Roadha Mihaaru
އެންމެ ރީތީ ނަހުލާގެ ކޮން ފިލްމެއް؟

އެންމެ ރީތީ ނަހުލާގެ ކޮން ފިލްމެއް؟

25 ޖުލައި 2021

ދިވެހި ފިލްމީ ދާއިރާގެ އެންމެ ނުފޫޒު ގަދަ އެކަކަީ ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތު ނަހުލާ އެވެ. އޭނާ މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ގެނެސް ދީފައިވެ އެވެ. އޭގެ ތެރޭގައި އަމިއްލަ އަށް ޑައިރެކްޓްކުރި ފިލްމުތަކާއި ޕްރޮޑިއުސްކުރި ފިލްމުތައް ވެސް ހިމެނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދިވެހި ފިލްމީ ދާއިރާގެ އެންމެ ނުފޫޒު ގަދަ އެކަކަީ ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތު ނަހުލާ އެވެ. އޭނާ މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ގެނެސް ދީފައިވެ އެވެ. އޭގެ ތެރޭގައި އަމިއްލަ އަށް ޑައިރެކްޓްކުރި ފިލްމުތަކާއި ޕްރޮޑިއުސްކުރި ފިލްމުތައް ވެސް ހިމެނެ އެވެ.

ނަހުލާ އަކީ އަބަދު ވެސް އޭނާގެ އަމިއްލަ ވާހަކަތަކަށް ފިލްމުތައް ހަދާ މީހެކެވެ. އާންމުންގެ ތެރޭގައި އޭނާ ފުރަތަމަ މަޝްހޫރުވީ ވެސް ވާހަކަ ލިޔުންތެރިއެއްގެ ގޮތުގަ އެވެ. އޭގެ ފަހުން ފިލްމީ މަސައްކަތްތަކަށް ނުކުމެ އޭނާ ގެނެސްދިން ކޮންމެ ފިލްމަކީ ވެސް ދިވެހި ސިނަމާގައި އެންމެ ހިނގި ފިލްމުތަކުގެ ތެރޭގައި ގުނައިލެވޭ ފިލްމުތަކެވެ.

ނަހުލާގެ އާ އުފެއްދުމެއްގެ ވާހަކައެއް މި ވަގުތަކު ނީވެ އެވެ. އެހެންވެ މި ފަ ފަހަރު ހަނދާން އާކޮށްލަން ބޭނުން ވަނީ ނަހުލާ ޑައިރެކްޓްކޮށް ގެނެސްދިން ފިލްމުތަކެވެ. އެ ފިލްމުތައް ރޭޓްކުރަން ދޫކޮށްލާނީ ކިޔުންތެރިންނަށެވެ.

1. ފަހުނޭވާ

ނަހުލާ 1998 ގައި ގެނެސްދިން "ފަހުނޭވާ" އަކީ އޭނާގެ އަލަތު ޑައިރެކްޝަނެވެ. މިއީ އަސަރުގަދަ ލޯބީގެ ފިލްމެކެވެ. ނަހުލާ އާންމުންގެ ތެރޭގައި ބޮޑަށް މަޝްހޫރީ ވެސް ލޯބީގެ އަސަރު ގަދަ މެލޮޑްރާމާތައް ގެނެސްދިނުމަށް ކުޅަދާނަ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ.

"ފަހުނޭވާ" އަކީ ތިނެސްކަން ލޯބީގެ ފިލްމެކެވެ. މީގެ ލީޑް ތަރިންނަކީ މަރިޔަމް ނިޝާ އާއި ހުސައިން ސޮބާހްގެ އިތުރުން ޖަމްޝީދާ އަހުމަދެވެ. މީގައި ނިޝާ ކުޅުނު މަންމަނު ކެރެކްޓާއެކެވެ.

"ފަހުނޭވާ" އަކީ އެ ނުކުތް ދުވަސްވަރު އޭގެ ލަވަތައް ވެސް ވަރަށް މަޝްހޫރުވި ފިލްމެކެވެ.

2. ނާއުންމީދު

"ނާއުންމީދު" އަކީ ނަހުލާގެ ދެވަނަ ޑައިރެކްޝަނެވެ. މިއީ ވެސް ލޯބީގެ އަސަރު ގަދަ ވާހަކައެއް ކިޔައިދިން ފިލްމެކެވެ. ފިލްމުގެ މައިގަނޑު ތަރިންނަކީ ރީކޯ މޫސާ މަނިކާއި ނިޝާއި ޖަމްޝީދާގެ އިތުރުން ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ.

ދެހާސް އެއް ވަނަ އަހަރު ގެނެސްދިން "ނާއުންމީދަކީ" ބޭވަފާތެރި ފިރިއެއްގެ ސަބަބުން ގުޅުމަކަށް ދިމާވާ ކަންތައްތަކެއް ކިޔައިދިން ފިލްމެކެވެ.

3. ކަލާޔާ ނުލާ

ދެހާސް ތިން ވަނަ އަހަރު ގެނެސްދިން "ކަލާޔާ ނުލާ" އަލީ ނަހުލާ ގެނެސްދިން ފިލްމުތަކުގެ ތެރެއިން އެންމެ މަޝްހޫރުވި ފިލްމެވެ. މިއީ އަނެއްކާ ވެސް ތިނެސްކަން ލޯބީގެ ފިލްމެކެވެ.

"ކަލާޔާ ނުލާ" ގެ ލީޑް ތަރިންނަކީ ޔޫއްޕެ، ނިއުމާ މުހައްމަދު އަދި އައިޝަތު ޝިރާނީ އެވެ. މި ފިލްމަކީ ޔޫއްޕެ އާއި ޝިރާނީގެ ޖޯޑު އެކީގައި ފެނުނު ހަމައެކަނި ފިލްމު ވެސް މެ އެވެ

4. ޒުލޭހާ

ދެހާސް ފަހެއްގައި ގެނެސްދިން ދިން "ޒުލޭޚާ" އަކީ ރޫޅޭ ކައިވެންޏެއްގެ ސަބަބުން ކުޑަކުއްޖެއްގެ ހަޔާތަށް ދިމާވާ ހިތްދަތި ކަންތައްތަކެއް ކިޔައިދިން ފިލްމެކެވެ.

މީގައި ޓައިޓްލް ރޯލު ކުޅުނީ ނަހުލާގެ ދަރިފުޅު އީނާޝް ސިނާން އެވެ. "ޒުލޭޚާ" ގެ ކާސްޓްގައި ނިޝާ، ޔޫއްޕެ، ޝީލާ ނަޖީބް، މުހައްމަދު މަނިކް އަދި އަލީ ސީޒަން ހިމެނެ އެވެ.

5. ޔޫސުފް

އޮލިމްޕަސް ސިނަމާގައި ދެއްކި ޝޯތަކުގެ އަދަދަށް ބަލައިފި ނަމަ "ޔޫސުފު" އަކީ ނަހުލާގެ އެންމެ ހިނގި ފިލްމަށް ވާނެ އެވެ. މިއީ މަންމަނު ފިރިހެނެއްގެ ހިތްދަތި ހަޔާތުގެ ވާހަކަ ކިޔައިދިން އެއްޗެކެވެ.

ދެހާސް އަށެއްގައި ރިލީޒްކުރި "ޔޫސުފް" ގެ ތަރިންނަކީ ޔޫއްޕެ އާއި ނިއުމާ އާއި މަނިކާއި ޝީލާ އެވެ. އަދި މީގެ މުހިއްމު ރޯލެއް ކުޑަކުއްޖަކު ކުޅުނެވެ.

6. 4426

ދެހާސް ސޯޅައިގައި ގެނެސްދިން "4426" އަކީ ނަހުލާ މިހާތަނަށް ގެނެސްދިން ހަމައެކަނި ބިރުވެރި ފިލްމެވެ. އަދި މިއީ އެހެން މީހަކާ ގުޅިގެން އޭނާ ޑައިރެކްޓްކުރި ހަމައެކަނި ފީޗާ ފިލްމު ވެސް މެ އެވެ. ފަޅު ގެއެއްގެ ތެރޭގައި ނުނުކުމެވި ތާށިވާ ބަޔަކަށް ކުރިމަތިވާ ބިރުވެރި ހާދިސާތަކެއް ކިޔައިދިން "4426" އަކީ ނަހުލާ އާއި އަހުމަދު ޝިނާން ގުޅިގެން ޑައިރެކްޓްކުރި ފިލްމެކެވެ.

މީގެ ކާސްޓްގައި ޔޫއްޕެ، މަރިޔަމް އައްޒަ، ޖުމައްޔިލް ނިމާލު (ޖުމަލް)، ޝީލާ، މުހައްމަދު ފައިސަލް، އިބްރާހީމް ޖިހާދު (ޖިމީ) އަދި އަލީ ފާރޫގް ފަދަ ތަރިން ހިމެނެ އެވެ.