Roadha Mihaaru

ލޯނު ނެގީ މުހިންމު މަޝްރޫއުތަކަށް: ފިނޭންސް މިނިސްޓްރީ

މިދިޔަ އަހަރު ސަރުކާރުން ލޯނު ނެގީ އިންޓްރެސްޓް ރޭޓު ކުޑަކޮށް، ރައްޔިތުންނަށް ފައިދާ ހުރި މުހިންމު މަޝްރޫއުތަކެއް ހިންގުމަށް ކަމަށް ފިނޭންސް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

ލޯނު ނެގީ މުހިންމު މަޝްރޫއުތަކަށް: ފިނޭންސް

މިދިޔަ އަހަރު ސަރުކާރުން ލޯނު ނެގީ އިންޓްރެސްޓް ރޭޓު ކުޑަކޮށް، ރައްޔިތުންނަށް ފައިދާ ހުރި މުހިންމު މަޝްރޫއުތަކެއް ހިންގުމަށް ކަމަށް ފިނޭންސް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

މިދިޔަ އަހަރު ސަރުކާރުން ވަނީ ޖުމުލަ ނުވަ ލޯނަކަށް 334 މިލިއަން ޑޮލަރު (5.2 ބިލިއަން ރުފިޔާ) ނަގައިފަ އެވެ.

ލޯނުތަކުގެ ބޮޑު ބައެއް ހޯދީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއުއަށް ބޭނުންވާ ފައިނޭންސިން ހަމަޖެއްސުމަށެވެ. މިދިޔަ އަހަރު ވަނީ އަތޮޅުތަކުގެ ބައެއް ހޮސްޕިޓަލްތައް އެޅުމަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސިން ވެސް ހަމަޖައްސަން ލޯނު ނަގައިފަ އެވެ. ފިނޭންސް މިނިސްޓްރީން ބުނީ، އޭގެ އެއް ފައިދާއަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވުން ކަމަށެވެ.

އެ މިނިސްޓްރީން ބުނީ، ސިއްހީ ހިދުމަތަށް ނެގި ލޯނުގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުމަށާއި އިމްޕޯޓަށް ބަރޯސާވުން ކުޑަކޮށް، އަމިއްލަ އަށް ކާބޯތަކެތި އުފެއްދުމަށް އެހީތެރިވުމަށް ވެސް ލޯނު ނެގި ކަމަށެވެ.

"ދެހާސް ސައުވީސް ވަނަ އަހަރު ނަގާފައި ހުރި ހުރިހާ ލޯނުތަކަކީ ވެސް ކޮންސެޝަނަލް އަދި ސެމީ ކޮންސެޝަނަލް ރޭޓުތަކެއްގައި ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ފަރާތްތަކުން ނަގާފައިވާ ލޯނުތައް. އެހެންކަމުން ކޮމާޝަލް ލޯނުތަކާ އަޅާ ބަލާ އިރު ރާއްޖެއަށް ލޯނު ލިބުނީ އަގުހެޔޮ ރޭޓުތަކެއްގައި،" ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ލޯނުތައް ކޮންސެޝަނަލް ރޭޓުތަކުގައި ނަގާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏަސް އެއީ ކޮން ރޭޓުތަކެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ ބޮޑު ލޯނެއް ނެގީ ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުންނެވެ. އެ އިދާރާ މެދުވެރިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ނެގި އެވެ. ދެ ވަނަ އަށް އެންމެ ބޮޑު އަދަދެއް ހޯދީ އެކްސްޕޯޓު އިމްޕޯޓު ބޭންކް އޮފް ޗައިނާ (ޗައިނާ އެގްޒިމް) ބޭންކުންނެވެ. އެ ބޭންކުން ނެގީ 75 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ގެ ލޯނެކެވެ. އެ ލޯނު ނެގީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޕްރޮޖެކްޓުގެ ރީފައިނޭންސިން އާއި އަޕްގްރޭޑު ކުރުމަށެވެ.

ތިން ވަނަ އަށް އެންމެ ބޮޑު ލޯނެއް ނެގީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) މެދުވެރިކޮށެވެ. އެ ބޭންކު މެދުވެރިކޮށް ނެގި ދެ ލޯނަށް 40 މިލިއަން ޑޮލަރު (617 މިލިއަން ރުފިޔާ) އަރަ އެވެ. އައިޑީބީން ލޯނު ނަގާފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށެވެ

ފިނޭންސް މިނިސްޓްރީން އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުން މިދިޔަ އަހަރު ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 139 ބިލިއަން ރުފިޔާގަ އެވެ. ދައުލަތުގެ ދަރަނި މި އަހަރު 150 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައި ވެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 124 ޕަސެންޓެވެ.