Roadha Mihaaru

އެސްޖޭއިން އަޅާ މިސްކިތަށް ގެނައި މުދަލުން ޑިއުޓީ މާފެއް ނުކުރޭ: މިނިސްޓަރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެސްޖޭ ކުންފުނިން އަޅަމުންދާ މިސްކިތް އިމާރާތް ކުރަން ގެނައި އެއްވެސް މުދަލަކުން ޑިއުޓީ މާފުކޮށްފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިސްކިތަށް ގެނައި މުދަލުން ޑިއުޓީއެއް ނުކަނޑާ: ޝަހީމް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެސްޖޭ ކުންފުނިން އަޅަމުންދާ މިސްކިތް އިމާރާތް ކުރަން ގެނައި އެއްވެސް މުދަލަކުން ޑިއުޓީ މާފުކޮށްފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓްތައް ކައިރީގައި އެ މިސްކިތް އިމާރާތްކުރަން އިސްލާމިކް މިނިސްޓްރީ އާއި އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ދެމެދު ސޮއިކުރީ ޖެނުއަރީ، 2022 ގަ އެވެ. އޭރު އެއްބަސްވެފައި އޮތީ މަސައްކަތް ފަށާތާ 420 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ނަމަވެސް، މިއަދާ ހަމައަށް ވެސް އެ މިސްކިތުގެ މަސައްކަތް ނިމިފައިނުވެ އެވެ. އެ މިސްކިތުގެ މަސައްކަތް ލަސްވާ ސަބަބާ ގުޅޭގޮތުން މިނިސްޓްރީން އެކި ފަހަރު ވާހަކަ ދައްކާފައިވާއިރު، މިސްކިތުގެ މަސައްކަތް ލަސްވާތީ ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މީގެ އިތުރުން އެ މިސްކިތް އަޅަން ގެންނަ މުދަލުން ޑިއުޓީ ނުނަގާތީ، އެސްޖޭ ކުންފުނިން އޭގެ ފައިދާ ނަގައި އެހެން މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށް ބުނެ ތުހުމަތުތައް ކޮށްފައިވެ އެވެ.

އެސްޖޭ ކުންފުންޏަށް އަމާޒުވާ ތުހުމަތުތައް ދޮގު ކުރައްވައި، އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ މިސްކިތުގެ މަސައްކަތް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތުމަށް ފަހު، އަލުން ފެށުނީ މި ސަރުކާރު އައިފަހުން ކަމަށެވެ.

މިނިސްޓްރީއިން ބާރު އަޅައިގެން މިސްކިތް އަވަހަށް ނިންމަން ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށާއި އަދި ހައްލު ކުރަންޖެހޭ ކަންކަން މިނިސްޓްރީން ހައްލުކޮށްދެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި މިސްކިތް އަޅަން ގެންނަ ތަކެއްޗަކީ ޑިއުޓީ ފްރީ ތަކެތިކަމުގައި ދެކެވޭ ވާހަކައަކީ ދޮގު ވާހަކައެއް. 2022 ގައި މަސައްކަތް ފެށިފަހުން މިއަދާ ހަމަ އަށް މި މިސްކިތުގެ މަސައްކަތަށް ގެނައި އެއްވެސް އެއްޗަކުން ޑިއުޓީ މާފްކޮށްފައި ނުވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

"މިސްކިތް ނިންމުމަށް ކުރެވޭ މަސައްކަތުގައި އެސްޖޭ ކުންފުނީގެ އެހީތެރިކަން ލިބެމުންދޭ."

ޑިޒައިންގައި ވާގޮތުން އެއީ 1،400 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި ކޯޓްޔާޑާ އެކު، 3،000 މީހުންގެ ޖާގަ އެ މިސްކިތުން ލިބޭނެ އެވެ.

ހުޅުމާލެ 2 ގައި އެ މިސްކިތް ހަދަނީ އެސްޖޭ ކޮންސްޓްރަކްޝަނާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ވެފައިވާ ސެޓްލްމަންޓް އެގްރިމެންޓެއްގެ ދަށުންނެވެ. އެ އެއްބަސްވުން ހެދީ މާލޭގެ ޒިކްރާ މިސްކިތް ހެދުމަށް އެސްޖޭ ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލް ކުރުމުން، އޭގެ ބަދަލުގެ ގޮތުގައި 141 މިލިއަން ރުފިޔާ ހޯދަން އެސްޖޭ ކުންފުނިން ހުށަހެޅުމުންނެވެ.

އޭގެ ފަހުން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ވަނީ ޒިކުރާ މިސްކިތް އަޅަން އެސްޖޭއަށް ދިން 30 މިލިއަން ރުފިޔާ ހޯދަން ވެސް ކޯޓަށް ހުށަހަޅައިފަ އެވެ.

ނަމަވެސް، އޭޖީ އޮފީހުުގެ ލަފައާއެކު އެ މައްސަލަ ކޯޓުން ބޭރުން އޭރު ހައްލުކުރީ، ހުޅުމާލޭގައި މިސްކިތެއް ހެދުމަށާއި އަދި އެ މިސްކިތް އިމާރާތް ކުރުމަށް 30 މިލިއަން ރުފިޔާއަށް ވުރެ އިތުރަށް ހިނގާ ހަރަދު އެސްޖޭގެ ސީއެސްއާރުގެ ދަށުން ކުރާ ގޮތަށެވެ.