Roadha Mihaaru

އުނގޫފާރުގައި ޕާސްޕޯޓާއި އައިޑީކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފަށައިފި

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު، ރ. އުނގޫފާރުން ލިބޭނެ އިންތިޒާމު ސަރުކާރުން މިރޭ ހަމަޖައްސައިފި އެވެ.

އުނގޫފާރުގައި އައިޑީކާޑު ޕްރިންޓްކުރަން ފަށައިފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

21 ޖެނުއަރީ 2025

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު، ރ. އުނގޫފާރުން ލިބޭނެ އިންތިޒާމު ސަރުކާރުން މިރޭ ހަމަޖައްސައިފި އެވެ.

އެ ހިދުމަތް ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.

މާލޭ ފިޔަވައި މިހާރު ޕާސްޕޯޓުގެ ހިދުމަތް ލިބޭ ތަންތަނުގެ ތެރޭގައި ހިމެނެނީ ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގެ އިތުރުން ވިލިމާލެ އާއި ލ. ފޮނަދޫ އަދި ދ. ކުޑަހުވަދު އެވެ. އައިޑީކާޑުގެ ހިދުމަތް ފަށާފައި ވަނީ ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގެ އިތުރުން ވިލިމާލެ އާއި ހދ. ކުޅުދުއްފުށީގަ އެވެ.

އުނގޫފާރުން އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސިއިރު ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި އެ ހިދުމަތް މި އަހަރު ރާއްޖެ އަށް ފުޅާކުރާނެ އެވެ.

ސަރުކާރުން ވަނީ މުޅި ރާއްޖެ އަށް އެ ހިދުމަތްތައް ފުޅާކުރާނެގޮތުގެ މަގު ޗާޓެއް މިދިޔަ އަހަރުގެ ނޮވެމްބަރުގައި އާންމުކޮށްފަ އެވެ.

މުޅި ރާއްޖެއިން އެ ހިދުމަތް ދޭން ފަށާއިރު، މައުލޫމާތުގެ ރައްކާތެރިކަމާއި އައިޑީކާޑާއި ޕާސްޕޯޓު ފަދަ ސެކިއުއާ ޑޮކިއުމަންޓްތަކެއް ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަކީ އެންމެ ބޮޑު ގޮންޖެހުން ކަމަށް ކުރިން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވެ އެވެ.

އެހެން ސަރުކާރުތަކަށް ވެސް އެކަން ނުކުރެވި އޮތީ އެފަދަ ގޮންޖެހުންތަކާ އެކު ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމަކު ރައީސް މުއިއްޒުގެ ދުރުވިސްނުންފުޅާ އެކު، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތަށް މިނިސްޓްރީއެއް އެކުލަވާލާފައި އޮތުމުން އެ މަގު ފަހިވެފައިވާ ކަަމަށް އިހުސާން ވަނީ ވިދާޅުވެފަ އެވެ.

އައިޑީކާޑާއި ޕާސްޕޯޓުގެ އިތުރުން އުނގޫފާރުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ސޭލްސް ސެންޓަރަކާއި އޭޓީއެމް ގާއިމުކުރުމާ ގުޅޭ ގޮތުން މިރޭ ވަނީ އެ ރަށު ކައުންސިލާއި އެ ބޭންކާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ރ. އަތޮޅުގައި ވެރިކަން ކުރާ އުނގޫފާރުން މިހާރު ވެސް ބޭންކް އޮފް މޯލްޑިވްސްގެ ހިދުމަތްތައް ލިބެ އެވެ.