Roadha Mihaaru

މިސްކިތްތަކުގައި ފަންޑު ފޮށި ބެހެއްޓުން ރެގިއުލޭޓްކުރަން ގަވާއިދެއް ހަދަނީ

މިސްކިތްތަކުގައި ބަހައްޓާ ފަންޑު ފޮށިތަކާ ގުޅޭ ކަންކަން ރެގިއުލޭޓްކުރަން ގަވާއިދެއް ހަދަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެެ.

މިސްކިތްތަކުގައި ފަންޑް ފޮށި ބެހެއްޓުމާ ގުޅޭ ގަވާއިދެއް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

02 ފެބުރުއަރީ 2025

މިސްކިތްތަކުގައި ބަހައްޓާ ފަންޑު ފޮށިތަކާ ގުޅޭ ކަންކަން ރެގިއުލޭޓްކުރަން ގަވާއިދެއް ހަދަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެެ.

މިސްކިތްތަކުގައި އެކި ކަންކަމަށް އެހީ ހޯދަން ފަންޑު ފޮށި ބަހައްޓަ އެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އެކިއެކި ޖަމާއަތްތަކުން މިސްކިތްތަކުގައި ފަންޑު ފޮށިތައް ބަހައްޓައިގެން އެކި ކަންކަމަށް ފަންޑު ހޯދަން ހުއްދައަށް އެދޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

އެހެންވެ، މިސްކިތްތައް ބޭނުންކޮށްގެން ކުރާ އެފަދަ ކަންކަން ރެގިއުލޭޓްކުރާނެ ގަވާއިދެއް ހަދަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި މިސްކިތްތަކުގައި ފަންޑް ފޮށި ބަހައްޓަން ހުއްދަ ދެވޭނީ ހޯދާ ފައިސާ ހަރަދުކުރާނެ ގޮތުގެ ތަފްސީލު ހުށަހެޅުމުންނެވެ.

އެ ގަވާއިދުގައި ހިމެނޭނެ ކަންކަމުގެ ތެރޭގައި، ހުއްދަ ތަކުރާރު ކުރެވޭނީ ހަރަދުކުރި ގޮތުގެ ތަފްސީލާއި އޮޑިޓު ރިޕޯޓު ހުށަހެޅުމުން ކަމަށް ވެސް ބަޔާންކުރާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

އެ ގަވާއިދަކީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ގަވާއިދުގެ ދަށުން ހަދަން ނިންމާފައިވާ ގަވައިދެކެވެ.

ޝަހީމް ވިދާޅުވި ގޮތުގައި މިސްކިތްތަކުގައި ބަހައްޓާ ފަންޑު ފޮއްޓަށް ލިބޭ ފައިސާ ބޭނުންކުރާ ގޮތުގެ ތަފްސީލު އެނގޭނެ ގޮތެއް އޮތުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.