒްރޭލުގައި އާންމުން އެއްވެ އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ

މި އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގައި އިޒްރޭލުގެ 33 ރަހީނުންގެ ބަދަލުގައި ފަލަސްތީނުގެ 1،890 އަށް ވުރެ ގިނަ ގައިދީން ދޫކޮށްލަން ނިންމާފައިވާ ކަމަށް މިސްރުން ވަނީ ބުނެފަ އެވެ.

އޭގެތެރެއިން ބަޔަކު، މިރޭގެ ވަގުތެއްގައި އިޒްރޭލުން މިނިވަންކުރަން ވަނީ ހަމަޖެހިފަ އެވެ. މިގޮތުން، މިރޭ 90 ގައިދީން މިނިވަންކުރާނެ އެވެ. ހަމާސްއިން ވަނީ ޖަލު ކައިރިއަށް ފަލަސްތީނުގެ އާންމުން ޖަމާނުވުމަށް އެދިފަ އެވެ.

ރަހީނުން މިނިވަންކުރުމަށްފަހު، ހަމާސް އިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، މި އެއްބަސްވުމަށް އެ ޖަމާއަތުން ފުރިހަމައަށް އިހްތިރާމް ކުރާނެ ކަމަށް ބުނެފަ އެވެ. އަދި އެއްބަސްވުމާ ހިލާފަށް އެއްވެސް އަމަލެއް ނުހިންގުމަށް ހަމާސް އިން ވަނީ އިޒްރޭލަށް ގޮވާލައިފަ އެވެ.

ރަހީނުން މިނިވަންކުރުމާ އެކު، އިޒްރޭލުން ވަނީ ޣައްޒާއަށް އެހީ ވައްދަން އޮތް މަގުތައް ހުޅުވާލައިފަ އެވެ. އެއާ އެކު، ކާބޯތަކެއްޗާއި ބޭސް ފަދަ އަސާސީ ތަކެތި ހިފައިގެން، ގިނަ އަދަދެއްގެ ޓްރަކުތައް ރަފާހް ބޯޑަރު ހުރަސްކޮށް، ޣައްޒާއަށް ދަނީ ވަންނަމުންނެވެ.

ޣައްޒާގެ ސުލްހައިގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާ އެކު ޣައްޒާއަށް އެހީ ވައްދަނީ. --ފޮޓޯ: އޭއެފްޕީ

ޣައްޒާގެ ސުލްހައިގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާ އެކު ޣައްޒާއަށް އެހީ ވައްދަނީ. --ފޮޓޯ: އޭއެފްޕީ

އޮކްޓޫބަރު 7، 2023 ގައި ހަމާސްއިން އިޒްރޭލަށް ދިން ހަމަލާގައި ރަހީނުކުރި 251 މީހުންގެ ތެރެއިން 94 މީހުން އަދިވެސް ތިބީ ޣައްޒާގައި ކަމަށާއި އޭގެ ތެރެއިން 34 މީހުން މަރުވެފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެ އެވެ. މިރެއިން ފެށިގެން ހަމަލާތައް ހުއްޓާލަން އެއްބަސްވެފައި ވާއިރު 15 މަސް ދުވަހުގެ ހަމަލާތަކުގައި 50،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، ޣައްޒާ އޮތީ ބިމާ ހަމަވެފަ އެވެ.

މި އެއްބަސްވުމަށް އަމަލުކުރަން ފަށާފައިމިވަނީ، އިޒްރޭލަށް އެންމެ ބޮޑަށް ވާގިދޭ އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ޑޮނަލްޑް ޓްރަމްޕް މިރޭގެ ވަގުތެއްގައި ހުވާކުރައްވަން ތައްޔާރުވެފައިވަނިކޮށެވެ.