Roadha Mihaaru
ޣައްޒާގެ ސުލްހައިގެ އާ ޕްލޭނެއް ހުށަހަޅައިފި

"ހަނގުރާމަ ނިންމާ ވަގުތު ޖެހިއްޖެ،" ޣައްޒާގެ ސުލްހައިގެ އާ ޕްލޭނެއް ބައިޑަން ހުށަހަޅުއްވައިފި

01 ޖޫން 2024

ފަލަސްތީނުގެ ޣައްޒާގައި ދާއިމީ ސުލްހަ ގާއިމުކުރުމަށް އިޒްރޭލުން ކުއްލި ގޮތަކަށް ހުށަހަޅާފައިވާ ޕްލޭން ގަބޫލުކޮށް، ހަނގުރާމަ ނިންމުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ހަމާސް އަށް ގޮވާލައްވައިފި އެވެ.

ފަލަސްތީނުގެ ޣައްޒާގައި ދާއިމީ ސުލްހަ ގާއިމުކުރުމަށް އިޒްރޭލުން ކުއްލި ގޮތަކަށް ހުށަހަޅާފައިވާ ޕްލޭން ގަބޫލުކޮށް، ހަނގުރާމަ ނިންމުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ހަމާސް އަށް ގޮވާލައްވައިފި އެވެ.

އިޒްރޭލުގެ ފަރާތުން ހުށަހެޅި އާ ޕްލޭންގެ ތަފުސީލް ދެއްވަމުން ބައިޑަން ވިދާޅުވި ގޮތުގައި އަލަށް ހުށަހަޅާފައިވާ ޕްލޭން ވަނީ ތިން ފިޔަވަސަކަށް ބަހާލައިފަ އެވެ.

ޕްލޭންގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ހަ ހަފުތާ އަށް ހަމަލާތައް ބަދަލުކުރުން ހުއްޓާލުމާ އެކު، ޣައްޒާގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުން އިޒްރޭލު ސިފައިން ފައިބާނެ އެވެ. ރަހީނުން މިނިވަން ކުރުމާއި ގައިދީން ބަދަލުކުރުން ވެސް އެ ފިޔަވަހީގައި ވަނީ ހިމަނައިފަ އެވެ.

ހަމަލާތައް ހުއްޓާލާފައި އޮންނަ މުއްދަތުގައި، ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދުވާލަކު 600 ޓްރަކު ވެއްދުމުގެ ފުރުސަތު ދޭނެ އެވެ.

"ހަނގުރާމަ ނިންމާ ވަގުތު ޖެހިއްޖެ، އަދި އާ ދުވަހަކަށް އަލިވިލެން ޖެހޭ،" ވައިޓް ހައުސްގައި ޓީވީ މެދުވެރިކޮށް ސުލްހައިގެ އާ ޕްލޭން އިއުލާނުކުރައްވަމުން ބައިޑަން ވިދާޅުވި އެވެ.

އަންނަ ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކުރިން ފަލަސްތީނުގައި ސުލްހަ ގާއިމުކުރުމަށް ބައިޑަން އަށް ވެސް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.

ބައިޑަން ވަނީ މި ޕްލޭން ހަމާސްއިން ބަލައިގަތުމަށް ގޮވާލައްވައިފަ އެވެ. މި ދަނޑިވަޅުގެ ބޭނުން ހިފައި، ސުލްހަ ގާއިމުކުރުމުގެ މި ފުރުސަތު ދޫކޮށްނުލުމަށް އިޒްރޭލުގެ ލީޑަރުންނަށް ވެސް ބައިޑަން ގޮވައިލެއްވި އެވެ.

މި އާ ޕްލޭންގެ ދެ ވަނަ ފިޔަވަހީގައި ހިމެނެނީ ހުރިހާ ރަހީނުންނާއި ދެ ފަރާތުން ވެސް ހައްޔަރުކޮށްފައިވާ އަސްކަރީ މީހުން މިނިވަން ކުރުމެވެ. އެ މުއްދަތުގައި ސުލްހަ ގާއިމުކޮށްފައި ބާއްވައިފި ނަމަ، ދާއިމީކޮށް ހަމަލާތައް ހުއްޓައިލުން ދެ ވަނަ ފިޔަވަހީގައި ހިމެނެ އެވެ.

ތިން ވަނަ ފިޔަވަހީގައި ބައިނަލްއަގުވާމީ ބައިވެރިވުމާ އެކު، ޣައްޒާގައި ގެދޮރާއި ސްކޫލްތަކާއި ހޮސްޕިޓަލުތައް އަލުން ބިނާކުރުން ވަނީ ހިމަނައިފަ އެވެ.

މި ޕްލޭން ބަލައިގަނެ، ފަލަސްތީނުގެ މައުސޫމް ރައްޔިތުންނަށް ކުރިމަތިވެފައިވާ ނިކަމެތި ހާލަތު ނިމުމަކަށް ގެންނަން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވަނީ ދެ ފަރާތަށް ގޮވާލައްވައިފަ އެވެ.

ފަލަސްތީނުގެ ޣައްޒާގައި ސުންނާފަތިވެފައިވާ އިމާރާތެއް: އެމެރިކާ މެދުވެރިވެގެން އިޒްރޭލުން ހުށަހަޅާފައިވާ ސުލްހައިގެ އާ ޕްލޭނުގައި ޣައްޒާ އަލުން ބިނާކުރަން ވަނީ ހިމަނާފައި. --ފޮޓޯ: އޭއެފްޕީ

ފަލަސްތީނުގެ ޣައްޒާގައި ސުންނާފަތިވެފައިވާ އިމާރާތެއް: އެމެރިކާ މެދުވެރިވެގެން އިޒްރޭލުން ހުށަހަޅާފައިވާ ސުލްހައިގެ އާ ޕްލޭނުގައި ޣައްޒާ އަލުން ބިނާކުރަން ވަނީ ހިމަނާފައި. --ފޮޓޯ: އޭއެފްޕީ

އަލަށް ހުށަހަޅާފައިވާ ޕްލޭނު "ޕޮޒިޓިވް" ކަމަށް ހަމާސް އިން ވެސް ވަނީ ބުނެފަ އެވެ. އެކަމަކު އެ ޕްލޭން ގަބޫލުކުރުމާ މެދު ނިންމުމެއް ހަމާސް އިން އަދި ހާމަކޮށްފައެއް ނުވެ އެވެ.

އެކަމަކު، އިޒްރޭލުގެ ފަރާތުން ބައިޑަން ހުށަހަޅައިދެއްވި މި ޕްލޭނުގައި ޣައްޒާގެ ދެކުނުން އޮންނަ ރަފަހް ސިޓީގައި އިޒްރޭލުން މިހާރު ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަންގެ ސީދާ ވާހަކައެއް ނެތެވެ.

ކުއްލި ގޮތަކަށް އާ ޕްލޭނެއް ހާމަކޮށްފައިމިވަނީ، ހަނގުރާ ނިންމުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހު ބުނަމުންދަނިކޮށެވެ. އެހެންކަމުން، މިއީ އެމެރިކާގެ ޕްރެޝަރު ބޮޑުވެގެން، އިޒްރޭލުން އެއްބަސްވާން މަޖުބޫރުވި ހާލަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ލަފާކުރަމުންނެވެ.

ދޮޅު މިލިނަހެއްހާ ފަލަސްތީނު ރައްޔިތުން ހިމާޔަތް ހޯދަމުން އަންނަ ރަފަހް އަށް އިޒްރޭލު ސިފައިން އަރައިގަތުމުން، އިޒްރޭލަށް ދޭ ހަތިޔާރާއި އަސްކަރީ އެހީ ދިނުން ހުއްޓައިލަންޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާއިން ދެމުން އަންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ.

ފަލަސްތީނުގެ ޣައްޒާގައި ސުންނާފަތިވެފައިވާ އިމާރާތެއް: އެމެރިކާ މެދުވެރިވެގެން އިޒްރޭލުން ހުށަހަޅާފައިވާ ސުލްހައިގެ އާ ޕްލޭނުގައި ޣައްޒާ އަލުން ބިނާކުރަން ވަނީ ހިމަނާފައި. --ފޮޓޯ: އޭއެފްޕީ

ފަލަސްތީނުގެ ޣައްޒާގައި ސުންނާފަތިވެފައިވާ އިމާރާތެއް: އެމެރިކާ މެދުވެރިވެގެން އިޒްރޭލުން ހުށަހަޅާފައިވާ ސުލްހައިގެ އާ ޕްލޭނުގައި ޣައްޒާ އަލުން ބިނާކުރަން ވަނީ ހިމަނާފައި. --ފޮޓޯ: އޭއެފްޕީ

ރަފަހް އަށް ވެސް ހުއްޓުމެއް ނެތި ވައިގެ ހަމަލާތައް ދެމުންދާއިރު، މިދިޔަ ހަފްތާގައި ދިން ވައިގެ ހަމަލާއެއްގައި، އެތައް ސަތޭކަ މީހުން ވަގުތީ ހިޔާވަހިކަން ހޯދައިގެން ތިބި ޓެންޓު ކޭމްޕެއްގެ ރޯވެ، 45 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 200 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

އެ ހާދިސާއާ ގުޅިގެން ގިނަ ގައުމުތަކުން ކަންބޮޑުވުންފާޅުކޮށްފައިވާ އިރު، އިޒްރޭލަށް ވާގިވެރިވާ ގިނަ ގައުމުތަކުގެ ފިއްތުންތައް ވެސް އިޒްރޭލަށް ވަނީ ބޮޑުވެފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 35،700 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުވެފަ އެވެ.