ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު އަންހެން ފިލްމީ ތަރި ނިއުމާ މުހައްމަދު ހާލުގައި ޖެހިގެން އޭނާގެ ދިރިއުޅުން ރަށަކަށް ބަދަލުކޮށްފި އެވެ.
24 ޖެނުއަރީ 2025
ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު އަންހެން ފިލްމީ ތަރި ނިއުމާ މުހައްމަދު ހާލުގައި ޖެހިގެން އޭނާގެ ދިރިއުޅުން ރަށަކަށް ބަދަލުކޮށްފި އެވެ.
ފިލްމީ ދާއިރާގައި ތިރީހަކަށް އަހަރު މަސައްކަތް ކުރުމަށް ފަހު، ރިޓަޔާ ކޮށްފައިވާ ނިއުމާ އޭނާގެ ފޭސްބުކްގައި މީގެ ދުވަސްކޮޅެއް ކުރިން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އާ އަހަރު ފެށުނީ އާ އުއްމީދުތަކާއި އާ އަޒުމުތަކަކާ އެކުގައި ކަމަށެވެ. އެކަމަކު، ދުވަހަކު ވެސް ހިތަށް ނާރާ ފަދަ ގޮތަކަށް ދިރިއުޅުން މިހާރު ބަދަލުކުރަން ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.
އެންމެ ލޯބިވާ މީހުންނާ އަދި މުޅި އުމުރު ދިރިއުޅުނު މާލެއާ ދުރަށް އޭނާގެ ދިރިއުޅުން ބަދަލުކުރަން ޖެހިފައިވާ ކަމަށް ވެސް ނިއުމާ ބުންޏެވެ.
ނިއުމާ ބުނި ގޮތުގައި، ފާއިތުވި ތިން އަހަރަކީ އޭނާގެ ހަޔާތުގައި ކުރިމަތިވި އެންމެ ހިތްދަތި ތިން އަހަރެވެ. އެ ތިން އަހަރުގެ ހިތްދަތިކަމުގައި އޭނާއަށް ހަމަ ނިދި ނުލިބެ އެވެ.
"ޑިޕްރެޝަންގެ ތެރޭގައި އެތައް މަހެއް ހޭދަކުރީމެވެ. ހާލުގައި ޖެހިގެން މަގުމަތިވާ ހިސާބަށް ދިޔަ އެވެ،" ނިއުމާ ބުންޏެވެ.
ހާލުގައި ޖެހުނު ދުވަހު ލިބުނީ އިބުރަތްތެރި ފިލާވަޅެއް ކަމަށް އޭނާ ބުންޏެވެ.
މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ފިލްމީ ކެރިއަރަށް 25 އަހަރު ފާހަގަކުރަން 2019 ގައި ހޮޓެލް ޖެންގައި ބޭއްވި ހަފުލާގައި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ފިލްމީ ތަރި ނިއުމާ އާއި އޭނާގެ ދަރިފުޅު ޒޯޔާ ފޮޓޯއަކަށް ހުއްޓިގެން.-- ފޮޓޯ: ރައީސް އޮފީސް
ނިއުމާ ބުނީ އޭނާ ހާލުގައި ޖެހުނު ދުވަހު އަތުގައި ހިފައި، މަގު ދައްކައިދިނީ އޭނާގެ ކޮއްކޮގެ ދެމަފިރިންނާއި އާއިލާގެ މަދު ބައެއް ކަމަށެވެ. އަދި ހާލު ބަލައި، އެހީގެ އަތެއް ދިއްކޮށްލީ ވެސް މަދު ރައްޓެއްސަކު ކަމަށް ލިޔެފައިވެ އެވެ.
ނިއުމާ ބުނި ގޮތުގައި، މިއީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅުގެ ސްކޫލުގެ އެންމެފަހު އަހަރު ކަމަށް ވާތީ، ކޮންމެ ހާލެއްގައި ވެސް ކެތްތެރިކަން އިސްކުރީ އެވެ.
ކުރިން ތިން ކައިވެންޏެއް ކޮށްފައިވާ ނިއުމާ އެ ދަރިފުޅު ބަލަނީ އެކަނިމާއެކަނި، މާބޮޑު އެހީތެރިކަމެއް ނުލިބިކަން އޭނާގެ ސޯޝަލް މީޑިއާގެ ޕޯސްޓްތަކުން ދޭހަވެ އެވެ.
"މުޅިން އާ ތާކަށް ދިރިއުޅުން ބަދަލުކޮށްލީ ހަމައެކަނި މަގޭ ފުރާނަ ފަދަ ލޯބިވާ ދަރިފުޅަށްޓަކަ އެވެ،" އެއީ ކޮން ތަނެއްކަން ހާމަނުކޮށް ނިއުމާ ބުންޏެވެ.
ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ މަޝްހޫރު އެއް ބަތަލު ނިއުމާ މުހައްމަދު. މިހާރު ފައިލް ފޮޓޯ
ގިނަ އަދަދެއްގެ ޑްރާމާތަކާއި ފިލްމުތަކުގެ އިތުރުން ލަވަތައް ކުޅެފައިވާ ނިއުމާ ބުނީ މިދިޔަ ތިން އަހަރު މަންމައެއްގެ ހައިސިއްޔަތުން ފެއިލްވި ކިތަންމެ ފަހަރެއް ދިޔަ ކަމަށެވެ. އެކަމަކު، ވެސް އުއްމީދުގެ ހުޅުކޮޅު ނިވުނަނުދީ ސިއްރުސިއްރުން ރޮއެ، ހިތާމަކޮށް ދަރިފުޅުގެ ކިބައިން މާފަށް އެދުނު ކަމަށް ބުންޏެވެ.
"މަށަށް މި ހާލު ޖެއްސި އެއްވެސް މީހަކާ ދޭތެރޭ އެއްވެސް ޝަކުވާއެއް ނެތެވެ. މާފު ވެސް ދީފީމެވެ. މި ވެސް ދަސްވި މުހިންމު ފިލާވަޅެކެވެ. މީ މިވަގުތަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކޮށް ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް އަޒުމު ކަނޑައަޅައިފީމެވެ،" ނިއުމާ ބުންޏެވެ.
ގދ. ވާދު އަށް އުފަން ނިއުމާއަކީ އެންމެ ކުރިއްސުރެ މާލޭގައި ދިރިއުޅެމުން އައި ތަރިއެކެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި ހާލުގައި ޖެހިގެން ވެސް އޭނާ ދިރިއުޅުން ބަދަލުކުރީ ވާދޫއަކަށް ނޫނެވެ.
ނިއުމާގެ ދިރިއުޅުމަށް ގެނައި މި ބޮޑު ބަދަލާ ގުޅޭ ގޮތުން އޭނާގެ ބަހެއް ހޯދަން "މިހާރު" އިން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.
ނިއުމާ އެންމެ ފަހުން ޕްރޮޑިއުސްކުރި ފިލްމަކީ މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ޕްރިމިއާ ކުރި "ކަޅަކި" އެވެ. ނިއުމާ ކުޅުނު އޭނާގެ އެންމެ ފަހު ފިލްމަކީ "ނިވައިރޯޅި" އެވެ. އެ ފިލްމު ނެރުނީ 2019 ގަ އެވެ. އެ ފިލްމަށް ފަހު އެކްޓުކުރުމުގެ ރިޓަޔާކޮށް، ކެމެރާގެ ފުރަގަހުގައި މަސައްކަތްކުރަން ފެށީ އެވެ.
ނިއުމާ ކުޅެފައިވާ އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ފަތިސް ހަނދުވަރު" އާއި 1998 ވަނަ އަހަރު ނިކުތް ޑައިރެކްޓަރު އީސާ ޝަރީފްގެ "ފަތިސް ހަނދުވަރު" އާއި 2003 ވަނަ އަހަރު ނިކުތް "ގިނި ހިލަ" 2004 ވަނަ އަހަރު ނިކުތް ޑައިރެކްޓަރު ފާތިމަތު ނަހުލާގެ "ކަލާޔާނުލާ" ހިމެނެ އެވެ. "ދަރިންނަށްޓަކައި" އާއި "ޔޫސުފް" ފަދަ މަޝްހޫރު އެތައް ފިލްމެއް އޭނާ ކުޅުނެވެ.
އެ ވަރުގެ ކާމިޔާބު އެކްޓްރެސްއެއް ދިވެހި ސިނަމާއަށް އަދި ނާދެ އެވެ. އެވަރުގެ މަޝްހޫރު ކަމެއް ލިބުނު ތަރިއަކު ވެސް އަދި ނެތެވެ.
ނިއުމާއަކީ ފިލްމީ ދާއިރާއިން ގިނަ އެވޯޑުތަކެއް ވެސް ހޯދާފައިވާ ތަރިއެކެވެ. ނިއުމާގެ ނަމުން ނަން ދީގެން އޭނާ ޑައިރެކްޓްކުރި އަދި ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ "ނިއުމާ" އިން އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ވެސް އޭނާއަށް ލިބުނެވެ.
ނިއުމާގެ ބިރުވެރި ފިލްމު "ކަޅަކި" ޕްރިމިއާކޮށްފި
އީސަގެ ޑައިރެކްޝަނުން ފަސް ހޮވުމެއް
އެންމެ ރީތީ ނަހުލާގެ ކޮން ފިލްމެއް؟
"ތިއޭ މި ހިތުގެ ވިންދަކީ" ބައިސްކޯފުން
ފަންނާނުންގެ ފަރާތުން ފުލުހުންނަށް ޕީޕީއީ
ދިވެހި ސިލްސިލާތައް؛ އެންމެ ކަމުދިޔައީ ކޮންއެއްޗެއް؟
އެންމެ ޑައިރެކްޝަނެއް، އެކަމަކު އަދިވެސް އުންމީދުކުރެވޭ
އެންމެ ބިރުވެރި ދިވެހި ފިލްމަކީ ކޮބާ؟
"ކަޅަކި" ގެ ޓީޒާއެއް ދައްކާލައިފި
ނިއުމާގެ "ކަޅަކި" ގެ ހުރިހާ މަންޒަރެއް ލަންކާގާއި