Roadha Mihaaru
އިޒްރޭލުން ބުނީ މި އަހަރު ވެސް "ހަނގުރާމަ" ނުނިންމާނެ ކަމަށް

އިޒްރޭލުން ބުނީ މި އަހަރު ވެސް ޣައްޒާ "ހަނގުރާމަ" ނުނިންމާނެ ކަމަށް

30 މެއި 2024

ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމަ އަދި އިތުރު ހަތް މަސް ވަންދެން ކުރިއަށް ގެންދާނެ ކަމަށް އިޒްރޭލުން ލަފާކޮށްފި އެވެ.

ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމަ އަދި އިތުރު ހަތް މަސް ވަންދެން ކުރިއަށް ގެންދާނެ ކަމަށް އިޒްރޭލުން ލަފާކޮށްފި އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 35،700 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުވެފަ އެވެ.

ހަމާސްގެ އިސް ލީޑަރުން ފިލާ ތިބި ކަމަށް ބުނެ، އިޒްރޭލުން ދަނީ ދޮޅު މިލިނައެއްހާ ފަލަސްތީނުގެ ރައްޔިތުން ހިމާޔަތް ހޯދައިގެން ތިބި ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހް އަށް އަރައިގަތުމުގެ އޮޕަރޭޝަން ފުޅާކުރަމުންނެވެ.

ރަފަހް އަށް ވެސް ހުއްޓުމެއް ނެތި ވައިގެ ހަމަލާތައް ދެމުންދާއިރު، މިދިޔަ ހުކުރު ދުވަހު ދިން ވައިގެ ހަމަލާއެއްގައި، އެތައް ސަތޭކަ މީހުން ވަގުތީ ހިޔާވަހިކަން ހޯދައިގެން ތިބި ޓެންޓު ކޭމްޕެއްގެ ރޯވެ، 45 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 200 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

އެ ހާދިސާއާ ގުޅިގެން ގިނަ ގައުމުތަކުން ކަންބޮޑުވުންފާޅުކޮށްފައިވާ އިރު، އިޒްރޭލަށް ވާގިވެރިވާ ގިނަ ގައުމުތަކުގެ ފިއްތުންތައް ވެސް އިޒްރޭލަށް ވަނީ ބޮޑުވެފަ އެވެ.

ރަފަހްގައި ހިންގާ އަސްކަރީ އޮޕަރޭޝަން ވަގުތުން ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ވަނީ އިޒްރޭލުގެ މައްޗަށް އަމުރެއް ވެސް ނެރެފަ އެވެ.

އެކަމަކު އޭގެ ފަހުން ވެސް އިޒްރޭލުން ވަނީ އަސްކަރީ އޮޕަރޭޝަން ފުޅާކޮށް، ރަފަހްގެ ތެރެއަށް ވަދެގަނެ، އެ ސިޓީއަށް ވަދެވެން އޮންނަ މައި މަގުތައް ހިފައިފަ އެވެ.

އެކަމުގެ ސަބަބުން ޣައްޒާ އަށް ހަތިޔާރު ވެއްދޭނެ މަގުތައް ބަންދުވެފައިވާ ކަމަށް އިޒްރޭލުގެ ނެޝަނަލް ސެކިޔުރިޓީ އެޑްވައިޒަރު ޒާކީ ހަނަޖްބީ ބުންޏެވެ.

އަދި މި "ހަނގުރާމަ" މި އަހަރުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އޭނާ ވަނީ ލަފާކޮށް، މިއީ "ބޭކާރު" ހަނގުރާމައެއް ނޫން ކަމަށް ބުނެފަ އެވެ.